ކުޅިވަރު

ޕެނަމާއިން ހުސްއަތާ މުބާރާތް ނިންމާލައިފި

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުން 2-1 ން ބަލިވެ، އެއްވެސް ޕޮއިންޓެއް ނުހޯދި، ޕެނަމާއިން މުބާރާތް ނިންމާލައިފި އެވެ.

ވޯލްޑްކަޕުގައި މުޅިން އަލަށް ވާދަ ކުރި ޕެނަމާއިން، އެއްވެސް ޕޮއިންޓެއް ނުލިބިނިންމާލަން ޖެހުމުން އެ ޓީމު ވެފައި ވަނީ އެއްވެސް ޕޮއިންޓެއް ނުހޯދި މުބާރާތުން ވަކިވާ ހަމައެކަނި ޓީމަށެވެ.

ކުޅުނު ތިން މެޗުންވެސް، އެ ޓީމަށް ޖެހުނީ ދެ ލަނޑެވެ. މިރޭ ޓިއުނީޝިއާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑް ނެގި ނަމަވެސް، އެ ލީޑްގައި އެ ޓީމަށް ހިފަހައްޓައެއް ނުލެވުނެވެ.

މިރޭ ޓިއުނީޝިއާ ކޮޅަށް އެ ޓީމުން ޖެހި ލަނޑަކީ، ޓިއުނީޝިއާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 33 ވަނަ މިނެޓްގައި ޕެނަމާގެ ހޯޒޭ ރޮޑްރިގޭޒް އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލި ނަމަވެސް ބޯޅަ ގޯލަށް ވަނީ ޓިއުނީޝިއާގެ ޔާސީން މީރާހް އަތުން ބައިކޮޅަށެވެ.

ޓީއުނީޝިއާއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. ވާބީ ކަޒްރީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ފަހްރުއްދީން ބިން ޔޫސުފް އެވެ.

ޓީއުނީޝިއާ މެޗުން މޮޅުކޮށްދިން ލަނޑު، 66 ވަނަ މިނެޓްގައި ކަޒްރީ ކާމިޔާބު ކުރީ އުސާމާ ހައްދާދީ ނަގައިދިން ޕާހަކުންނެވެ.

އެ ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ބެލްޖިއަމް އާއި އިންގްލެންޑް ކުޅުނު މެޗު، 1-0 ން ކާމިޔާބު ކުރީ ބެލްޖިއަމް އެވެ. މޮޅާ އެކު ބެލްޖިއަމް ވަނީ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއް ވަނަ ހޯދާފަ އެވެ.