ވިޔަފާރި

ގެސްޓްހައުސްތަކަށް "މޯލްޑިވްސް ޝޯ ކޭސް "ގައި ބައިވެރިވާން ހެޔޮ އަގެއް

Jun 27, 2018

ސްރީލަންކާގައި އަންނަ މަހު ބާއްވާ "މޯލްޑިވްސް ޝޯވްކޭސް" ފެއާގައި ގެސްޓް ހައުސްތަކަށް ހާއްސަ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހުޅުވާލައިފި އެވެ.

ގޭމްގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ ސްރީލަންކާގައި އޮންނަ އެ ފެއާއަށް ދާ ގެސްޓް ހައުސްތަކަށް 500 ޑޮލަރު (ގާތްގަނޑަކަށް 7،710ރ) އަށް ބައިވެރިވެވޭނެ ކަމަށެވެ.

"ގެސްޓްހައުސްތަކަށް ހާއްސަ އަގެއް މިއީ. މިއީ ރަނުގެ ފުރުސަތެއް ގެސްޓްހައުސްތައް ބައިވެރިވެ ވިޔަފާރި ޕްރޮމޯޓް ކޮށްލެވޭނެ" ކަރަމް ވިދާޅުވި އެވެ.

މޯލްޑިވްސް ޝޯވްކޭސް ފެއާ އޮންނާނީ އަންނަ މަހުގެ 26 އިން 27 ދެ ދުވަހަށް ސްރީލަންކާގެ ތާޖު ސަމޫދުރާ ހޮޓެލްގަ އެވެ.

އިވެންޓް މެނޭޖްމެންޓް ކުރާ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އާއި ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ބާއްވާ މި ފެއާއަކީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ވިޔަފާރި އާއި ހުނަރުތައް ތަމްސީލް ކުރުމާއި ޕްރޮމޯޓް ކުރުމުގެ ފެއާއެކެވެ.