ކުޅިވަރު

އިއޭރޯ އިސްތިއުފާ ދީފި، ސްޕެއިންގެ ކޯޗުކަން އެންރީކޭއަށް؟

ވޯލްޑްކަޕުގައި، ސްޕެއިންގެ ކޯޗު ކަމަށް ހަމަޖެއްސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފެނާންޑޯ އިއޭރޯ މަގާމުން އިސްތިއުފާ ދީފި އެވެ.

ވަގުތީ ގޮތުން، ސްޕެއިންގެ ކޯޗަކަށް، އިއޭރޯ ހަމަޖެއްސީ ވޯލްޑްކަޕު ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެއީ އޭގެ ކުރިން ސްޕެއިންގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ، ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލުވާން އެއްބަސްވުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

އޭރު އިއޭރޯ ހުރީ ސްޕެއިންގެ އެފްއޭގެ ސްޕޯޓިން ޑައިރެކްޓާގެ މަގާމުގަ އެވެ. ކޯޗު ކަމުން އިސްތިއުފާ ދިން ނަމަވެސް، ސްޕޯޓިން ޑައިރެކްޓަރުގެ މަގާމަށް އަލުން އެނބުރި ނުދިއުމަށް، އޭނާ ނިންމާފައިވާ ކަމަށް ސްޕެއިންގެ އެފްއޭއިން ވަނީ ބުނެފަ އެވެ. އާ ސްޕޯޓިން ޑައިރެކްޓަރަކަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ހޯސޭ ފޮރެންޗިސްކޯ މޮނީލޯ ވަނީ ހަމަޖައްސާފަ އެވެ.

ސްޕެއިންގެ އާ ކޯޗަކަށް، ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ގެނައުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެ އެވެ.

މީގެ ދެ އަހަރު ކުރިން، އެންރީކޭ ވަނީ ގައުމީ ޓީމަށް ކޯޗު ކޮށްދޭން ޝައުގުވެރިވާކަން ހާމަ ކޮށްފަ އެވެ.