ކުޅިވަރު

ސްވިސް ދެވަނަ ބުރަށް، ކޮސްޓަރިކާ ޕޮއިންޓަކުން ނިންމާލައިފި

ސްވިޒަލޭންޑް ދެ ފަހަރު މަތިން ލީޑް ނެގި ނަމަވެސް، ކޮސްޓަ ރިކާއިން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުން 2-2 އިން ނަތީޖާ ހަމަހަމަ ކޮށް ޕޮއިންޓެއް ހޯދައި މުބާރާތް ނިންމާލައިފި އެވެ.

މެޗު އެއްވަރު ވިޔަސް، ސްވިޒަލޭންޑް ވަނީ ގުރޫޕް ދެ ވަނައިގައި، ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ސްވިޒަލޭންޑަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

ގުރޫޕްގެ އެއް ވަނަ ހޯދީ މިރޭ ސާބިއާ ބަލިކޮށް ހަތް ޕޮއިންޓާއެކު ގުރޫޕް ސްޓޭޖު ނިންމާލި ބްރެޒިލް އެވެ. އެ

ދެ ވަނަ ބުރުގައި ސްވިޒަލޭންޑް ވާދަ ކުރާނީ، ގުރޫޕް އެފްގެ އެއް ވަނަ ހޯދި ސްވިޑެން އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ، ރާއްޖޭގަޑިން އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 7:00 ގަ އެވެ.

ދެ ވަނަ ބުރުގައި ބްރެޒިލް ކުޅޭ މެޗުގައި، އެ ޓީމު ނިކުންނާނީ ގުރޫޕްގެ އެފް ގެ ދެ ވަނަ ހޯދި މެކްސިކޯއާ ދެކޮޅަށެވެ.

މިރޭގެ މެޗުގައި ސާބިއާއިން ލީޑް ނެގީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ. އެމްބޯލޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ ބްލެރިމް ޑްޒްމޭލީ އެވެ.

ކޮސްޓަރިކާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 56 ވަނަ މިނެޓްގަ އެވެ. ޖޮއެލް ކެމްޕަބެލް ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ ކަންޑެލް ވަސްޓޮން އެވެ.

އަލުން ސްވިޒަލޭންޑަށް ލީޑް ނަގައިދިނީ މެޗުގެ 88 ވަނަ މިނެޓްގައި، ޑްރިމިކް ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑާއެކު ތިން ޕޮއިންޓް ހިފައިގެން ސްވިޒަލޭންޑުން މެޗު ނިންމާލާނެ ކަމަށް ބެލެވުނަސް، ސްވިސްއަށް ދެރަ ލިބުނީ ޔޭން ސޮމާ އަތުން މެޗުގެ 93 ވަނަ މިނެޓްގައި ބައިކޮޅަށް ވަން ލަނޑުންނެވެ.