ކުޅިވަރު

އިނިއެސްޓާގެ ވަދާއީ ސިޓީން ސްޕެއިން ރޮއްވާލާއިފި

ދެ ވަނަ ބުރުގައި، ރަޝިއާ އަތުން ސްޕެއިން އަށް ކުރިމަތިވި ހިތްދަތި ނަތީޖާއިން ވޯލްޑްކަޕުގެ ދަތުރު ސްޕެއިންއަށް ނިމިގެން ދިޔަ މެޗަކީ، ވައިސް ކެޕްޓަން އަންޑްރެސް އިނިއެސްޓާވެސް ގައުމީ ޓީމުގެ ކެރިއާ ނިމިގެން ދިޔަ މެޗެކެވެ.

ވޯލްޑްކަޕު ފެށުމުގެ އެއް މަސް ކުރިން، އޭނާ ވަނީ އޭނާގެ ރަސްމީ ކުލަބު ބާސެލޯނާގެ ކެރިއާވެސް ނިންމާލާފަ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަންވެސް އިނިއެސްޓާ އިއުލާން ކުރީ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ގައުމީ ޓީމަށް ހާއްސަކޮށް ވަދާއީ ސިޓީއެއް ރައްދުކޮށްފަ އެވެ.

އިނިއެސްޓާގެ ވަދާއީ ސިޓީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދޫކޮށްލުމުން މުޅި ސްޕެއިންގެ އެންމެންނަށް އޭގެ އަސަރު ކުރި އެވެ. ސްޕެއިންގެ ތާރީހްގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ ވަކިވެގެން ދިއުން ފޫބައްދަން އުނދަގޫވާނެ ކަމަށް ސްޕެއިންގެ ފުޓްބޯޅަ ގަބޫލު ކުރެ އެވެ.

"ސްޕެއިންގެ ގައުމީ ޖޯޒީ އަހަރެން ގެ ގަޔަށް މަހާލީ އަހަރެންގެ އުމުރުން 15 އަހަރުގަ އެވެ. އެ އުފާވެރި ވަގުތު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ." އިނިއެސްޓާގެ ސިޓީ ފަށަމުން އޭނާ ބުނެފައި ވެއެވެ.

"އަހަރެންގެ ގައުމުގެ ކުލަ ރަމްޒް ކުރުމަކީ އަހަރެންގެ ދިރިއުޅުމުގައި ދެކުނު ފޮނި ހުވަފެނެކެވެ. އެއީ ހަމައެކަނި ހުވަފެނެއް ހަގީގަތަކަށް ވުމެއް ނޫނެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި އަހަންނަށް ލިބުނު އެންމެ ބޮޑު ހައިސިއްޔަތެވެ. އަދި އެހާމެ ބޮޑު ޒިންމާއެއްވެސް މެއެވެ."

"ފާއިތުވި އަހަރު ތަކުގައި އަހަރެން މަސައްކަތް ކޮށްފައިވާނީ ތިޔަ ސަޕޯޓަރުން ފަހްރުވެރިވާނެ މަސއްކަތެއް ކުރުމަށެވެ. އެކަމަށް އަހަރެން ގަދައަޅައި މަސައްކަތް ކުރީމެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ސްޕެއިންއަށް ހޯދައިދިނީ ފައިނަލުގައި ހޮލެންޑް ކޮޅަށް އިނިއެސްޓާ ކާމިޔާބު ކުރި ލަނޑުންނެވެ. އޭނާގެ ސިޓީގައި ބުނެފައި ވަނީ ސްޕެއިންގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު މަރުހަލާގައި ހޭދަކުރަން އޭނާ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ފަހްރެއް ކަމަށެވެ.

ސްޕެއިންގެ ލެޖެންޑް ބުނެފައި ވަނީ އޭރުގެ ތަރިން ދެކުނު ހުވަފެން ހަގީގަތަކަށް ހެދީ އެ ތަރިންގެ އެންމެ ޒުވާން އުމުރުގައި ކަމަށެވެ. އެއީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އޭނާ ސިފަ ކުރި އެވެ. އަދި ފަހުން ސްޕެއިންއަށް ކުރިމަތިވި އުނދަގޫ ހާލަތުގެ މަތިންވެސް އޭނާ ހަނދާން ކުރި އެވެ.

"އެންމެންނަށް އަހަރެން ބޭނުން ޝުކުރު އަދާ ކުރަން، އަހަރެން ރަނގަޅު އެކުވެރިޔަކަށް ހަދައިދިނީތީ، އަހަރެން ރަނަގަޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ހަދައިދިނީތީ،" އޭނާ ބުނެފައި ވެއެވެ. "މިދިޔަ އަހަރުތަކުގައި ޓީމުގެ ކުޅުންތެރިންނާއެކު އަހަންނަށް ބައިވެރިވެވުމަކީ އަހަންނަށް ލިބުނު ބޮޑު ފަހްރެއް."

ސްޕެއިންގެ މިހާރު އޮތް ސްކޮޑަށް އޭނާ ވަނީ ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ގައުމީ ޓީމަށް އެއްބާރުލުން ދިނުމުގައި އޭނާ އަބަދުވެސް ދެމި ހުންނާނެ ކަަމަށެވެ.

"ސްޕެއިންގެ ޓީމުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކޮށެވެ. އަހަރެން އަބަދުވެސް ހުންނާނީ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގަ އެވެ. އަދި ހުރިހާ ހަލަތެއްގައިވެސް އެއްބާރުލުން ދޭން އަހަރެން ހުންނާނަމެވެ."

"ޓީމަށް އަންނަން ތިބި ކުޅުންތެރިންނާ މެދު އަހަރެން ސުވާލެއްވެސް ނެތެވެ. އެ ކުޅުންތެރިންނާއެކު ވަރަށް ބާރަށް ކުރި އަރަމުން އަންނާނެ ކަން އަހަންނަށް ޔަގީނެވެ. އަދި ކާމިޔާބާ ހަމަޔަށް ދަތުރު ކުރެވޭނެ އެވެ."

އިނިއެސްޓާގެ އިތުރުން، ކީޕަރު ޕެޕޭ ރެއިނާވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. ވޯލްޑްކަޕަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ޑިފެންޑަރު ޖެރާޑް ޕީކޭވެސް ކުރިން އިއުލާން ކުރި އެވެ.