ހަބަރު

ފާރިސްއަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ

Jun 28, 2018
3

ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުވެ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާއި ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނަށް ހުކުމް އިއްވުމާއި ގުޅިގެން ޑޯރިސް މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ، އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރެއް ކަމަށްވާ ފާރިސް މައުމޫން ސިޔާސީ ހަރަކާތްތެއްގައި ބައިވެރިވުމުގެ ސަބަބުން ވަނީ އިއްޔެ ޖަލަށް ލުމަށް ހުކުމް ކޮށްފައި ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ހުކުމް އިއްވާފައިވަނީ އިންތިހާބަށް އެންމެ ތިން މަސް ދުވަހަށްވެފައި ވަނިކޮށް ކަމަށް ވެސް ޑޯރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފުލުހުންނާއި ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުން ޑެމޮކްރަސީގެ ގަވާއިދުތައް ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފާރިސް ފުރަތަމަ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. މެންބަރެއް ތަހުގީގަށް ދިން ބަޔާނެއްގެ މައްޗަށް އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލި އެވެ.

އެ ދައުވާގެ ޝަރީއަތް ފެށުމާއެކު ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މައްސަލާގައި އެތައް ދުވަހެއް ބަންދުގައި ބެހެއްޓިފައިވާތީ އޭނާ ދޫކޮށްލުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވި އެވެ. އޭނާ ބަންދުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި މެންބަރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އަނެއްކާ ވެސް ހައްޔަރުކުރި އެވެ. އެ ތުހުމަތާ ގުޅިގެން މިހާތަނަށް ފާރިސްއަށް ދައުވާއެއް ނުކުރެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ނެރުނުއިރު ފާރިސް ހުންނެވީ ހައްޔަރު ކޮށްފަ އެވެ. އެ އަމުރުގައި އޭނާ ދޫކޮށްލުމަށް ވެސް އަމުރުކުރި އެވެ. އެކަމަކު އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތު ފާރިސްއަށް ކުރި އެވެ. އަދި އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލައި އެ މައްސަލާގެ ޝަރީއަތް މިހާރު ހިނގަ އެވެ.

މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލާގައި ރިޝްވަތު ދިން ކަމަށް ތަހުގީގަށް ބަޔާން ދިން މެންބަރު ސިއްރުން ހެކި ބަސް ދެމުން ވަނީ ފާރިސް އެއްވެސް ރިޝްވަތެއް ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އޭނާއާ ބައްދަލުކޮށް އެފަދަ ވާހަކައެއް ވެސް ދައްކަވާފައިނުވާ ކަމަށް ބުނެފަ އެވެ. ތަހުގީގަށް އެގޮތަށް ބަޔާން ދިނީ ނުފޫޒުގަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ފަހުން އެ މައްސަލާގެ ޝަރީއަތް އަދިއަދަށް ވެސް އޮތީ ހުއްޓިފަ އެވެ.