ހަބަރު

އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތައް ވީދާލަން ނުކުތީ ފުލުހުން

Jun 26, 2018
7

އެމްޑީޕީ ރިޔާސީ ކެމްޕޭންގެ ޕޯސްޓަރު ހަރުކުރުން މާލޭގައި މިއަދު ހަވީރު ކުރިއަށް ދަނިކޮށް ފުލުހުން އައިސް އެ ޕޯސްޓަރުތައް ނައްޓުވައި އެކަމަށް ހުރަސް އަޅައިފި އެވެ.

"ޖަޒީރާ ރާއްޖޭ"ގެ ނަމުގައި ވަކި މީހެއްގެ ފޮޓޯ ނުޖަހާ ހުރި އެ ޕޯސްޓަރުތައް މާލޭގެ އެކި ތަންތަނުގައި ހަރު ކުރުމަށް އިއްޔެއިން ފެށިގެން އެމްޑީޕީ އަންނަނީ ހަރަކާތެއް ހިންގަމުން އެވެ. އިއްޔެ ވެސް ފުލުހުން އެކަމަށް ހުރަސް އަޅައި ބައެއް ޕޯސްޓަރުތައް އަތުލި އެވެ. އެހެން ނަމަވެސް، މިއަދުވެސް ފުލުހުން ވަނީ އެމްޑީޕީ އިން ބައެއް ޕޯސްޓަރުތައް ހަރުކުރަނިކޮށް އެތަކެތި އަތުލައިފަ އެވެ. އަދި ބައެއް ފާރުތަކުގައި ހަރުކުރި ޕޯސްޓަރުތައް ފުލުހުން ނުކުމެ ވީދައިވެސް ލާފައިވެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ފުލުހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވި ދާނެ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި ކެމްޕޭން ކުރުމުގެ ފުރުސަތު ހަމައެކަނި ރައީސް ޔާމީންއަށް ލިބިވަޑައިގަތުމަކީ ބޭއިންސާފެއް ކަމަށް ވެސް އަންނަނީ ބުނަމުން އެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރިޔާސީ ކެމްޕޭންގެ ޕޯސްޓަރުތައް ހަރުކުރުމަށް ފުލުހުން ހުރަސް އެޅުމުން ފަދަ އަމަލުތައް ހުއްޓުމަކަށް ގެނެވެން އޮތީ އެކަމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައްޗަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އެކަމަށް ހައްލެއް ލިބެންދެން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ވެސް އެ ޕާޓީ އިން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފުލުހުންނާ ވެސް ބައްދަލުކޮށް ހުރިހާ ފަރާތްތަކަށް ކެމްޕޭން ކުރުމަށް ފުރުސަތު ދިނުމަށް އެދިފަ އެވެ.