ބޮލީވުޑް

ރިއާ ކަޕޫރް ދެން އުފައްދާނީ "ޔޯގާ" ފިލްމެއް

މި މަހު އެކެއްގައި ރިލީޒްކުރި ފިލްމު "ވީރޭ ދި ވެޑިން" ވެގެން ދިޔައީ ސޯނަޕް ކަޕޫރްގެ ކޮއްކޮ، ރިއާ ކަޕޫރަށް އޭނާގެ ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުމަކަށެވެ. އެ ފިލްމުގެ ކާމިޔާބީއަށް ފަހު ރިއާ މިހާރު މިވަނީ އިތުރު ފިލްމެއް އުފައްދަން ސޮއިކޮށްފަ އެވެ.

ރިއާ ދެން އުފައްދާނީ އިންޑިއާގެ މަޝްހޫރު ޔޯގާ ދަސްކޮށްދޭ މީހެއް ކަމުގައިވާ ޖައްގީ ވަސުދޭވް ނުވަތަ އާންމު ނަމުންނަމަ ސަދުގުރޫގެ ބަޔޮޕިކް ފިލްމުންނެވެ. ސަދުގުރޫއަކީ "އިޝާ ޔޯގާ" ތައާރަފުކޮށްދިން މީހާ އެވެ. އޭނާ ވަނީ ޔޯގާކުރާނެ ގޮތާއި ބެހޭގޮތުން ތަފާތު ފޮތްތައްވެސް ލިޔެފަ އެވެ.

އިންޑިއާގެ ސަރުކާރުން ދޭ އެންމެ މަތީ ދަރަޖާގެ އެވޯޑު "ޕަދްމާ ވިބުޝަން" އެވޯޑުވެސް މިދިޔަ އަހަރު ސަދުގުރޫއަށް ވަނީ ލިބިފަ އެވެ. ކަރްނަކާޓާގެ މައިސޫރުގެ ކުޑަ އަވަށަކަށް އުފަންވި ސަދުގުރޫއަކީ ވަރަށް ގިނަ ބަޔަކު އިހްތިރާމުކުރާ އަދި މަޝްހޫރު މީހެކެވެ.

ސަދުގުރޫ އަންނަނީ އޭނާގެ އަމިއްލަ ފައުންޑޭޝަނެއް އުފައްދާ އެތަނުގައި މީހުނަށް ޔޯގާ ދަސްކޮށްދެމުންނެވެ. ޔޯގާ އިތުރަށް އޭނާއަކީ ތިމާވެށި ހިމާޔަތްކުރުމަށްވެސް ވަރަށް ގިނައިން އަޑުއުފުލާ މީހެކެވެ. އިންޑިއާގެ ބައެއް ކޯރުތައް ނެތެމުންދާތީ މިދިޔަ އަހަރު އޭނާ ވަނީ އެތަންތަން ހިމާޔަތްކުރުމަށް ކެމްޕެއިނެއްވެސް ފަށާފަ އެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ ޝަޝަންކު ގޯޝް އެވެ. ރިއާ މި ފިލްމުގައި ކުޅޭ ރޯލު އަދި ހާމަކޮށްފައި ނުވާއިރު ސުދުގުރޫގެ ރޯލުން ފެނިގެންދާނީ ކާކު ކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.