ދުނިޔެ

އައިއެސްއާ ގުޅެން އުޅުނު މީހަކު ސިންގަޕޫރުން ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފި

May 28, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅެން އުޅުނު ކަމުގެ ތުހުމަތުގައި ސިންގަޕޫރުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފި އެވެ.

އަޒްލިފަކީ ޓެރަރިޒަމާ ގުޅުންހުރި ކަމެއްގައި ސިންގަޕޫރުން މިހާތަނަށް ހައްޔަރުކުރި އުމުރުން އެންމެ ޅަ ކުއްޖާ ކަމަށްވެ އެވެ. އަދި އޭނާ އަކީ އައިއެސްއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އެ ގައުމުން ހައްޔަރުކުރި ފުރަތަމަ މީހާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސިންގަޕޫރުގެ ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ޓެރަރިޒަމާ ގުޅުންހުރި ހަރަކާތްތައް" ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ އަރިފިލް އާޒިމް ޕުޓްރަ ނުރުޖާ އެވެ. އައިއެސްއާ ގުޅޭނެ ގޮތް ހޯދުމަށް ބައެއް މީހުންނާ ވާހަކަދެއްކުމުގެ އިތުރަށް، ބޮން ހަދާނެ ގޮތާއި ސީރިއާ އަށް ދެވޭނެ ގޮތްތައް ވެސް އޭނާ ދިރާސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މުހިއްމު ސަރުކާރު އިމާރާތްތަކަށް ހަމަލާދީ، އިސް ވެރިންތަކެއް މަރާލަން އޭނާ ވަރަށް ބޮޑަށް ވިސްނާފައިވޭ. އެ ޕްލޭންތައް ފެއިލްވެއްޖެ ނަމަ، އޭނާ ވިސްނާފައި އޮތީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް، އާއްމު ތަންތަނުގައި ވަޅި ފަދަ ތަކެތި ބޭނުންކޮށްގެން މާރާމާރީ ހިންގަން. އެހެން މީހުން އޭނާގެ ވިސްނުމަށް އަނބުރާލުމަށް ވެސް ރާވާފައިވޭ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އައިއެސްއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ސިންގަޕޫރުން ހައްޔަރުކުރި ފުރަތަމަ މީހަކީ އަޒްލިފް ކަމަށް ވިޔަސް، އެ ޖަމާއަތާ ގުޅުމަށް ދިހަވަރަކަށް ސިންގަޕޫރުގެ ރައްޔިތުން ސީރިއާ އަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިދިޔަ އަހަރު ބުނެފައިވެ އެވެ.

ހައްދުފަހަނައެޅުމުގެ މައްސަލަ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އެ ގޮތުން، ސީރިއާ އާއި އިރާގު ފަދަ ގައުމުތަކަށް ހަނގުރާމަ އަށް ދާން އުޅުނު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ މީހުން މެލޭޝިއާ އާއި އިންޑޮނީޝިއާ އިން ވަނީ ދާދި ފަހުން ހައްޔަރުކޮށްފަ އެވެ.