ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ އަޑުއެހުމެއް މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފި އެވެ. މި މައްސަލާގެ އަޑުއެހުމެއް ބާއްވަން އުޅުނީ ދުވަސްތަކަކަށްފަހު އެވެ.
ޝަރީއަތުގެ ކުރިން ދެ ފަރާތުން ވެސް ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބާއްވަން އުޅުނު މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ. އޭގެ ތަފްސީލެއް ކޯޓުން ނުދެ އެވެ.
ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް މައުމޫން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، ދިގު 30 އަހަރު ވެރިކަން ކުރައްވައި ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނަވައިގެން އެކި ފަހަރު މަތިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ކަމަށްވާ އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދަށް ރިޝްވަތު ދީފައިވާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެއްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރައީސް މައުމޫން އުޅުއްވާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ދައުވާއަށް ޖަވާބު ދެއްވުމުގެ ގޮތުން ރައީސް މައުމޫން ވިދާޅުވެފައިވަނީ، "ދައުވާއަށް ސަތޭކައިން ސަތޭކަ އިންކާރު ކުރައްވާ" ކަމަށެވެ. އެއްވެސް ހެއްކެއް ވެސް ނޯންނާނެ ކަމަށާއި ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދައުލަތުން ވަނީ 33 ހެއްކެއް ރައީސް މައުމޫންއާ ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ކަޅު ފޮށި އެއް ތަނުން އަނެއް ތަނަކަށް ގެންދިޔަ މަންޒަރު ފެންނަ ސީސީޓީވީގެ ސެނެޕްސްތަކެއް ހިމެނެ އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ހުށަހެޅި އެވެ.