ހަބަރު

ހިމާޔަތް ހޯދާ މީހުންނަށް ވާދަނުކުރެވޭ ގޮތަށް އިސްލާހު ކޮމެޓީން ފާސްކޮށްފި

ބޭރު އެކި ގައުމުތަކުން ސިޔާސީ ހިމާޔަތް ހޯދައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވީ ރާއްޖެއިން ބޭރު ގައުމެއްގެ ރަށްވެހިކަން އޮންނަ މީހެއް އެ ރަށްވެރިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ވެރިކަމަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމުގެ އިސްލާހެވެ.

ނަމަވެސް މިއަދު އެ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ނިހާން ވަނީ ބޭރު ގައުމުތަކުން ސިޔާސީ ހިމާޔަތް ހޯދައިގެން އުޅޭ މީހުންނާއި ހިޖުރަކޮށްގެން އުޅޭ މީހުންނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެ އިސްލާހު ގާނޫނަށް ގެންނަން ހުށަހެޅީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ކޮމެޓީގަ އެވެ.

ކޮމެޓީއިން ފާސްކޮށްފައިވަނީ އެހެން ގައުމެއްގެ ރަށްވެހިކަން ދޫކޮށްލާތާ ނުވަތަ އެހެން ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލާތާ 10 އަހަރުވުމުން ނޫނީ ރިޔާސީ އިންތިހާބުގައި އެމީހަކަށް ވާދަ ނުކުރެއްވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. މި އިސްލާހު ފާސްކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ވަނީ ތާވަލުކޮށްފަ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ނިހާން މިއަދު ވިދާޅުވީ، އެ އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި ބޭރުގެ ނުފޫޒުން އެއްކިބާކުރުމަށް ގާނޫނީ އޮނިގަނޑަށް ވައްދަން ޖެހޭ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. ރާއްޖެއިން ބޭރުގައި މުޅި އުމުރު ދުވަހު ހޭދަ ކުރެއްވުމަށްފަހު ކުއްލިއަކަށް ގައުމު މަތިން ހަނދާންވެ ވެރިކަމަށް ކުރިމަތިލެއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ނިހާން އިޝާރަތް ކުރެއްވީ ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯދައްވައިގެން އުޅުއްވާ ބޭފުޅުންނަށެވެ. އެގޮތުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުން ވަނީ ސިޔާސީ ހިމާޔަތް ދެއްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޖަރުމަންވިލާތުން ހިމާޔަތް ދެއްވާފަ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދަށް ވެސް އިނގިރޭސިވިލާތުން ވަނީ ސިޔާސީ ހިމާޔަތްދީފަ އެވެ.