ޔޫރޯ 2024

ޕީއެސްއެމް ފޯރި 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޔޫއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް - ޔޫރޯ 2024ގެ ހާއްސަ ކަވަރޭޖް ކަމަށްވާ "ޕީއެސްއެމް ފޯރި" ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޔޫރޯގެ ހުރިހާ މެޗެއް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް މިއަހަރު ލިބުނު ލޯކަލް މީޑިއާ އަކީ ޕީއެސްއެމް އެވެ. އެގޮތުން މުބާރާތުގެ މެޗުތައް ދެއްކުމުގެ އިތުރުން "ޕީއެސްއެމް ފޯރި"ގައި މެޗް ކަވަރޭޖާއި ކޮމެންޓްރީގެ އިތުރުން އިތުރު ހާއްސަ ސެގްމެންޓްތައްވެސް ހިމެނޭނެ އެވެ.

ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ޕީއެސްއެމްއާ ގުޅިގެން މި އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެގޮތުން މިފަދަ ފުޓްބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށްވެސް މި ހާއްސަ ކަވަރޭޖާއެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެކަން އަޅުގަނޑުމެން ޔަގީންކުރަން،" މިރުޝާން ވިދާޅުވި އެވެ.

ޔޫރޯގެ މެޗުތައް ކުރިއަށް ދާނީ މިމަހުގެ 14 އިން ކުރިއަށް އޮތް ޖުލައި 14 އަށް ޖަރުމަނުގައެވެ.

ޔޫރޯ 2024ގައި ކުޅޭ 51 މެޗުވެސް ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަދި ޔެސް ޓީވީން ދެއްކުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ޔޫރޯގެ ފޯރި ކުޑަކުދިންގެ މުދުގައި އާލާކުރުމުގެ މަގުސަދުގައި ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި "ކުޑަކުދިންގެ ޔޫފޯރިއާ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.