ވާހަކަ

ބުނެދޭށޭރުހެމޭ

(24 ޖޫން 2018 އާ ގުޅޭ)

"އައި ނޯ އައި އޭމް ސޮރީ" ކީފާ ދެއަތް ފުޅާކޮށްލަމުން ބުނެލިއެވެ. ނަމަވެސް އެ އަޑު އެހުމުގެ ބަދަލުގައި އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން އަރްސަލް ހިނގައިގަތީ އެންމެނާ އެކަހެރިވުމަށެވެ. އެހިނދު ވާނުވާ ނޭނގިފައި ހުރި ނިމްރާއަށް ބަލާލެވުނީ ރާދިންއާއި ޝިހާނާއަށެވެ. ޝިހާނާ ދެކޮނޑު އުފުލާލީ އޭނާއަށް ވެސް މިވަނީ ކިހިނެއްކަމެއް ނޭނގެއޭ އިޝާރާތްކުރާ ފަދަ ގޮތަކަށެވެ.

"އޯކޭ! ލެޓްސް ސިޓް" އަރްސަލް ދިޔަ ދިމާއަށް ބަލަން ހުރެފައި ރާދިން ބުނެލިއެވެ. އޭނާގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް އެކަން ފާޅުނުކޮށްވޭތޯ ރާދިން މަސައްކަތް ކުރިއެވެ.

"އަރްސަލްއަށް ވީ ގޮތް ރާދުއަށް އެނގޭ ދޯ... އަހަރެމެން ގާތުގައި ވެސް ބުނެބަލަ" މޭޒު ދޮށުގައި އިށީނެއްކަމަކު ޝިހާނާގެ ނަޒަރު ހުރީ ރާދިންއަށް ހުއްޓިފައެވެ. ކަމެއްވެއްޖެކަން ޝިހާނާއަށް ޔަގީންވީ ރާދިންއަށް ވީގޮތް ފެނިފައެވެ.

"އޭނާ ލާފަ ހުރި ހެދުން މައްސަލައަކީ" ރާދިން ފޫހި ގޮތަކަށް އަނެއްކާ ވެސް އަރްސަލްއާއި ކީފާ ތިބި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

"އެ ހެދުން ކިހިނެއްވީ؟ މިކަހަލަ ރެއަކާ ގުޅޭ ހެދުމެއްނު އެއީ" ޝިހާނާއަށް ބުނެވުނެވެ.

"ރަތްކުލަ މައްސަލައަކީ... ދަޢުވަތު ދެވުނު މެހެމާނުންނަށް ވެސް އަންގާފައި އޮންނާނީ ހެދުން އެޅުމުގައި ރަތްކުލަ ބޭނުން ނުކުރަން، އެކަން ކީފާއަށް ވެސް ރަނގަޅަށް އެނގޭނެ... އަރްސަލް ކިތަންމެ ފަހަރަކު އެކަން ހަނދާންކޮށްދިން، ކޮބާ ބޭނުމަކީ ރަތްކުލައިގެ ހެދުމެއް ލައިގެން އައުމުގެ... މިރޭ ރޭވިފައި އޮތް ކަންކަން ކީފާއަށް ވެސް އެނގޭނެ" ރާދިންގެ އަޑުގައި ހުރި ނުރުހުމުގެ އަސަރު މޭޒު ދޮށުގައި ތިބި އެންމެންނަށް ވެސް ނަގައިގަނެވުނެވެ. އެންމެންނަށް ބަލާލެވުނީ އަރްސަލްއާއި ކީފާ ތިބި ދިމާއަށެވެ. އެ ދެމެދުގައި ހިތްހަމަނުޖެހުމެއް ހިނގާކަން އެމީހުން ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

"ޔޫ ޝުޑް ސްޓޮޕް ހިމް، މިހާރު ފުދޭ ވަރަކަށް މީހުން ވެސް އަތުވެއްޖެ... މިކަހަލަ އިވެންޓެއްގައި އަރްސަލްގެ އިމްޕްރެޝަންއާ މެދު ވިސްނަން ޖެހޭނެ" އިރުކޮޅަކު އިނދެފައި ނިމްރާ ބުންޏެވެ. މޭޒުތަކުގައި ތިބި ބައެއް މީހުންގެ ނަޒަރު އަރްސަލްއާއި ކީފާއަށް ހުއްޓޭތަން އޭނާއަށް ފެނުމުން އެކަމާ ވިސްނާލަން މަޖުބޫރުވީއެވެ.

"ނިމް އެބުނީ ތެދެއް... އަރްސަލް ރުޅިއައިސްގެން ބޮޑުކަމެއް ނުހިނގަނީސް އަހަންނަށް ފެންނަނީ ރާދު ގޮސް އެ ދެ މީހުން ހުއްޓުވަން" ރާދިންގެ އަތުގައި ހިފާ ބާރުކޮށްލަމުން ޝިހާނާ ބުނެލީ އާދޭސްކުރާ ފަދައިންނެވެ. ރާދިން މަޑުމަޑުން ބޯޖަހާލާފައި ތެދުވިއެވެ.

"ތި ހެދުން ލުމަށްވުރެ މިރޭ މިތަނަށް ކީފާ ނައިނަމަ މާ ރަނގަޅުވީސް" ނުރުހިފައި ހުރެ އަރްސަލް ބުނެލިއެވެ.

"އައި އޭމް ރިއަލީ ސޮރީ... ޕްލީޒް... ދެން އޯކޭ ވެބަލަ" އަރްސަލްގެ އަތުގައި ކީފާ ހިފާލަން އުޅުނު ވަގުތު އޭނާ އަތްފޮޅުވާލިއެވެ.

"މިރޭގެ މި އިވެންޓަކީ ކަލެއަށް ޚާއްޞަކުރެވިފައި އޮތް ރަސްމިއްޔާތެއްނޫން... ޖަސްޓް ލީވް ދިސް ޕްލޭސް. ގޯ..." އަރްސަލް ދަތްކުނޑިވިކާލައިގެން ހުރެ ބުނެލިއެވެ.

"ރެޑް ހެދުމެއްގައި އަހަރެން ހުރުމަކުން މިރޭ ރޭވިފައި އޮތް އެއްވެސް ކަމެއް ބަދަލުވާނީއެއްނޫން. ސޯ ޕްލީޒް އަރްސަލް، ކާންޓް ޔޫ ޖަސްޓް ލީވް އިޓް... އަހަރެން ވެސް މި ޙަފުލާއަށް ޓަކައި ތައްޔާރުވީން، އަހަންނަކީ ވެސް މުހިންމު މީހެއްނު މި ހޮޓެލްގެ ކަންކަން ނިންމުމުގައި، އައި ވޯންޓް ލީވް" ކީފާ ގޮތްދޫކުރާކަށް ގަސްދެއްނުކުރެއެވެ.

"ދެޓްސް އިނަފް ޑެމޭޖް ކީފާ... އަހަރެން ކުޑަކޮށް ވެސް އެކްސްޕެކްޓެއް ނުކުރަން ކީފާ ތިހެން ކަންތައް ކޮށްފާނޭ، އަރްސަލްގެ އިތުރުން އަހަރެން ވެސް ބުނިން ދޯ މިރޭ އެކަކު ވެސް ހެދުން އެޅުމުގައި ރަތްކުލަ ބޭނުންނުކުރާނޭ... އައި އޭމް ރިއަލީ ޑިސެޕޮއިންޓެޑް އިން ޔޫ" އަރްސަލްއާއި ކީފާގެ ގާތުގައި އައިސް ހުއްޓިލި ރާދިން ބުނެލިއެވެ.

"އަރްސަލް! މޭޒުތައް ފުރެނީ... މިކަމުގައި ވަގުތު ބޭކާރު ކުރުން މުހިންމެއްނޫން، ގިނައިރެއްނުވެ ރަސްމިއްޔާތު ފެށޭނެ، ލެޓްސް ގޯ ބްރަދާ... އެހެންނޫނީ މީހުންގެ ސަމާލުކަން ހުއްޓެން ބޭނުންނުވާ ކަމަކަށް ހުއްޓިދާނެ" އަރްސަލްގެ ކޮނޑުގައި އަތް ބާއްވާލަމުން ރާދިން ބުނެލިއެވެ. ނުރުހިފައި ހުރެ ވެސް އަރްސަލް ބޯ ޖަހާލިއެވެ.

އަރްސަލް ގޮވައިގެން އައިސް ރާދިން ވެސް މޭޒު ދޮށުގައި އިށީނެވެ. ސްޓޭޖު ފެންނަ ގޮތަށް އަރްސަލްއާއި ރާދިން ތިބީ ކައިރިކައިރީގައެވެ. ރާދިންގެ ކަނާއަތް ފަރާތުގައި ޝިހާނާއިނެވެ. އަރްސަލްގެ ވައަތް ފަރާތުގައި އިނީ ނިމްރާއެވެ. އޭނާއާ ޖެހިގެން އިނީ ހަލަފްއެވެ. ކީފާ އައިސް އިށީނީ ހަލަފްއާ ޖެހިގެން ހުރި ގޮނޑީގައެވެ.

"ޑޭޑް އިޒް ހިއާ" ހަލަފް ސިއްރުން ރާދިންއާއި އަރްސަލްއަށް ބަލާލަމުން ބުނެލިއެވެ. ދެ ޒުވާނުންނަށް އެއްފަހަރާ ބަލާލެވުނީ ބިލާލާއި މުއްޠަލިބަށް ޚާއްޞަ ކުރެވިފައި ހުރި މޭޒަށެވެ.

ތިން ފިރިހެން ދަރީން އެކުގައި އެއްމޭޒެއްގެ ދޮށުގައި ތިބިތަން ފެނި ބިލާލަށް ހިނިތުންވެވުނެވެ. އޭނާގެ ގާތުގައި ހުރި ޝަރުމީނަށް ވެސް ބިލާލުގައި އަތުގައި ހިފާލައި ބާރުކޮށްލެވުނީ ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުންނެވެ. މުއްޠަލިބު ބޮޑުވައިއިނގިލި އަރުވާލަމުން ރާދިންއާއި އަރްސަލްއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިނދު ރާދިން ތެދުވިތަން ފެނުނެވެ. އޭނާއާއެކުއެކީހެން ހަލަފް ވެސް ތެދުވެއްޖެއެވެ. ބިލާލަށް ގުޑިލަން ނޭނގިފައި ހުރީ އަރްސަލްގެ ނަޒަރު ހުއްޓިފައި ހުރި ގޮތް ފެނުމުންނެވެ. ފުރަތަމަ ފަހަރަށް އެ ދަރިފުޅު ހަތަރުކަޅި ބައްދަލުކޮށްލައިގެން އިން އިރު އެ ދެ ލޮލުގައި ނުރުހުމުގެ އަސަރު ނުވާކަން ފާޅުވުމުންނެވެ.

"ޑޭޑް! ދޭ ޑިޑް އިޓް... ސަޅި ދޯ" ހަލަފް އައިގޮތަށް އައިސް ބިލާލުގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ. ބިލާލު ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ ނަޒަރު އަރްސަލްއާ ވަތްކެއްނުވިއެވެ. އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ އަރްސަލް އިންތަނުން ތެދުވެލާ ބޯޖާހާލުމުންނެވެ. ބިލާލު އަވަސްއަވަހަށް ބޯޖަހާލިއިރު އެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެއްޖެއެވެ.

"ރާދިން!... އަރްސަލްގެ ޠަބީޢަތް ރަނގަޅުތަ؟" ބިލާލަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ރާދިންއާއި ހަލަފް ފަސް އެނބުރި އަރްސަލްއަށް ބަލާލާފައި ބިލާލަށް ނަޒަރު ހުއްޓާލިއެވެ. އެ ދެ މީހުން ވެސް ކުޑަކޮށް ހީނލީއެވެ.

"ހީ އިޒް އޯލްރައިޓް... ބައްޕަ އައިމަ ވަރަށް އުފާވެއްޖެ. ގިނައިރެއްނުވެ ހުރިހާ ކަމެއް ފެށޭނެ، ބައްޕަމެން އިށީންނަންވީނު" ރާދިން ހިނިއައިސްފައި ބުނެލިއެވެ.

ބިލާލުއާއި މުއްޠަލިބުގެ ޢާއިލާ މޭޒުދޮށުގައި އިށީނުމުން ރާދިންއާއި ހަލަފް އެނބުރި އެމީހުން ތިބި މޭޒުގެ ދޮށަށް ދިޔައެވެ. އެއާއެކު ބިލާލު ބަލާލީ މުއްޠަލިބަށެވެ. އެ ދެމެދުގައި ހިމޭންކަމުގެ ބަސްމޮށުންތެރިކަމެއް ހިނގި ކަހަލައެވެ. މުއްޠަލިބު ބޯޖަހާލީ ހިނިތުންވަމުންނެވެ.

"ހުރިހާ ކުދީން މިރޭ ހާދަ ރީއްޗޭ" ޝަރުމީނަށް ބުނެލެވުނެވެ. އެންމެން ވެސް އެކަމާ އެއްބަސްވެލިއެވެ.

ގިނައިރެއްނުވެ ރަސްމިއްޔާތު ފެށިއްޖެއެވެ. މެހެމާނުންތައް މޭޒުތައް ދޮށުގައި ހަމަޖެހި ހޯލުތެރެ ހިމޭންވެއްޖެއެވެ. ސްޓޭޖު މަތީ އައިސް ހުއްޓިލި ހޮޓެލްގެ ސްޓާފަކު އޭނާގެ ހެޑް މައިކްއިން ވާހަކަދައްކަން ފެށުމުން އެ އަޑު މުޅި ހޯލްތެރެއަށް ފެތުރިގެންދިޔައެވެ. ބޯލްރޫމުގެ ދެ ކޮޅުގައި ހުރި ބޮޑު އިސްކުރީނުން ސްޓޭޖުގައި ހިނގާ ހުރިހާ ކަމެއް ފެންނަމުންދިޔައެވެ. އެރެއަށް ރޭވިފައި އޮތް އެޖެންޑާ ހުށަހަޅާ ދިނުމާއެކު ފުރަތަމަ ވެސް އޮތީ ހޮޓެލްގެ ނަން ހާމަކުރުމެވެ. ހޮޓެލްގެ ބޭރުގައި ނިވާކުރެވިފައި ހުރި ނަންބޯޑު އޭރު އިސްކުރީނުން ފެންނަމުންދިޔައެވެ. ޓުއަރިޒަމް މިނިސްޓަރ އެ ސެގްމެންޓް ފުރިހަމަކޮށްދެއްވިއެވެ. ސްޓޭޖުގައި މިނިސްޓަރާއެކު އަރްސަލްއާއި ރާދިން ތިއްބެވެ. ޖެނެރަލް މެނޭޖަރު ދިއްކޮށްލި ރަން ތަބަކުގައި އޮތް ރިމޯޓު ރާދިން ނަގައި މިނިސްޓަރަށް ދިނެވެ. ރިމޯޓުގެ ފިތައް މިނިސްޓަރު އޮބާލެއްވުމާއެކު އިސްކުރީނުން ފެނިގެން ދިޔައީ ހޮޓެލްގެ ނަމުގައި އެޅިފައިވާ ރަންކުލައިގެ ސިލްކު ފޮތިގަނޑު ސޮގިގެން ވެއްޓުނު ތަނެވެ. އެއާއެކު އިނގިރޭސި އަކުރުން ލިޔެފައިވާ ހޮޓެލްގެ ނަން އެންމެނަށް ހާމަވެގެންދިޔައެވެ. "ސްކާލެޓް ގޮމަ" ހޮޓެލް ރަސްމީކޮށް ހުޅުވުނީއެވެ. މިނިސްޓަރުގެ ވާހަކަފުޅަށްފަހު ދެން އޮތީ ހޮޓެލްގެ ވެރިފަރާތުގެ ވާހަކަދެއްކުމެވެ. އެބައި ފުރިހަމަ ކުރީ އަރްސަލްއާއި ރާދިންއެވެ. ހޮޓެލްގެ ފުރިހަމަ ޕްރެޒެންޓޭޝަންއެއް ދެ ޒުވާނުން ހުށައެޅިއެވެ. ލިބެން ހުންނާނޭ ޚިދުމަތްތަކާއި ހޮޓެލްގައި ހިމެނެނީ ކިތައް ކޮޓަރިކަމެވެ. އަދި ހޮޓެލްގެ ސުވީޓްތައް ދެ ފެންވަރަކަށް ބަހާލެވިފައިވާކަން ހާމަކުރިއެވެ. ހޮޓެލްގެ އަމިއްލަ ރެސްޓޯރެންޓެއް ހަތަރުވަނަ ފަންގިފިލާފައި ހުންނާނޭކަން ވެސް ހާމަކުރިއެވެ. ދެ ޒުވާނުންގެ ވާހަކަ ނިންމާލަމުން އެ މީހުން އެ ހޮޓެލް ސިފަކުރީ ރަތްކުލައިގެ މާވަހަރެއްގެ ގޮތުގައެވެ. އެތައް ގޮތަކުން ދެ ޒުވާނުންގެ ހަޔާތާ ގުޅިފައިވާ ތަނެއްގެ ގޮތުގައެވެ. އަގު ނުކުރެވޭހާ ޚާއްޞަ ތަނެއްގެ ގޮތުގައެވެ. އެތައް ޖަޒުބާތެއް ގުޅިފައިވާ އިމާރާތެއްކަމެވެ. ހޯލްތެރޭގައި ތިބި އެންމެންގެ އަތްތިލަބަޑީގެ އަޑު އިވިގެންދިޔައެވެ. އެންމެ ފަހު ކަމެއްގެ ގޮތުން ރާދިން ފާހަގަކުރީ ކޮންމެ މޭޒެއްގައި ހޮޓެލްއާ ބެހޭ ބްރޯޝާރ ބެހެއްޓިފައި ހުންނާނޭ ކަމެވެ.

މޭޒުދޮށުގައި އިން ނިމްރާ އިނީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާ އުޅެ ބޮޑުވި ގޭގައި މިހާރު އެވަނީ ދުވަހަކުވެސް ހީނުކުރާ ފެންވަރުގެ އަގުބޮޑު އިމާރާތެއް އެޅިފައެވެ. ޚާއްޞަކޮށް ހޮޓެލްގެ ނަން އިވުނީސުރެން ނިމްރާގެ ސިކުނޑި ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. އަރްސަލްގެ ނަޒަރު އިރުއިރުކޮޅާ ނިމްރާއަށް ހުއްޓޭއިރު އޭނާ ހިނިތުންވާތަން ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ދެނެގަންނަވީ ކީކޭކަމެއް ނިމްރާއަކަށް ނޭނގުނެވެ. "ސްކާލެޓް"އަކީ އަރްސަލްގެ ދުލުން އަބަދުމެ އޭނާއާ މުޚާތިބުކުރާ ނަމެވެ. އަރްސަލް އެ ބުނާ ރަތް މާވަހަރަކީ އޭނާބާއެވެ. އެ ސުވާލާއެކު ނިކަން އަވަހަށް ނިމްރާއަށް ދެފަރާތަށް ބޫހޯރާލެވުނެވެ.

"އިޓްސް ނޮޓް ޕޮސިބަލް... ބަޓް ވައި؟... އަރްސަލް!... ވަޓް އާ ޔޫ ޑުއިން... ގޯޑް... މައި ހާޓް... އިޓްސް ބީޓިން ޓޫ ފާސްޓް... ސްޓޮޕް... ޕްލީޒް ސްޓޮޕް" އިސްޖަހާލައިގެން އިނދެ މަޑުމަޑުން މޭގައި އެއްއަތުން ނިމްރާ ހިފަހައްޓާލިއެވެ.

ހޮޓެލްގެ ޝެޕްގެ ކުޅަދާނަކަން ދައްކާލައިފައިވާ ބުފޭ ހުޅުވާލުމާއެކު ހޯލްތެރޭގެ އަޑުފަށްގަނޑު ގަދަވިއެވެ. ރާދިންއާއި އަރްސަލް އުޅުނީ ރޭގެ ޚާއްޞަ މެހެމާނުންނާއެކުއެވެ. ވީއައިޕީ ގެސްޓުގެ ތެރޭގައި އެ ދެ ޒުވާނުންނަށް ޚާއްޞަ މީހުން ވެސް ހިމެނުނެވެ. އެ ދެ ޒުވާނުންނަށް ހަމަޖެހިލެވުނީ ވަޑައިގެން ތިއްބެވި މިނިސްޓަރުންނާއި އެހެނިހެން ޚާއްޞަ ބޭފުޅުން އެނބުރި ވަޑައިގަތުމުންނެވެ. ރާއްޖޭގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިންގެ ލަވަތައް ސްޓޭޖުގައި ލައިވް ބޭންޑާއެކު ހުށަހަޅައިދެމުންދިޔައެވެ. އެންމެން ވެސް ކުރަނީ ތަޢުރީފެވެ. ދައްކަނީ ހޮޓެލްގެ ފުރިހަމަކަމުގެ ވާހަކައެކެވެ. ޙަފުލާ ރޭވިފައި އޮތް ގޮތުގެ ފުރިހަމަ ވާހަކައެކެވެ. މީޑިއާއިން ޙަފުލާގެ އެކިއެކި ކަންކަން ކަވަރކުރުމުގައި އުޅޭތަން ފެނެއެވެ. ރާދިންއާއި އަރްސަލްގެ ބަހެއް ވެސް އެ މީހުން ހޯދިއެވެ. ފޮޓޯގްރަފަރުން އެ ދެ ޒުވާނުންގެ ފޮޓޯ ނަގަމުންދިޔައެވެ.

"މުއްޠަލިބު!... އަހަރެމެންނަށް ނޭނގުނަސް ކަންކަން ބަދަލުވެއްޖެހެން ހާދަ ހީވޭ، މި ފެންނަ މަންޒަރުތައް ހަމަ އެއްގޮތަކަށް ވެސް ޤަބޫލުކުރަން ފަސޭހައެއްނޫން" ބިލާލުގެ ނަޒަރު ހުއްޓިފައި ހުރީ އަރްސަލްއާއި ރާދިންގެ އިތުރުން އެ މީހުންނާއެކު ހަރަކާތްތެރިވަމުންދިޔަ ކުދީންނަށެވެ.

"އަހަރެން ވެސް ނުދެނަހުރިން އަހަރެންގެ އާނާއާއި ރާދިންއާ އެހާ ގާތްކަމެއް" މުއްޠަލިބު ބުނެލިއެވެ. އޭނާގެ ނަޒަރު ވެސް ހުރީ ބިލާލެކޭ އެއްފަދައިން ކުދީންގެ ހަރަކާތްތަކަށް ހުއްޓިފައެވެ. ބިލާލު ލުއި ގޮތަކަށް ހީނލި އަޑު އިވުނެވެ.

"އެ ދެ ކުދީން ވަރަށް ގުޅޭ. މުއްޠަލިބު! އަހަރެންގެ ރާދިންއާ ކިހާ ގުޅޭ... އެކަމަކު އަރްސަލް... އަހަންނަށް މި އިންނަނީ ޔަގީން ނުވެފައި" ބިލާލުގެ ތުނިކޮށް ހުރި ތުނބުޅީގައި އަތްތިލަ ހިންގާލިއެވެ.

"އަހަންނަށް ވެސް އެ ދެ ކުދީން ގުޅޭ. އަހަންނަށް ހީވަނީ ރަތް ހެދުން ލާފައި އެ ހުރި ކުއްޖާހެން އަރްސަލްއަށް ޚާއްޞަވެގެން އެ އުޅެނީ... މިރޭ ހޮޓެލްއާ ގުޅުވާފައި އަރްސަލް އެ ދެއްކި ވާހަކަ އިވުނެއްނު" މުއްޠަލިބުގެ ޚިޔާލު ހާމަކުރިއެވެ.

"އެކަމަކު އަހަރެންގެ ހިތެއްނުބުނޭ... ބަލާބަލަ މުއްޠަލިބު، ރަތް ހެދުންލީ ކުއްޖާ އަރްސަލްއާ ކިތަންމެ ގާތުގައި ހުއްޓަސް އަހަރެންގެ ދަރިފުޅުގެ ނަޒަރު ހުރީ އޭނާއަކަށް ނޫން، އެ ނޫކުލައިގެ ހެދުމުގައި އެއީ ކޮން ކުއްޖެއްތަ؟ އޭނާގެ އިސްތަށިގަނޑުގައި އެވަނީ ރަތްކުލައެއްނު... އަރްސަލް އެބުނާ ރަތް މާވަހަރަކީ އެއީހެން ހާދަ ހީވޭ... މުއްޠަލިބު! އަހަރެންގެ އަރްސަލް ތަފާތުހެން ހިޔެއްނުވޭތަ؟ އެކުއްޖާ އަހަންނަށް މިރޭ ބަލާލިގޮތް ދުށިންތަ؟ މީ ކޮންކަހަލަ ބަދަލެއް... ލޫން ވަކިވެދިއުމުގެ ހިތާމައިން އެ ދަރިފުޅު އަރައިގަނެއްޖެކަން ޔަގީން... ހަލަފްއާއި އާނާގެ އިތުރުން ރާދިންއަށް ވެސް އެ ރަތް އިސްތަށިގަނޑުގެ ވެރިޔާ ކަމުދާކަން ޔަގީން، އެއީ ކޮންކުއްޖެއްތަ؟ އެއްވެސް ހަރަކާތްކުރުމަކާއި ވާހަކަދެއްކުމަކާނުލާ އެންމެންގެ ސަމާލުކަން އޭނާ އެބަ ހޯދާ... ޚާއްޞަކޮށް އަހަރެންގެ އަރްސަލްގެ ހުރިހާ ސަމާލުކަމެއް އެވަނީ އެ އަންހެންކުއްޖާއަށް ހުއްޓިފައި، ރަތް ހެދުންލީ ކުއްޖާ އެއްފަރާތްކޮށް އޭނާއާއެކު ފޮޓޯ ނަގަން އަރްސަލް އިސްކަން ދޭތަން އެބަފެނެ އެއްނު" ބިލާލަށް ފެންނަމުންދިޔަ މަންޒަރުތަކަށް އިޝާރާތްކުރަމުން އޭނާ ވާހަކަދެއްކިއެވެ.

"އަހަރެން ވެސް މީގެ ކުރީން ނުދެކެން އެ ކުއްޖާއެއް... އަރްސަލްގެ ދިރިއުޅުމަށް އަންހެންކުއްޖަކު އައިކަމެއް ވެސް ނުދެނަހުރިން... ރާދިން ވެސް ނުބުނޭ އެކަހަލަ ވާހަކައެއް" މުއްޠަލިބު ބުނެލިއެވެ. އެއާއެކު ބިލާލު ތަންކޮޅެއް ބާރަށް ހީނގަތް އަޑު އިވުނެވެ. ހައިރާންކަމާއެކު މުއްޠަލިބު ބަލާލިއެވެ.

"ރާދިން... އެކުއްޖާ އަރްސަލްގެ ސިއްރެއް ހާމައެއްނުކުރާނެ... ދެން ހުރީ ހަލަފް، އޭނާ އެ ދެބެންދެކެ އެވާ ލޯތްބެއް ޚުދު އަހަންނަށް ވެސް ނުވިސްނޭ. އެކުދީންގެ މެދުގައި އޮތް ސިއްރެއް އެއިން އެއްވެސް ކުއްޖަކު ހާމައެއްނުކުރާނެ" ހިނިއައިސްފައި އިނދެ ބިލާލު ބުންޏެވެ. އެއްބަސްވުމުގެ ގޮތުން މުއްޠަލިބު ބޯޖަހާލިއެވެ.

ޙަފުލާ ނިމުމަކަށް އައިއިރު އެންމެ ފަހު ބައެއްގެ ގޮތުން ނުކުތީ ބިލާލުއާއި މުއްޠަލިބުގެ ޢާއިލައެވެ. ރާދިންއާއި ސަލާމްކުރުމަށްފަހު އަރްސަލްގެ ކުރިމައްޗަށް ހުއްޓި ބިލާލު އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފަން ނުހިފަން ހުރި ފަދަ ގޮތަކަށް އަރްސަލް ހުއްޓެވެ. އޭނާ ދެން ބަލާލީ އެއްފަރާތުގައި ހުރި ނިމްރާއަށެވެ. އޭނާ ހުރީ އަރްސަލްމެންނަށް ބަލަންކަން އެނގުނީ ދެނެވެ. ނިމްރާ ހިނިތުންވެލުމުން އަރްސަލް ވެސް ހިނިތުންވެލިއެވެ. އެ ދެމެދުގައި ހިނގައިދިޔަ ކަމެއްވިއްޔާ ބިލާލަށް ވެސް ފެނުނެވެ. އޭނާ ހައިރާންކުރުވީ އަރްސަލް ސަލާމްކުރުމުންނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނު އިރު ބިލާލުގެ ހިތަށް ވަރަށް ބޮޑު އަސަރެއްކޮށްފިއެވެ. އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ބިލާލުގެ ދޫ ހަރަކާތެއްނުކުރިއެވެ. ނުކުމެގެން ދިއުމުގެ ކުރީން އަދިވެސް އެއްފަހަރު ބިލާލުގެ ނަޒަރު ދުރުގައި ހުރި ނިމްރާއަށް ހުއްޓުނެވެ. އެ އަންހެންކުއްޖާއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ހަލަފް ދާންވީނު ބައްޕަމެންނާއެކު" ބިލާލަށް އަޑުއިވޭ ވަރަށް ރާދިން ބުނެލިއެވެ.

"އަހަރެން ފޮނުވާލަނީތަ؟ ޔޫ ޕްރޮމިސް ހޮޓެލްގެ ޓުއާއެއް ދޭނަންކަމަށް" ކުޑަކުއްޖަކުހެން ހަލަފް ބޮޑާ ހާކާލިއެވެ.

"މިރެއަކުނޫން" ރާދިން ބުންޏެވެ.

"އަހަރެން ނުލާ ނުވާނެ އާނާސިސްއާއި ރެޑްއަށް ޓުއާއެއް ދީގެން" ހަލަފް ޝަރުތުކުރިއެވެ.

"އަހަރެމެން ވެސް ދެން ދާނީ ގެއަށް" ޝިހާނާ ބުނެލިއެވެ.

"ގޯ ހޯމް ހަލަފް" އަރްސަލްގެ ހަރުކަށި ރާގުގައި ބުނެލިއެވެ.

"ފައިން!... އައި އޭމް ގޮއިން... އެކަމަކު އަހަރެންގެ ގުރޫޕް ފޮޓޯއަށްފަހު" ހަލަފް ބުނެލިއެވެ. ހަލަފް އައިސް އެންމެ ފުރަތަމަ ވެސް ޝިހާނާއާއި ނިމްރާއާއެކު ފޮޓޯއެއް ނެގިއެވެ. އަދި ހޯލުތެރޭގައި ހަރަކާތްތެރިވަމުންދިޔަ ސްޓާފަކަށް ގޮވާ ގެނެސް އޭނާ ލައްވާ ހަލަފްގެ ފޯނުން އެންމެން އެކުގައި ފޮޓޯއެއް ނެގިއެވެ. އެ މަންޒަރު ބަލަން ދޮރުކައިރީ ބިލާލުއާއި މުއްޠަލިބު ތިބިކަމެއް އެ މީހުން ނުދެނަހުއްޓެވެ.

"ގުޑްނައިޓް އެވްރިވަން... ގުޑްނައިޓް ރެޑް" ހަލަފް އަތްހޫރާލަމުން ނުކުމެގެން ދިޔައެވެ.

ރާދިންއާއި އަރްސަލް ހަމަޖައްސަން ހުރި ކަންކަން ހަމަޖައްސާފައި އަންނަންދެން ނިމްރާއާއި ޝިހާނާ މޭޒެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. އެ މީހުންނާއެކު ކީފާ ވެސް އިނެވެ. އެކަކު ވެސް ވާހަކަދައްކާތަނެއް ނުފެނެއެވެ. ޝިހާނާ އިނީ ތުންފިއްތާލައިގެންނެވެ.

"ހިނގާ ދަމާ" މޭޒު ކައިރިއަށް އައި ރާދިން ބުނެލިއެވެ. އޭނާއާއެކު ހުރި އަރްސަލް ވެސް ނިމްރާއަށް ބޮލުން އިޝާރާތްކޮށްލީ އައުމަށެވެ.

"އަހަރެން ވެސް ތި މީހުންނާއެކު ދާން މި މަޑުކުރަނީ... ހުޅުމާލެއަކައްނު ދާނީ" ކީފާ ބުނެލިއެވެ.

"ކީފާ އައީ ވެސް އަހަރެމެންނާއެކުއެއްނޫނެއްނު... މިރޭ ޖެއްސި ސްޓަންޓު އަހަރެން ހަނދާންނެތުނީ ކަމައްތަ ހީކުރީ، އަމިއްލައަށް ގެއަށް ދާނޭ ގޮތެއް ހޯދާ" އަރްސަލް ނުރުހިފައި ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ނިމްރާގެ އަތުގައި ހިފައިގެން ހޮޓެލުން ނުކުންނަން ދިޔައެވެ. (ނުނިމޭ)