ބޮލީވުޑް

ހަނދުން ބިމެއް ގަތް ފުރަތަމަ ބޮލީވުޑް ތަރިއަކީ ސުޝާންތު

ބޮލީވުޑްގެ ތަރިއެއް ކަމަށްވާ ސުޝާންތު ސިންހު ރާޖްޕުތު، ހަނދުން ބިމެއް ގަނެފި އެވެ. އޭނާއަކީ ހަނދުން ބިމެއް ގަތް ފުރަތަމަ ބޮލީވުޑްގެ ތަރި އެވެ. އަދި ހަނދުން ބިމެއް ލިބުނު ދެ ވަނަ ބޮލީވުޑްގެ ތަރި އެވެ. އެއީ ޝާހުރުކް ޚާންއަށް ދީފައިވާ ބިމެއް މިހާރުވެސް ހަނދުގައި އޮންނާތީ އެވެ. އެ ބިމަކީ ޝާހުރުކްއަށް އޭނާގެ ފޭނަކު ހަދިޔާކުރި ބިމެކެވެ.

ސުޝާންތު ބިމެއް ގަތީ ހަނދުގެ އަނދިރި ފަޅިންނެވެ. އެ ބިން ހިމެނޭ ސަރަހައްދަށް ކިޔަނީ "ސީ އޮފް މަސްކޯވީ" އެވެ. ސުޝާންތަކީ ސައިންސާއި، ޓެކްނޮލޮޖީއާއި ޖައްވުގެ އިލްމަށް ވަރަށް ޝައުގުވެރިކަން ހުންނަ ތަރިއެކެވެ. މީގެ ކުރިން އޭނާ ވަނީ އެންމެފަހުގެ އެޑްވާން ޓެލެސްކޯޕެއް ކަމަށްވާ Meade 14" LX600 އެއްވެސް ގަނެފަ އެވެ.

އޭނާ މިހާރު އަންނަނީވެސް ސްޕޭސް ފިލްމެއް ކަމަށްވާ "ޗަންދާ މާމާ ދޫރް ކޭ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. ހަނދުން ބިމެއް ގަތީ މި ފިލްމު ޕްރޮމޯޓް ކުރުމަށް ކަމަށްވެސް ބެލެވެ އެވެ. މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ޓްރެއިނިން ކޭމްޕަކަށް އޭނާ ވަނީ ނާސާއަށްވެސް ގޮސްފަ އެވެ.

އެ ކޭމްޕުގައި އޭނާ ވާނީ ސްޕޭސްވޯކް ޑްރިލްސްއާއި މޫންވޯކްސް އަދި ޒީރޯ ގްރެވިޓީއާއި ބެހޭގޮތުން ވަރަށް ގިނަ އެއްޗެހި ދަސްކޮށްފަ އެވެ.

ސުޝާންތު މި ބިން ގަތީ އިންޓަނޭޝަނަލް ލޫނާ ލޭންޑް ރެޖިސްޓްރީންނެވެ. މި މަހު 25 ގައި މި ބިން ގަތް ކަމަށް އޮތީ މިހާރު ރަޖިސްޓްރީ ކޮށްފަ އެވެ. ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް ގާނޫނީ ގޮތުން މި ބިމަކީ އޭނާގެ ބިމަކަށް ނުވެދާނެ އެވެ. ސަބަބަކީ ދުނިޔޭގެ ބައިނަލްއަގުވާމީ އެއްބަސްވުންތަކުގައި ވާގޮތުން ދުނިޔެއިން ބޭރުގައިވާ އެއްވެސް އެއްޗެއް އަމިއްލަ މުދަލަކަށް އެއްވެސް ގައުމަކަށް ނެހެދޭނެ އެވެ.