ދުނިޔެ

ހޮހޮޅާގައި ފެންބޮޑުވެ ތައިލެންޑް ޓީމު ހޯދަން ހުރަސް އެޅިއްޖެ

Jun 28, 2018

ތައިލެންޑް (ޖޫން 27) - ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ޒުވާން ފުޓުބޯޅަ ޓީމެއް ސަލާމަތް ކުރުމުގެ މަސައްކަތަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ހުރަސްއެޅިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު ކަމަށް ބެލެވެ އެވެ. މިހާތަނަށް 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ ބާރަ ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޯދަމުންދާތާ ހަތަރު ދުވަސް ވެފައިވީ ނަމަވެސް އެކުދިން ފެނުމުގެ އުއްމީދު ދޫނުކޮށް އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ނަމަވެސް. ބޯކޮށް ވާރޭވެހޭތީ، ޕަމްޕު ބޭނުންކޮށްގެން ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިންދުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. މިހާރު އެ ހޮހޮޅައަށް ވަންނަން ބޭނުންކުރާ މަގު މުޅީހެން ފެނު އަޑީގައިވާތީ، ތައިލަންޑުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެހެން ދިމާއަކުން ހޮހޮޅައަށް ވަދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކުދިން ދިރިތިބި ތަކުގެ ނިޝާންތައް ހޮހޮޅަ ތެރެއިން އަންގާރަ ދުވަހު ވެސް ފެނިފައިވާ ކަމަށް، އެކުދިން ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ތައިލެންޑުގެ ކަނޑުމަތީ ސިފައިންގެ ޑައިވަރުން ވަނީ ބުނެފަ އެވެ. އަދި ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ ޑްރޯން ވެސް ވަނީ ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް، އެކަމަށް ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ހުރަސްއެޅިފަ އެވެ.

ޓޫރިސްޓުން މެދުގައި މަގުބޫލު އެ ހޮހޮޅައިގެ އެކި ހިސާބަށް ކާބޯތަކެއްޗާއި، ފެން އަދި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް ލިޔެވައިފައިވާ ގަނޑުތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. ހުޅަނގު މޫސުމުގައި އެ ހޮހޮޅައިގެ ތެރޭގައި އާންމުކޮށް 16 ފޫޓަށް ފެންބޮޑުވާ ކަމުގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ ބޭރު ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.