ރިޕޯޓް

އިނގިރޭސިން އީޔޫން ވަކިވާން ވޯޓު ދެވުނު މޮޔަ ހީވެފައި؟

Mar 27, 2019
1

މީގެ ތިން އަހަރު ކުރިން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަމުން ވަކިވާން އިނގިރޭސި ވިލާތުގެ ރައްޔިތުން ނުކުމެ ވޯޓު ދިނެވެ. ނަމަވެސް، މާޗް 29 ވަނަ ދުވަހު ރަސްމީކޮށް އީޔޫން ވަކިވާ ތާރީހު ވަނީ ފަސްކޮށްފަ އެވެ. އީޔޫން ވަކިވާން ސަރުކާރުން ހުށަހެޅި އެއްބަސްވުމަށް ގޮތެއް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން، އިޔޫން ވަކިވާން ވޯޓު ދިން ރައްޔިތުން މިހާރު ދެކެނީ ކިހިނެއް ހެއްޔެވެ؟

މަޝްވަރާތައް ކުރިއަށް ގެންދިޔަ ގޮތާއިމެދު ހިތްހަމަނުޖެހުން!

އީޔޫން ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުން ޔޫކޭ ޕާލިމަންޓުގައި ދެފަހަރަށް ފެއިލްވެފައި ވީނަމަވެސް، އެ އެއްބަސްވުމަކީ ގައުމަށް އެންމެ ފައިދާބޮޑު އެއްބަސްވުން ކަމުގައި މޭ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅޭގޮތުން، ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުން، އީޔޫން ވަކިވާން ވޯޓުދިން މީހުންގެ ވެސް ތިބީ ސަރުކާރުން އެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހިފަ އެވެ.

މިގޮތުން، ވަކިވުމާއި އެއްކޮޅަށް ވޯޓުދިން މީހުންގެ 80 ޕަސަންޓް ބުނަނީ އެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމުގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށެވެ. އަދި އެ މަޝްވަރާތައް ފެއިލްވުމުގައި އީޔޫއިން ޒިންމާނަގަންޖެހޭ ކަމަށް ވެސް 79 ޕަސަންޓް މީހުން ގަބޫލުކުރެ އެވެ.

އިނގިރޭސިންނަށް ރަނގަޅު ޑީލެއް ލިބޭނެ؟

މީގެ ދެ އަހަރު ކުރިން، އީޔޫން ވަކިވާއިރު، އިނގިރޭސިވިލާތަށް ރަނގަޅު އެއްބަސްވުމެއް އެކުލަވާލެވޭނެކަމަށް ގިނަ ބަޔަކު އުއްމީދުކުރި އެވެ. ނަމަވެސް، މިދިޔަ އަހަރާއި ހަމައަށް 33 ޕަސަންޓުން 57 ޕަސަންޓަށް އެ ތަސައްވަރު ވަނީ ވެއްޓިފަ އެވެ.

އެއްބަސްވުމަކަށް ނާދެވި، ޕާލިމަންޓު ތެރޭގައި ކޯޅުން އަދިވެސް ކުރިއަށްދާއިރު، އީޔޫން ވަކިވާން ވޯޓު ދިން މީހުންގެ ތެރެއިން 66 ޕަސަންޓް ގަބޫލުކުރަނީ ގައުމަށް ފައިދާ ކުރާނެ އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ.

އަދިވެސް އީޔޫން ވަކިވާން ބޭނުން؟

އިނގިރޭސީންނަށް ފައިދާބޮޑު އެއްބަސްވުމެއް އެކުލަވާލުމުގެ ފުރުސަތު ހަނިކަމަށް ގިނަ މީހުން ގަބޫލުކުރާއިރު، އީޔޫން ވަކިވުމާމެދު މިހާރު ރައްޔިތުންގެ ހިޔާލު ބަދަލުވީތޯ މިއީ ކުރެވޭ ސުވާލެކެވެ.

ހަގީގަތަށް ބުނާއިރު، ރައްޔިތުންގެ މެދުގައި މިފަހުން ނެގުނު ޕޯލްތަކުގެ ނަތީޖާތަކަށް ބަލާއިރު، ދެވަނަ ފެންނަ ނުފެންނަ ވޯޓެއް މިހާރު ނަގައިފިނަމަ، އީޔޫން ވަކިނުވާން ވޯޓު ދޭން ބޭނުންވާ މީހުންގެ އަދަދު އިތުރެވެ. ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ މީހުން އުނިކުރުމުން، އެވަރެޖު ނަތީޖާ އަކީ، ވަކިވާން 46 ޕަސަންޓް، ވަކިނުވާން 54 ޕަސަންޓެވެ.

ނަމަވެސް، ވަކިނުވާ ކޮޅަށް ބުރަވަނީ، 2016 ވަނަ އަހަރުގެ ވޯޓުގައި ބަައިވެރިނުވާ މީހުން ހިމަނައިގެންނެވެ. އެ މީހުންނަށް އެކަނި ބަލާނަމަ، 43 ޕަސަންޓް ވަކިނުވާން ވޯޓުލާނެކަމަށް ބުނާއިރު، 19 ޕަސަންޓް މީހުން ވޯޓުދޭނީ ވަކިވާށެވެ.

މި އަދަދުތަކަށް ބަލާއިރު، ދެވަނަ ވޯޓަކަށް ގޮސްގެން ތަފާތު ނަތީޖާއެއް ނުކުމެދާނެކަމަށް ބުނަން އަދިވެސް ދައްޗެވެ.

އަލުން ރައްޔިތުންގެ ވޯޓަކަށް ދާން ބޭނުން؟

ރައްޔިތުންގެ މެދުގައި އަލުން ވޯޓެއް ނެގުމާއި ގުޅޭގޮތުން ހިޔާލުތަފާތެވެ. ހިޔާލުތަފާތު ވަނީ ސުވާލު ކުރާ ގޮތުންނެވެ. އީޔޫން ވަކިނުވާ ވާހަކަ ސީދާ ބަޔާންނުކޮށް، "ރައްޔިތުންގެ" ވޯޓަކަށް ގިނަ ބަޔަކު ތާއީދުކުރާކަމަށް ޕޯލްގެ ނަތީޖާތަކުން ދައްކަ އެވެ. އެގޮތުން "ރައްޔިތުންގެ" ވޯޓަކަށް 47 ޕަސަންޓް މީހުން ތާއީދުކުރާއިރު، އެކަމަށް ދެކޮޅު ހަދަނީ 35 ޕަސަންޓް މީހުންނެވެ.

ނަމަވެސް، ސުވާލު ބަދަލުކޮށް، ވޯޓު ކަރުދާހުގައި އީޔޫން ވަކިނުވާ ފުރުސަތު ހިމެނުމުން ޕޯލްގެ ނަތީޖާ އަނެއް ކޮޅަށް އެނބުރެ އެވެ. އެގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 48 ޕަސަންޓް މީހުން ދެކޮޅު އިރު، އެކަމަށް ތާއީދުކުރަނީ 39 ޕަސަންޓެވެ.

މީގެ މާނައަކީ، އީޔޫން ވަކިވުމާއި ގުޅޭގޮތުން ރައްޔިތުންގެ ވޯޓަކަށް އަލުން ގޮސްގެންވެސް އެއްވެސް ކުރިއެރުމެއް ލިބޭނެކަމަކަށް ނުފެނެ އެވެ. ޕާލިމަންޓު މެމްބަރުންނެކޭ އެއްފަދައިން، ރައްޔިތުންވެސް މޭގެ އެއްބަސްވުމަށް ތާއީދުނުކުރި ނަމަވެސް، ދެން ހަދަންވީ ގޮތެއް އާންމުންނަށް ވެސް ނޭނގޭކަން ހާމަވެ އެވެ.