ހަބަރު

ނަޝީދުގެ ނިންމުމަކީ ގައުމަށް ލިބޭނެ ހަމަޖެހުމެއް: އުމަރު

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ނިންމެވުމާމެދު އެކި ބޭފުޅުން ތަފާތު ޝުއޫރުތައް ފާޅުކުރައްވަމުން ދަނިކޮށް އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އިންތިހާބަށް ކުރިމަތި ނުލައްވަން ނިންމައި އެގޮތަށް އަމަލު ކުރައްވައިފިނަމަ އެކަން ވެގެން ދާނީ ގައުމަށް ލިބޭނެ ހަމަޖެހުމަކަށް ކަމަށެވެ.

"އަޅުގަނޑު ވެސް އެންމެ އިސްކަން ދޭނީ ޖަލުގަ ހައްޔަރު ކުރެވިފައިވާ އަޅުގަނޑުމެންގެ އަހުން އަވަހަށް މިނިވަން ވާނެ ގޮތެއް ހޯދުމަށް،" ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު ވަކިން ކެމްޕެއިން ކުރައްވާތީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އެކަމާ ތިއްބެވީ ނުރުހުންވެފަ އެވެ. ބައެއް ބޭފުޅުން ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެފައިވެ އެވެ. ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ހިޔަނި ކެބިނެޓް ވެސް އިއުލާން ކުރެއްވި އެވެ.

އީސް ނަޝީދުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފް އެމަނިކުފާނަށް އަމާޒުވެފައިވާއިރު އިދިކޮޅު އެއް ކެންޑިޑޭޓެއްގެ އުއްމީދު އަނެއްކާވެސް ވަނީ އާވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.

ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.

އަޑުފެތުރުފައިވާ ގޮތުގައި، ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ފަހު ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ.