ވިޔަފާރި

ދިރާގާއި ޕީއެސްއެމްއިން ވޯލްޑް ކަޕް މެޗްތައް 4ކޭ ކޮލިޓީގައި ގެނެސްދެނީ

Jun 29, 2018

ދިރާގު އާއި ޕީއެސްއެމް ގުޅިގެން ވޯލްޑް ކަޕް ރަޝިއާ 2018 ގެ މެޗްތައް 4ކޭ ކޮލިޓީގައި ދެއްކުމުގެ އިންތިޒާމު ދިރާގު ޓީވީ މެދުވެރިކޮށް ހަމަ ޖައްސައިފި އެވެ. ވޯލްޑް ކަޕް 4 ކޭ ކޮލިޓީގައި ގެނެސްދޭނީ ޓީވީއެމް ގެ 4ކޭ ޗެނަލުންނެވެ. ޓީވީއެމް އަކީ ރާއްޖޭގައި ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ބްރޯޑްކާސްޓަރެވެ. އަދި ޓީވީއެމް އިން ދަނީ ވޯލްޑް ކަޕަށް ޚާއްޞަ ކަވަރޭޖެއް ވެސް ގެނެސްދެމުންނެވެ.

ފޯކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. ވޯލްޑް ކަޕް 4 ކޭ ކޮލިޓީގައި ބަލައިލުމުގެ ފުރުސަތު މުޅި ދުނިޔެއިން ވެސް ފޯރުކޮށްދެނީ ވަރަށް މަދު ގައުމެއްގައި އެހާމެ މަދު އޮޕަރޭޓަރުންނެވެ.

ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮލިޓީގައި ވޯލްޑް ކަޕް ބެލުމަށް މިހާރު ވެސް ބޭނުން ކުރަށްވާ ޖޯއިބޮސްގެ އިތުރުން އެއްވެސް ޑިވައިސެއް ގަންނާކަށް ނުޖެހޭނެ އެވެ.

ދިރާގުގެ އެކްޓިން ސީއެމްއޯ އަހުމަދު މައުމޫން ވިދާޅުވިގޮތުގައި ދިރާގުގެ އަމާޒަކީ ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ފަސޭހަ ކަމާއެކު ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެ ގޮތުން ދިރާގު ޓީވީ ކަސްޓަމަރުންނަށް ޓީވީގެ ތަޖުރިބާ ފުރިހަމަކޮށް ތަރައްޤީ ކުރުމަކީ އެ ކުންފުނީގެ އެންމެ އިސް އެއް މަގުސަދެވެ. ދިރާގު ޓީވީއިން ވަނީ ދާދި ފަހުން ވެސް 4ކޭ ޗެނަލެއް ތައާރަފް ކޮށްފަ އެވެ.

ފޯކޭ ކޮލިޓީގައި ދިރާގު ޓީވީ އަދި ޕީއެސްއެމް މެދުވެރިކޮށް ވޯލްޑް ކަޕް ގެ ފަހު ސްޓޭޖްގެ 10 މެޗް ބަލައިލެވޭނެ އެވެ.

ވޯލްޑް ކަޕް 4ކޭ ކޮލިޓީގައި ބެލުމުގެ ފުރުޞަތު ލިބޭނީ ފައިބަ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. ދިރާގު ފައިބަ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވޯލްޑް ކަޕް 4ކޭ ގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

މި ވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ ޖޯއިބޮކްސް ލިބޭނެއެވެ. ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ.