ކުޅިވަރު

މާޒިޔާގެ އެއްވަނަ ކީޕަރުގެ މަގާމު ހުސެންއަށް

މާޒިޔާއަށް އިތުރު ކީޕަރެއް ނުގެންނަ ގޮތަށް ނިންމައި، އެ ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމަށް ޒުވާން ކީޕަރު ހުސައިން ޝަރީފް ދާއިމީ ކޮށްފި އެވެ.

މި ސީޒަން މާޒިޔާއިން ފެށީ، އިޓަލީގެ މައުރޯ ބޮއެރިޗޯ އާއެކު އެވެ. އޭނާގެ ޑިސިޕްލިން ގޯސް ވުމުން، އޭނާ ދޫކޮށްލަން މާޒިޔާއިން ނިންމީ މާލޭ ލީގްގެ ފަހު ކޮޅުގައި، އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެންނެވެ. އޭގެ ފަހުން މާލޭ ލީގްގެ ބާކީ އޮތް ހަތަރު މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ ހުސައިން އެވެ.

ބޮއެރިޗޯ ފޮނުވާލުމަށް ފަހު، އޭރު މާޒިޔާގެ ވިސްނުން ގެންގުޅުނީ، ޓްރާންސްފާގައި އިތުރު ބިދޭސީ ކީޕަރެއް ގެނައުމަށެވެ. ނަމަވެސް މާޒިޔާގެ ވިސްނުން ބަދަލުވީ ހުސައިން އަށް ދިން ފުރުސަތުގައި އޭނާ ދެއްކި ކުޅުން ރަނގަޅު ވުމުންނެވެ. ޕްރެޝަރު މެޗުތަކުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.

މާޒިޔާގެ އޮފިޝަލަކު ބުނީ، އިތުރު ކީޕަރެއް ނުގެންނަން ނިންމާފައިވާ ކަމަށާއި ހުސައިން އަށް އިތުބާރު އެބައޮތް ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާގެ ގޯލް ބަލަހައްޓާނީ ހުސައިން އެވެ. އެކަމާ ބެހޭގޮތުން "އަވަސް" އާ ވާހަކަ ދައްކަމުން އޭނާ ބުނީ، ފުރަތަމަ 11 އިން ފުރުސަތު ލިބޭތީ އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

"އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގައުމީ ޓީމުގެ މުހިންމު ދެ މުބާރާތެއް [އޭޝިއަން ގޭމްސް އަދި ސާފް ޗެމްޕިއަންޝިޕް] ކުރިމަތީގައި އޮއްވައި މިފުރުސަތު ލިބޭގޮތް ވުން،" ތ. ކިނބިދުއަށް ނިސްބަތްވާ ކީޕަރު ބުންޏެވެ. "އަޅުގަނޑު ބޭނުން އަޅުގަނޑުގެ ފެންވަރު ސާބިތު ކޮށްދޭން، އެކަމަކު އަޅުގަނޑު މަސައްކަތް ކުރާނީ ކެތްތެރި ކަމާއެކު."

ހުސައިން، 19 އަކީ މިހާރު ގައުމީ ޓީމުގެ ދެ ނަންބަރު ކީޕަރެވެ.