މިފަހުން މުޅިންވެސް އަހަރެމެންނަށް އިވެނީ މަޝްހޫރު ފިލްމީ ތަރިއަކަށް މަރުދޭ ދިވެހި ފޭނެއް އުޅޭ ވާހަކަ އެވެ. ފިލްމު ސްޓާރުންނަށް މަރުދޭ ދިވެހި ފޭނުންގެ އަދަދު މިހާރު އެހާވެސް ގިނަވިއްޔާ އެވެ. އެކަމަކު މިފަހަރު މި ގެނެސްދެނީ ފިލްމު ސްޓާރަކަށް މަރުދޭ ފޭނެއްގެ ވާހަކައެއް ނޫނެވެ. ތާފަތު ފަރާތެއްގެ ބޮޑު ފޭނެއްގެ ވާހަކަ އެވެ.
އިބީ ޝަލަބީ 25، މިއީ ސުޕަމޭންގެ އެންމެ ބޮޑު ފޭން ހޯދުމަށް މިފަހުން އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ މުބާރާތަކުން އެ ގައުމުގައި ހުރި ސުޕަމޭންގެ އެންމެ ބޮޑު ފޭނަކަށް ހޮވުނު ދިވެހި ޒުވާނާ އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ވެކްސް މިއުޒިއަމް މެޑޭމް ޓުއްސޯޑްސް އިން ބޭއްވި މުބާރާތެކެވެ.
"މުބާރާތުގައި ބައިވެރިވުމަށް އަހަރެމެންނަށް ޖެހުނީ ވީޑިއޯއާއި ޕޮޓޯތަކެއް ފޮނުވަން. އަދި ސިޓީއެއްގައި ސުޕާމޭންގެ އެންމެ ބޮޑު ފޭނަށްވީ ކީއްވެތޯ ލިޔެފައި ފޮނުވަން. ސިޓީއަކާއެކު ވީޑިއޯއެއް ހަދާފައި ފޮނުވިން. ދެން އެމީހުން ސުޕަމޭންގެ އެންމެ ބޮޑު ފޭނަކަށް އަހަރެން ހޮވީ!"
އޮސްޓްރޭލިއާގައި ޕްރޮޕަޓީ ޑިވެލޮޕްމަންޓުން މާސްޓާޒްއަށް ކިޔަވަމުން އަންނަ އިބީ ތައްޔާރުކުރި ވީޑިއޯ އެމީހުނަށް ވަރަށް ކަމުގޮސް އޮސްޓްރޭލިއާގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ، ޗެނަލް ސެވަންގެ "މޯނިން ޝޯ" އަށް އިންޓަވިއުއެއް ދިނުމަށްވެސް އޭނާއަށް ފުރުސަތު ދިނެވެ. އެ ޝޯގައި އިބީ ވަނީ ސުޕަމޭންއަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދި ސުޕާމޭންގެ އެހާ ބޮޑު ފޭނަކަށް އޭނާ ވީ ސަބަބު ހިއްސާކޮށްފަ އެވެ.
"ސުޕަމޭންއަށް ލޯބި ޖެހުނީ ވަރަށް ކުޑައިރު. ސުޕާންމޭންއަށް އުދުހެވޭތީ އާއި އޭނާގެ ހުންނަ ސުޕާ ޕަވާޒްތަކާއި ހެދި އަހަންނަށް ސުޕަމޭން އޭރު ވަރަށް ކަމުދިޔަ. ދެން އަހަރެން ބޮޑުވަމުން އައިރު އޭނާގެ އެ ސުޕަ ޕަވާޒްތަކުގެ އިތުރަށް އޭނާގެ ކެރެކްޓާ ދެކެ ލޯބިވާން ފެށުނީ، އޭނާގެ ޝަހުސިއްޔަތާއި ގެންގުޅޭ އުސޫލުތަކަށް."
ސުޕަމޭންއަކީ ކުރިއަށްދިއުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އިބީ ބުންޏެވެ. މިއަދު އޭނާ ހޯދާފައިވާ ކާމިޔާބީ އާއި ހަމައަށް ވާސިލުވުމަށް މަންމައަށްފަހު އެންމެ ބޮޑު ހިތްވަރެއް ލިބުނީ ސުޕަމޭންގެ ފަރާތުން ކަމަށް ފަހުރިވެރިކަމާއެކު ބުނެވިދާނެ ކަމަށްވެސް އޭނާ ބުނެ އެވެ.
ޑިގްރީ ނިންމާ ގްރޭޖުއޭޓުވި ދުވަސް ވެސް އިބީ ހާއްސަކުރީ ސުޕާމޭންއަށެވެ. އިބީގެ އެންމެ ފޭވަރިޓް ސުޕަމޭން އެކްޓަރު ހެންރީ ކެވިލްއަށް އެ ދުވަހު ވަނީ ޓްރިބިއުޓެއް ދީފަ އެވެ.
އިބީ ވަނީ ޑީސީ ޔުނިވާސްގެ ސުޕަހީރޯ ފިލްމުތަކުގައި ސުޕަމޭންގެ ކެރެކްޓާ ކުޅޭ އެކްޓަރު ހެންރީ ކެވިލްއާއިވެސް އެއް ފަހަރަކު ބައްދަލުވެފަ އެވެ. އެއީ 2013 ވަނަ އަހަރު ޑީސީން ގެނެސްދިން ފިލްމު "މޭން އޮފް ސްޓީލް" ޕްރިމިއާ ކުރުމަށް ބޭއްވި ރެޑް ކާޕެޓުން ހަފްލާގެ ތެރެއިންނެވެ. އެ ހަފްލާގެ ތެރެއިން ވެސް ދެ ޓީވީ ނެޓްވޯކަކަށް އިންޓަވިއު ދިނުމަށް އޭނާއަށް ފުރުސަތު ލިބުނެވެ.
"އެކަމަކު ލައިވް ޓީވީ ޝޯއަކަށް އިންޓަވިއުއެއް ދިނުމަށް ފުރުސަތު ލިބި އަދި އެވެސް އޮސްޓްރޭލިއާގެ އެންމެ ބޮޑު ސުޕަމޭން ފޭންގެ ގޮތުގައި ވުމަކީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް."
މި މުބާރާތުން މޮޅުވުމުން އިބީއަށް ވަނީ ސިޑްނީގެ ފަސްތަރި ހޮޓަލެއްގައި އެއް ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބިފަ އެވެ. ދެކޮޅު ޓިކެޓާއި އެހެނިހެން ދަތުރުތައް ވެސް ހަމަޖައްސައިދިނީ އެމީހުންނެވެ. މީގެ އިތުރުން އިބީއަށް ވަނީ މެޑޭމް ޓުއްސޯޑްސްގެ "ޖަސްޓިސް ލީގް އެކްސްޕީރިއެންސް" ލޯންޗުކުރާ ހަފްލާއަށް ދިއުމަށް ވީއައިޕީ ދެ ޓިކެޓް ވެސް ލިބިފަ އެވެ.