ކުޅިވަރު

ފަހު ވަގުތު އެއްވަރުކޮށް ސްޕެއިން އެއް ވަނައަށް

މޮރޮކޯއާ އަތުން 2-2 ން އެއްވަރުވިޔަސް، ގުރޫޕް "އޭ" އެއް ވަނައިގައި ސްޕެއިން ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

އެ ގުރޫޕްގެ ދެ ވަނަ އަށް ދިޔައީ މިރޭ އިރާން އަތުން 1-1 އެއްވަރުވި ޕޯޗްގަލް އެވެ. ސްޕެއިން އާ ޕޯޗްގަލްއަށް ވެސް ލިބުނީ ފަސް ޕޮއިންޓެވެ. ފައިދާ ގޯލްގައި ސްޕެއިން އާ ޕޯޗްގަލްވެސް އެއްވަރެވެ. ދެ ޓީމަށްވެސް ފައިދާ އެއް ގޯލެވެ. ނަމަވެސް ސްޕެއިން އަށް ކުރި ލިބެނީ އެ ޓީމުން ޖެހި ގޯލްގެ އަދަދު އިތުރުވުމުންނެވެ.

ދެ ވަނަ ބުރުގައި، ސްޕެއިން ވާދަ ކުރާނީ ގުރޫޕް "އޭ" ދެ ވަނަ ޓީމު، މުބާރާތް ބާއްވާ ގައުމު ރަޝިއާ ދެކޮޅަށެވެ. ޕޯޗްގަލް ވާދަ ކުރާނީ، ގުރޫޕް "އޭ" ގެ އެއް ވަނަ ހޯދި ގުރޫޕް އުރުގުއޭ އާ ދެކޮޅަށެވެ.

އުރުގުއޭ އާއި ސްޕެއިން، ދެ ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ، ރާއްޖޭގަޑިން 11:00 ގަ އެވެ. ޕޯޗްގަލް އާއި ރަޝިއާ ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 7:00 ގަ އެވެ.

މެޗަށް ނިކުތް އިރުވެސް މުބާރާތުން ކަޓާފައިވާ މޮރޮކޯއިން ވަނީ ސްޕެއިން އާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ލީޑް ނެގީވެސް މޮރޮކޯއިންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި، މޮރޮކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހާލިދު ބައުތޯއިބް އެވެ.

އޭގެ ފަސް މިނެޓް ފަހުން ސްޕެއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވައިސް ކެޕްޓަން އަންޑްރޭ އިނިއެސްޓާ ދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ އިސްކޯ އެވެ.

ދެ ވަނަ ހާފުގައި، މޮރޮކޯއިން ލީޑް ނެގީ މެޗުގެ 81 ވަނަ މިނެޓްގައެވެ. އެ ލަނޑު ކާމިޔާބު ކުރީ ޔޫސްފް އެން ނަސީރީ އެވެ. ސްޕެިން ބަލި ނުވެ ސަލާމަތް ކޮށްދިން ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިއާގޯ އެސްޕަސް އެވެ.