ދުނިޔެ

ގަދަ ހޫނު އަދިވެސް ދަނީ ފެތުރެމުން، ސަމާލުވޭ: އިންޑިއާ ސަރުކާރު

May 28, 2015

އިންޑިއާގެ ގިނަ ހިސާބުތަކެއްގެ ހޫނުމިން އަދިވެސް ހުރީ ވަރަށް މަތީގައި ކަމަށް ބުނެ، އާއްމުން ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ އިލްތިމާސްކޮށްފި އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާގެ އެކި ހިސާބުތަކުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1،100 އަށް ވުރެ މައްޗަށް އަރާފަ އެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ގަދަ ހޫނުގެ އަސަރުކުރަމުން ދާތާ ހަފުތާއެއްހާ ދުވަސް ވެފައި ވާއިރު، ބައެއް ހިސާބުތަކުގައި ހޫނުމިން ވަނީ ގާތްގަނޑަކަަށް 50 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ. އެ ގޮތުން، ދެކުނުގެ ސިޓީއެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ. ވެރިރަށް ނިއު ދިއްލީގެ ހޫނުމިން ވެސް ވަނީ މީގެ ކުރީ އަހަރުތަކުގައި މި ދުވަސްވަރު ނުދާހާ މައްްޗަށް ގޮސްފަ އެވެ. އެ ގޮތުން، ދިއްލީގެ ހޫނުމިން މި ދުވަސްވަރު އުޅެނީ ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސްގަ އެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ދެކުނުގެ ދެ ސްޓޭޓެއް ކަމަށްވާ އަންދުރަ ޕްރަދޭޝް އާއި ޓެލަންގަނާގަ އެވެ. އެ ގޮތުން، މިދިޔަ ހަފުތާ އިން ފެށިގެން މިހާތަނަށް އެ ދެ ސްޓޭޓުގައި އެކަނި ވެސް ޖުމްލަ 1،118 މީހުން މަރުވެފައިވެ އެވެ. މީގެ އިތުރުން، ހުޅަނގުު ބެންގޯލާއި އޮރިއްސާގައި ވެސް 24 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފަގީރު ހިސާބުތަކުގަ އެވެ. އެ ސަރަހައްދުތަކުގެ މަގުތަކާއި މާރުކޭޓުތައް ހުހަށް އޮތްއިރު، ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 100،000 ރުފީސްގެ ބަދަލެއް ދިނުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް، އެ ބަދަލު ދެމުން ދަނީ ތިން މެމްބަރުންގެ ހާއްސަ ކޮމިޓީއަކުން މަރުގެ ސަބަބު ޔަގީންކުރުމަށް ފަހު އެވެ.

ގަދަ ހޫނުގެ ސަބަބުން ގިނަ ހިސާބުތަކަކުން ކަރަންޓު ކެނޑި، މީހުންގެ އާއްމު ދިރިއުޅުމަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެ ގޮތުން، ހުޅަނގު ބިތުގައި އޮންނަ ކަލްކަޓާގައި ޓެކްސީ ޑްރައިވަރަކު ކާރު ތެރޭގައި މަރުވުމާ ގުޅިގެން، އެ ސިޓީގެ ހުރިހާ ޓެކްސީ ޑްރައިވަރުން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 11:00 އިން ހަވީރު 4:00 އަށް ދަތުރުތައް މެދުކަނޑާލާފަ އެވެ.

އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރައާ ކުރިމަތިވާނީ މި މަސް ނިމޭއިރު އެވެ. އެހެން ނަމަވެސް، ގަދަ ހޫނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދެކުނުގެ ސަރަހައްދުތަކަަށް ވިއްސާރަކުރަން ފަށާނީ އަންނަ މަހު ފަހުކޮޅު އެވެ.