ކުޅިވަރު

ނިއުއިން ތިމަރަފުށި ކޮޅަށް ލަނޑު ގޯންޏެއް

ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕް) ހެދި ހެޓްރިކުން ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ތ. ތިމަރަފުށި ކޮޅަށް ލަނޑު ގޯންޏެއް އޮއްސާ ލައިފި އެވެ. ނިއު ރޭޑިއަންޓުން މެޗު ކާމިޔާބު ކުރީ 10-0 ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެން، ރާއްޖޭގެ އެންމެ ބޮޑު ލީގާ، ތިމަރަފުށި ކުރިމަތިލީ، މިނިވަން ޗެމްޕިއަންޝިޕްގައި ހިމެނުނު ސްކޮޑަށް މާބޮޑު ބަދަލެއް ނުގެސް އެވެ.

ނިއު އިން ވަނީ ކޮންމެ ހާފެއްގައި ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ. ތިމަރަފުށީގެ ގޯލް ނިއުއަށް ހުޅުވާލަ ދިނީ ޑިފެންޑަރު ރިލްވާން ވަހީދު އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ.

މެޗުގައި ސެންޓޭގެ ގޯލްގެ އެކައުންޓް އޭނާ ހުޅުވީ އޭގެ ތިން މެނިޓް ފަހުންނެވެ. ނިއުގެ ތިން ވަނަ ލަނޑު ވައިސްކެޕްޓަން އަކުރަމް އަބްދުލް ގަބީ ކާމިޔާބު ކުރީ 25 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހެޓްރިކް ހެދި ހަމްޕް، އޭނާގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ 33 ވަނަ މިނެޓްގަ އެވެ. ސެންޓޭގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 39 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައި ނިއު އިން ކާމިޔާބު ކުރި، ފުރަތަމަ ގޯލް ކާމިޔާބުކޮށް 6-0 ށް ނަތީޖާ ބަދަލު ކޮށް ދިނީ ހަމްޕް 57 ވަނަ މިނެޓްގަ އެވެ. ސެންޓޭ ހެޓްރިކް ހެދީ، މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބު ކުރި ޕެނަލްޓީންނެވެ. ހަމްޕް ހެޓްރިކް ހެދި، މެޗުގެ 75 ވަނަ މިނެޓްގަ އެވެ. ނިއުގެ ނުވަ ވަނަ ލަނޑު ޒުވާން ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަން ކާމިޔާބު ކުރީ 77 ވަނަ މިނެޓް ގަ އެވެ.

ދިހަ ވަނަ ލަނޑު، ހަސަން އަދުހްމަ (ސަޑޭ) ކާމިޔާބު ކުރީ 83 ވަނަ މިނެޓްގަ އެވެ.