ދުނިޔެ

ނަޖީބާގުޅޭ ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް

ކުއަލަ ލަމްޕޫރު (ޖޫން 27) - މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި ހަ އިމާރަތާކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ތެރެއިން ނަޖީބު ހިންގި އެތަކެއް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތުގައި، އެނާ އާއި ގުޅުން އެ އިމާރާތްތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރުމުގެ ތެރޭގައި އަތުލައިގަތް ތަކެތީގެ ތެރޭގައި އެތައް ސަތޭކަ އަތް ދަބަހާއި ގަހަނާ އާއި ނަގުދު ފައިސާ ވެސް ހިމެނެ އެވެ.

މިގޮތުން 12،000 ގަހަނާ އަތުލައިގަނެވިފައިވާއިރު، އެންމެ އަގު ބޮޑު ފަށުގެ އަގު 1.6 މިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވެ އެވެ. އަދި 567 އަތް ދަބަހުގެ ތެރޭގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ފޮރުވާފައި ވަނިކޮށް ވެސް ވަނީ ހޯދާފަ އެވެ. މީގެ އިތުރުން، އަގު ބޮޑެތި ބްރޭންޑުތަކުގެ 423 އަތުކުރީ ގަޑިއާއި 234 އަވި އައިނު ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

"އެ އިމާރާތްތަކުގެ ތެރޭގައި ތިބިގެން އެތަކެތި ގުނާ އަގު ކުރެވޭ ވަރަށް ވުރެ އެއްޗެހި ގިނަ،" މެލޭޝިއާގެ ހެޑް އޮފް ޕޮލިސް ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓް އަމަރު ސިންގް ނޫސްވެރިންގެ ބަދަލުވުމެއްގައި ވިދާޅުވި އެވެ.

އަދި އެ އިމާރާތްތަކުން އަތުލައިގަތް ތަކެތި ގުނާ އަގު ކުރަން ފަސް ހަފުތާ ހޭދަވި ކަމަށް ވެސް ސިންގް ވިދާޅުވި އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.