ހަބަރު

ހުކުމަކުން ފާރިސްގެ އަޒުމެއް ނުގުޑާނެ: އަނބިކަނބަލުން

ބޭއިންސާފުން ކިތަންމެ ހުކުމެއް ކުރިޔަސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަޒުމު ނުގުޑާނެ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވިދާޅުވެއްޖެ އެވެ.

ލީޝިޔާ މިހެން ވިދާޅުވީ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ ރޭ ހުކުމް ކުރުމުންނެވެ. ރޭ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ފާރިސް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މީގެ 11 މަސް ކުރިންނެވެ. ހުކުމަކާ ނުލާ އޭނާ ބަންދުގައި އެތައް ދުވަހެއް ހޭދަކުރައްވާފައިވާއިރު ގިނަ ތުހުމަތުތަކެއް އޭނާއަށް ކުރެ އެވެ.

ފާރިސް ފުރަތަމަ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. މެންބަރެއް ތަހުގީގަށް ދިން ބަޔާނެއްގެ މައްޗަށް އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލި އެވެ.

އެ ދައުވާގެ ޝަރީއަތް ފެށުމާއެކު ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މައްސަލާގައި އެތައް ދުވަހެއް ބަންދުގައި ބެހެއްޓިފައިވާތީ އޭނާ ދޫކޮށްލުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވި އެވެ. އޭނާ ބަންދުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އަނެއްކާ ވެސް ހައްޔަރުކުރި އެވެ. އެ ތުހުމަތާ ގުޅިގެން މިހާތަނަށް ފާރިސްއަށް ދައުވާއެއް ނުކުރެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނުއިރު ފާރިސް ހުންނެވީ ހައްޔަރު ކޮށްފަ އެވެ. އެ އަމުރުގައި އޭނާ ދޫކޮށްލުމަށް ވެސް އަމުރުކުރި އެވެ. އެކަމަކު އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތު ފާރިސްއަށް ކުރި އެވެ. އަދި އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލައި އެ މައްސަލާގެ ޝަރީއަތް މިހާރު ހިނގަ އެވެ.

މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލާގައި ރިޝްވަތު ދިން ކަމަށް ތަހުގީގަށް ބަޔާން ދިން މެންބަރު ސިއްރުން ހެކި ބަސް ދެމުން ވަނީ ފާރިސް އެއްވެސް ރިޝްވަތެއް ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އޭނާއާ ބައްދަލުކޮށް އެފަދަ ވާހަކައެއް ވެސް ދައްކަވާފައިނުވާ ކަމަށް ބުނެފަ އެވެ. ތަހުގީގަށް އެގޮތަށް ބަޔާން ދިނީ ނުފޫޒުގަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ފަހުން އެ މައްސަލާގެ ޝަރީއަތް އަދިއަދަށް ވެސް އޮތީ ހުއްޓިފަ އެވެ.