ހަބަރު

އިބޫއަށް އެމްޑީޕީގެ ޓިކެޓް ދޭން ޝާހިދު ތާއިދުކޮށްފި

އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ދޭން ތާއިދު ކުރައްވާ ކަމަށް އެމްޑީޕީގެ ދެން އެންމެ އިސް ލީޑަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާތީ ކަމަށެވެ.

"ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމާފައިވާތީ ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫއަށް ތާއިދުކުރުމަށް އަޅުގަނޑު ނިންމައިފިން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިބޫއަށް ތާއިދު ކުރެއްވިއިރު ކެންޑިޑޭޓަކަށް ވެވަޑައިގެންނެވުމުގެ ޝައުގުގައި ޝާހިދު މަސައްކަތްތަކެއް ކުރެއްވި ކަމަށް މީގެކުރިން ވަނީ އަޑުފެތުރިފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.