ދުނިޔެ

ރެފިއުޖީންގެ މައްސަލާގައި އެއްބަސް ނުވެވި، އީޔޫ ރޫޅިދާނެ ކަމުގެ ބިރު!

Jun 29, 2018

ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ގައުމަތަކުން ޔޫރަޕަށް ހިޖުރަކުރާ މީހުންގެ މައްސަލަ ހައްލު ކުރާނެ ގޮތަކާއިމެދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލީޑަރުން ކުއްލި ބައްދަލުވުމެއް ބުރާސްފަތި ދުވަހު ފަށާފައިވީ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެ ދުވަހަށް ދިގުދެމިގެންދާ އީޔޫގެ 16 ގައުމަކުން ބައިވެރިވާ މި ސަމިޓުގައި، ރެފިއުޖީންގެ މައްސަލާގައި އަމަލު ކުރާނެ ގޮތަކާމެދު މިހާރު ވެސް މަޝްވަރާ ކުރަމުން އަންއިރު، މި ސަމިޓުގައި ހުރިހާ ލީޑަރުން އެއްބަސްވެވޭ ހައްލެއް ހޯދިދާނެ ކަމާމެދު ހާރިޖީ ދާއިރާގެ ބޭފުޅުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

"އެއް މެމްބަރަކު ހުރިހާ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައިވާތީ، އަދި މިހާތަނަށް އެންމެ ހުށަހެޅުމަކަށްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ،" ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓްރަސްކްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އީޔޫގެ ބޮޑެތި ގައުމުތަކުން ހުށަހަޅާފައިވާ ހުރިހާ ހައްލުތަކަށް ނޫނެކޭ ބުނެފައިވަނީ އިޓަލީން ކަމުގައި ބެލެވެ އެވެ. ސަބަބަކީ، ރެފިއުޖީންގެ މައްސަލާގައި އެއްވެސް ދުލެއް ދޭން ބޭނުން ނުވާ ކަމުގައި އެ ގައުމުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އަދި ސަމިޓަށް ވަޑައިގެންނެވިއިރު، ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން، އިޓަލީގެ ބޮޑު ވަޒީރު ޖެސިޕީ ކޮންޓޭ ވަނީ ރެފިއުޖީންގެ މައްސަލާގައި އީޔޫގެ އެހެން ގައުމުތަކުން އިޓަލީއަށް ބޮޑެތި އެހީތަކެއް ދޭންޖެހޭ ކަމަށާއި، އެހެން ނުވެއްޖެނަމަ ސަމިޓުގައި ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް އެއްބަސްނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިޓަލީން ބޭނުންވަނީ އަނެއްކާ ވެސް އިތުރު ވާހަކަތަކެއް ނޫން، ހަރުދަނާ ފިޔަވަޅުތަކެއް،" ކޮންޓޭ ވިދާޅުވެފައިވެ އެވެ.

ޓަސްކް އާއެކު ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖޯން ކްލޯޑް ޔުންކާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުން ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ޔޫރަޕުން ހިމާޔަތް ހޯދަން އަންނަ ރެފިއުޖީން އެތެރެވާން ދިމާކުރާ ގައުމަކުން އެ ރެފިއުޖީންނަށް ޒިންމާވާންޖެހޭނެ ކަމުގައި ޑަބްލިންގައި ވި އެއްބަސްވުމެއްގައި މީގެ ކުރިން އީޔޫގެ ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، އެންމެ ގިނަ ރެފިއުޖީން ދާ އިޓަލީ އަދި ގްރީސް އިން ވަނީ މި އެއްބަސްވުމާމެދު ސުވާލު އުފައްދައި، އީޔޫގެ އެހެން ގައުމުތަކުން ވެސް އިތުރު ޒިންމާ ނަގަންޖެހޭކަމަށް ބުނެ އެވެ.

މިއަހަރު ކަނޑުމަގުން ޔޫރަޕަށް 43،767 ރެފިއުޖީން

  • ސްޕެއިން: 17،045
  • އިޓަލީ: 16،326
  • ގްރީސް: 13،120
  • ސައިޕްރަސް: 73

މިއަހަރު ނިމޭއިރު ގާތްގަނޑަކަށް 87،000 ރެފިއުޖީން ޔޫރަޕަށް ހިޖުރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، މި އަދަދަކީ 2017 ވަނަ އަހަރު ގެ އަދާދާއި އަޅާބަލާއިރު، ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ނަމަވެސް، އީޔޫގެ އެހެން ގައުމަތުން ވެސް ހަމަހަމަކަމާއެކު ޒިންމާ އުފުލަންޖެހޭ ކަމަށް ބުނެ، ދާދި ފަހުން ކަނޑުމަތިން ސަލާމަތް ކޮށްގެން އެތަކެއް ސަތޭކަ ރެފިއުޖީންތަކެއް ގޮވައިގެން ދިޔަ ދެ ބޯޓެއް ބަނދަރު ކުރުމުގެ ހުއްދަ ދިނުމަށް އިޓަލީން އިންކާރުކޮށްފަ އެވެ.

ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދަން އިސް މަސައްކަތް ކުރައްވާ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލް ވަނީ، އީޔޫގެ މުސްތަގުބަލާމެދު ސުވާލު އުފައްދާފަ އެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީޔޫ ރޫޅިދާނެ ކަމުގެ ބިރު ބޮޑުކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފްރާންސް އާއި އިޓަލީން ވަނީ، އެފްރިކާގައި ރެފިއުޖީ ސެންޓަރުތަކެއް ގާއިމުކުރުމުގެ ހިޔާލެއް ވެސް ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުމުގެ ދަށުން، ޔޫރަޕުގެ ހިމާޔަތް ހޯދާ ރެޖިއުޖީން ފުރަތަމަ ދާންޖެހޭނީ އެ ސެންޓަރުތަކަށެވެ. އެއަށްފަހު ޔޫރަޕުގެ ހިމާޔަތް ހައްގުވާ މީހުން، ޔޫރަޕަށް އެތެރުވުމުގެ ހުއްދަ ދޫކުރާ ގޮތަށް މި ހުށަހެޅުމުގައިވެ އެވެ. ނަމަވެސް، މިފަދަ ސެންޓަރުތަކެއް ގާއިމު ކުރުމަށް އެފްރިކާގެ ގައުމުތަކުން ހުއްދަ ލިބޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

ޝެންގެން އެއްބަސްވުން ނިމުމަކަށް؟

ރެފިއުޖީންގެ މައްސަލާގައި ކޮންމެވެސް އެއްބަސްވުމަކަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި އަންނަންޖެހޭ ކަމަށް އީޔޫގެ ލީޑަރުން ވަނީ މި ދިޔަ ޑިސެމްބަރު މަހު އެއްބަސްވެފަ އެވެ. ނަމަވެސް، މި މައްސަލާގައި އީޔޫގެ ގައުމުތައް އަދިވެސް ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. އަދި އެއްބަސްވުމަކަށް އައުމަށް ނުކުޅެދިއްޖެނަމަ، އެއްބައި ގައުމަތަކުން ބޯޑަރު ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މިހާރު އީޔޫގެ ގައުމަތުކައި ވެވިފައިވާ ޝެންގެން އެއްބަސްވުމުގެ ދަށުން، އީޔޫގެ ރައްޔިތުންނަށް ވިސާ ނެތި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވެ އެވެ. ނަމަވެސް، އެއްވެސް ގައުމަކުން އެހެން އީޔޫ ގައުމެއްގެ މީހުންނަށް އެތެރެނުވެވޭ ގޮތަށް ބޯޑަރު ބަންދުކޮށްފިނަމަ، ޝެންގެން އެއްބަސްވުން ބާތިލުވީ އެވެ. ޝެންގެން އެއްބަސްވުން ބާތިލު ވެއްޖެނަމަ، އެކަންވެގެންދާނީ، އީޔޫ ރޫޅިގެން ދިއުމުގެ ފެށުން ކަމުގައިވެސް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.