މުބާރާތް ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށް މިއަދު ކުޅޭ މެޗު ވާނީ ސްޕެއިންއަށް ވަރަށް އުނދަގޫ މެޗަކަށް ކަމަށް ސްޕެއިންގެ ކޯޗް ފެނާންޑޯ އިއޭރޯ ބުނެފި އެވެ.
އޭނާ ބުނީ ސްޕެއިން އޮތީ އިތުބާރާއެކު ކަމަށެވެ. ސްޕެއިންގެ ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ، ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނުމެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ބައިކޮޅަށް ފަސް ގޯލް ވަނީ ވަދެފަ އެވެ. ސްޕެއިންގެ އެއް ވަނަ ކީޕަރު ޑޭވިޑް ޑެހެއާގެ ބަދަލުގައި، ދެ ވަނަ ކީޕަރު ޕެޕޭ ރެއިނާއަށް ފުރުސަތު ދޭން އިއޭރޯ ވިސްނަމުން ދާކަމަށް ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް އިއޭރޯ ބުނީ ފުރަތަމަ 11 އިން ފުރުސަތު ދޭނީ ޑެހެއާ އަށް ކަމަށެވެ.
"އަހަރެމެންގެ ތިބި ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައިވެސް ތަފާތު ގެނެވޭ ވަރުގެ ކުޅުންތެރިން،" އިއޭރޯ ބުންޏެވެ. "އަހަރެމެން ކުޅުންތެރިންނަށް ވަރަށް އިތުބާރު ކުރަން، އެއީ އެންމެ މުހިންމު ކަމަކީ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އަހަރެންގެ ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮށް ފިޒިކަލީ އެކަންޏެއް ނޫން އަދި މެންޓަލީވެސް ފިޓްކޮށް."
"މިއަދު މި ކުރިމަތިލަނީ މުބާރާތުގެ މުޅިން އާ މަރުހަލާއަކަށް، ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރަށް."
ރަޝިއާގެ ކޯޗް، ސްޓަނިސްލާވް ޗެރީޗޭސޮވް ސްޕެއިންގެ ގޭމް ސްޓައިލް އިއޭރޯ ބަދަލު ކޮށްފި ކަމަށާއި އާ ޕްލޭނަށް ރަޝިއާއިން ފަރިތަ ވާން ޖެހޭ ކަމަށެވެ.
"އަހަރެމެންނަށް ފެންނާނެ އޭނާ [އިއޭރޯ] އެ ޓީމުގެ ކުޅޭ ގޮތް ބަދަލު ކޮށްފި، އެއް ކުލުންތެރިންތަކެއް ތިބީ، ނަމަވެސް އެ ކުޅުންތެރިން އަދާ ކުރަން ޖެހޭ ދައުރު ބަދަލު ކޮށްފި، މެޗުގެ ފުރަތަމަ 20 މިނެޓަށް ފަހު އެކަން ފެނިގެންދާނެ."
ސްޕެއިން އާއި ޜަޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 7:00 ގަ އެވެ.