ޖަރުމަނުގެ ވެރިރަށް، ބާލިންގެ އެންމެ ބޮޑު ޝޮޕިން ސެންޓަރު ކަމަށްވާ މޯލް އޮފް ބާލިންގައި ދިވެހި ރާއްޖެ ޕްރޮމޯޓް ކުރަން ހާއްސަ ހަރަކާތަކެއް ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މޯލް އޮފް ބާލިންގައި ހިންގާ އެންމެ ބޮޑު ސެލޫން ބްރޭންޑް ކަމަށްވާ ޑރ. މާޗެޓްއާ ގުޅިގެން ހާއްސަ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ.
މޯލް އޮފް ބާލިންއަކީ ޖަރުމަނުގެ މީހުންނާއި އެހެނިގެން ގައުމުތަކުގެ މީހުން ގިނަ އަދަދަކަށް ވިޔަފާރި ކުރަން ވަންނަ ބޮޑު ޝޮޕިން ސެންޓަރެކެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ސެލޫންގެ އިޝްތިހާރުތައް މި ސޮޕިން ސެންޓުގައި ދައްކާ ތިން ޓީވީ އާއި ޝޮޕިން ސެންޓަރުގެ ފާރުތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރު ޖަހާނެ ކަމަށެވެ. މީގެ އިތުރުން މިތަނުން ރާއްޖެ އިޝްތިހާރު ކުރުމަށް ހަދާފައިވާ މެޓީރިއަލްތައް ވެސް ބަހަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި ކެމްޕޭންގައި ނަގާ ގުރުއަތަކުން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭންވެސް ވަނީ ނިންމާފަ އެވެ
ޖަރުމަނަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 112,109 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.2 ޕަސެންޓް އިތުރުވުމެކެވެ.
އެމްއެމްޕީއާރުސީ އިން ވަނީ ޖަރުމަނުގެ އިތުރުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ވެސް މިހާރު ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކެއް ފަށާފަ އެވެ. ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް މޮސްކޯގެ 100 ކާރެއްގައިވަނީ ރާއްޖޭގެ އިޝްތިހާރު ޖަހާފަ އެވެ. އަދި މި އަހަރު ރާއްޖެ އިޝްތިހާރު ކުރަން 50 ފެއާއެއްގައި ޓޫރިޒަމް އިންޓަސްޓްރީއާ ގުޅިގެން ބައިވެރިވާން ވަނީ ނިންމާފަ އެވެ.