ބޮލީވުޑް

އިންޑިއާގެ ބޮޑު ވަޒީރު ކަމަށް އައިޝްވަރްޔާގެ ދަރިފުޅު؟

އައިޝްވަރްޔާ ރާއީ ބައްޗަންއާއި އަބީޝޭކް ބައްޗަންގެ ދަރިފުޅު އަރަދްޔާ ބައްޗަން، މުސްތަގުބަލުގައި އިންޑިއާގެ ބޮޑު ވަޒީރުކަން ކުރާނެ ކަމަށް ހޭދަރްބާދުގައި ފާލު ބަލާ މަޝްހޫރު މީހަކު ބުނަން ފަށައިފި އެވެ. މި މީހާ ބުނާގޮތުން ސައުތް އިންޑިއާގެ ސުޕަސްޓާރު އެކްޓަރުން ކަމަށްވާ ޗިރަންޖީވް އާއި ރަޖްނީކާންތު ވެސް ކުރިމަގުގައި ސިޔާސީ ދާއިރާއިން ފެންނާނެ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޑީ ގަނޭޝްވަރް ކިޔާ މި މީހާ ވަނީ ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނިގޮތުން އަންނަ އަހަރު އޮންނަ އިންޑިއާގެ އިލެކްޝަނުންގައި ނަރެންދުރަ މޯދީ ދެ ވަނަ ދައުރަކަށް ހޮވޭނެ ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުވެސް ދެ ވަނަ ދައުރަކަށް ހޮވޭނެ ކަމަށެވެ.

އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ރަޖްނީކާންތު ކުރާނެ ކަމަށް ބުނިއިރު، 2024 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދުގައި ބޮޑު ހަނގުރާމައެއް ހިނގާނެ ކަމަށްވެސް އޭނާ ލަފާކޮށްފައިވެ އެވެ.

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަރަދްޔާއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގަނޭޝްވަރް ބުނީ އަރަދްޔާ އަކީ މުސްތަގުބަލުގައި ސިޔާސީ ދާއިރާގައި ވަރަށް ކާމިޔާބު މީހަކަށްވާނެ ކަމަށެވެ. މިހާރު އުމުރުން އެންމެ ހަ އަހަރުގެ އަރަދްޔާ އޭރަށް ވާއިރު އޭނާގެ ނަން ރޯހިނީއަށް ބަދަލުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަރަދްޔާއަކީ ބޮލީބުޑް ތަރިންގެ ކުދިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އެންމެފަހުން ބޭއްވި ކާންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓް ޝޯގައި އައިޝްވަރްޔާއާއެކު އަރަދްޔާ ފެނިގެންދިޔަ އެވެ.