ހޮލީވުޑް

"ސެޓް އިޓް އަޕް"ގެ ސީކުއެލްއެއް ގެނެސްދީފާނެ

މި މަހު 15 ގައި ނެޓްފްލިކްސް އިން ގެނެސްދިން އޮރިޖިނަލް ފިލްމު "ސެޓް އިޓް އަޕް" ގެ ސީއުކެލް ފިލްމެއް ގެނެސްދީފާނެ ކަމުގެ އިޝާރާތެއް އެ ފިލްމުގެ ކާސްޓުން ދޭން ފަށައިިފި އެވެ.

ރޮމޭންޓިކް ކޮމެޑީ މި ފިލްމުގައި ފެނިގެން ދާނީ އޮފީހެއްގެ ބޮޑު ދެ މީހެއްގެ އެސިސްޓެންޓުން އެމީހުންގެ ބޮޑު މީހާއަށް ލޯބި ހޯދައި ދިނުމަށް ކުރާ މަސައްކަތްތަކެވެ. މި ސަކަރާތުގެ ތެރެއިން ލޯބިވެވެނީ މި ދެ އެސިސްޓެންޓުންނަށެވެ.

ސީކުއެލް ގެނެސްދީފާނެ ކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ދިނީ މި ފިލްމުގައި ލީޑުން ފެނިގެންދާ ބަތަލާ ޒޯއީ ޑެޗް އެވެ. ޒޯއީ ކުރި އިންސްޓަގުރާމް ޕޯސްޓެއްގައި ނެޓްފްލިކްސް ޓެގު ކުރުމަށް ފަހު ބުނެފައި ވަނީ، "އެހެންވީމަ އަހަރެމެންނަށް ދެ ވަނަ ބައެއް ހަދަން ފުރުސަތު ލިބޭނެ؟" ހެއްޔެވެ.

ޒޯއީއާއެކު ލީޑުން މި ފިލްމުގައި ފެނިގެންދަނީ ގްލެން ޕޯވެލް އެވެ. އިންސްޓަގްރާމް ޕޯސްޓްގައި އިނީ ވެސް މި ދެ މީހުން ފޮޓޯއެކެވެ.

ޒޯއީގެ އިންސްޓަގުރާމް ޕޯސްޓް.

ޒޯއީ އާއި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނާއި ސްކްރީން ޕްލޭ ލިޔުނު ކެޓީ ސިލްބާމަން އަދި ޑައިރެކްޓަރު ކްލޭރް ސްކޭންލޮން ވެސް ވަނީ ސީކުއެލްގެ އިޝާރާތެއް ދީފަ އެވެ. އަދި އީ އޮންލައިންއަށް ދިން އިންޓަވިއުއެއްގައި ކްލޭރް ވަނީ ސީކުއެލް ގެނެސްދީފާނެ ކަމަށް ބުނެފަ އެވެ.

"ސެޓް އިޓް އަޕް" ގެ ޓްރެއިލާ.

ސީކުއެލްގެ ވާހަކަތައް ދެކެވުނު ނަމަވެސް ނެޓްފްލިކްސް އިން އަދި ސީކުއެލް ގެނެސްދޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.