ކުޅިވަރު

މާސެލޯއަށް އަނިޔާވީ ރަޝިއާއިން ނިދަންދިން ގޮދަޑީގެ ސަބަބުން

ގުރޫޕް "އީ" ގެ ފަހު މެޗުގައި ސާބިއާ އާ ދެކޮޅަށް ކުޅެމުން ދަނިކޮށް އަނިޔާވި، ބްރެޒިލްގެ ޑިފެންޑަރު މާސެލޯއަށް އަނިޔާވީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ހޮޓަލުން ނިދަން ދިން ގޮދަޑީގެ ސަބަބުން ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރު ބުނެފި އެވެ.

ސާބިއާ ދެކޮޅަށް ކުޅުނު މެޗުގައި، މާސެލޯއަށް އަނިޔާ ވުމާ ގުޅިގެން، މެޗުގެ ވަރަށް ކުރީ ކޮޅު ވަނީ އޭނާ ބަދަލު ކޮށްފަ އެވެ. ބަދަލުގައި ކުޅެން އެރީ އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ފިލިޕޭ ލުއިސް އެވެ.

ބްރެޒިލްގެ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުނީ، އަނިޔާވީ މާސެލޯގެ ކޮނޑަށް ކަމަށާއި އެއީ ކޮނޑަށް ވީތަދެއްގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އެއީ މޮސްކޯގައި ބްރެޒިލް ކޭމްޕް ކޮށްފައިވާ ހޮޓަލުގައި މާސެލޯ ނިދާ ގޮދަޑީގެ ސަބަބުން ވީ ކަމަކަށް ވެދާނެ ކަމަށެވެ. މާސެލޯއަށް ނިދަން ދީފައި ވަނީ މަޑު ގޮދަޑިއެއް ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.

"ފަހަރެއްގައި ވާދެނެ މޮސްކޯގައި އޭނާ ނިދާ ގަދަޑިއަކީ މަޑު ގޮދަޑިއެއް ކަމަށްވެސް، ގޮދަޑި މަޑުން ވަންޏާ ބުރަކައްޓާ ގުޅޭ ހިސާބަށް އެކަހަލަ ތަދެއް އަރާފާނެ." ލަސްމާ ބުންޏެވެ.

އޭނާ ބުނީ، މާސެލޯއަށް ލިބުނު އަނިޔާ އިތުރަށް ޓެސްޓް ހެދުމަށް ފަހު ބަލާނެ ކަމަށެވެ. ދެ ވަނަ ބުރުގައި ބްރެޒިލް ބައްދަލު ކުރާނީ މެކްސިކޯއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖޭގަޑިން އަންނަ ހޯމަ ދުވަހު އިރުއޮއްސި 7:00 ގަ އެވެ. އެ މެޗުގައި މާސެލޯ ފުރަތަމަ 11 އިން ފެންނާނެ ކަމެއް އަދި ނުފެންނާނެ ކަމެއްވެސް މުޅިން ޔަގީނެއް ނޫނެވެ.