ވިޔަފާރި

ޖަރުމަނުގެ 100 ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސްފި

އެފްޓީއައި ގްރޫޕާއި ގަތަރު އެއާވޭސް ގުޅިގެން، ޖަރުމަނުގެ 100 ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސް އިވެންޓެއް ބާއްވައިފި އެވެ.

އެފްޓީއައި އަކީ ޖަރުމަނުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރެވެ. އެފްޓީއައި ގްރޫޕުން ރާއްޖެ ގެނައި 100 ޓުއާ އޮޕަރޭޓަރުންނާއެކު އިއްޔެ ވަނީ އާދަރަން ރިސޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށް ދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އަދާރަން ގްރޫޕުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަދިއްތިއާ ރާޖް ސިންގް ވިދާޅުވީ މިއީ އެއް ގައުމެއްގެ މިހާ ގިނަ ޓުއާ އޮޕަރޭޓަރުން ގެނެސް ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ އިވެންޓު ކަމަށެވެ.

"ކުރި އަށް އޮތް ތަނުގައި މި ބާވަތުގެ ގިނަ އިވެންޓުތައް ބޭއްވިގެން ދާނެ. މި ކަމުގެ ސަބަބުން ޖަރުމަނުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެން ދާނެ،" އަދިއްތިއާ ވިދާޅުވި އެވެ.

ޖަރުމަނުގެ ޓުއާ އޮޕަރޭޓަރުންގެ ގްރޫޕުން ރާއްޖެއަށް ކުރާ މި ޒިޔާރަތުގައި އަދާރަން ސިލެކްޓް ހުދުރަން ފުއްޓާއި މި ބްރޭންޑުން އެންމެ ފަހުން ހުޅުވި ރަށް ކަމަށްވާ ހެރިޓެންސް އާ ރަށަށް ވެސް ދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 77,503 މީހުން ވަނީ ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރު އައި 64,759 މީހުންނާ އަޅާ ބަލާއިރު 19.7 ޕަސެންޓުގެ އިތުރު ވުމެކެވެ.