ހަބަރު

ނަޝީދުގެ ނިންމެވުމަކީ ހަރުދަނާ ނިންމެވުމެއް، މަރުހަބާ: ދުންޔާ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު އެކުގައި ތިއްބެވި ފޮޓޯފުޅަކާއެކު ދުންޔާ ވިދާޅުވީ، ރައީސް ނަޝީދަށް ފަހަތަށް ފިޔަވަޅެއް އަޅުއްވައި އެމްޑީޕީގެ ތެރެއިން އާ ލީޑަޝިޕަކަށް ފުރުސަތު ދެއްވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. ރައީސް ނަޝީދުގެ ނިންމެވުމަކީ ވަރަށް ހަރުދަނާ ނިންމެވުމެއްގެ ގޮތުގައި ދުންޔާ ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު ވަކިން ކެމްޕެއިން ކުރައްވާތީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން އެކަމާ ތިއްބެވީ ނުރުހުންވެފަ އެވެ. ބައެއް ބޭފުޅުން ރައީސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެފައިވެ އެވެ. ގާސިމް އިބްރާހިމް އެމްޑީޕީ ނުހިމަނައި ހިޔަނި ކެބިނެޓް ވެސް އިއުލާން ކުރެއްވި އެވެ.

ގާސިމް އިއުލާން ކުރެއްވި ކެބިނެޓްގައި ދުންޔާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެކަމަނާ އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފް އެމަނިކުފާނަށް އަމާޒުވެފައިވާއިރު އިދިކޮޅު އެއް ކެންޑިޑޭޓެއްގެ އުއްމީދު އަނެއްކާވެސް ވަނީ އާވެފަ އެވެ. ރައީސް މައުމޫންގެ ވިސްނުންފުޅު އަދިވެސް ހުންނެވީ އެއް ކެންޑިޑޭޓެއް ނެރުވުމަށް ކަމަށް ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތުން އަދިވެސް މަސައްކަތް ކުރަމުން ދަނީ މަޝްވަރާކޮށްގެން ކުރިއަށް ދާން ކަމަށެވެ. ގައުމަށް އޮތް ޒިންމާ މި ވަގުތު ވަރަށް ބޮޑު ކަމަށާއި އިސްކުރާނީ ގައުމު ކަމަށެވެ.

އިދިކޮޅު އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު މިހާރު ވެސް ރައީސް މައުމޫންގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށް ނާދިރާ ވިދާޅުވި އެވެ. ނާދިރާ އިތުރަށް ވިދާޅުވީ، ރައްޔިތުން މާޔޫސްވި ނުދޭނެ ކަމަށާއި އެއް ކެންޑިޑޭޓެއް ނެރެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރުމުގެ އަމާޒު އަދިވެސް އެބަ އޮތް ކަމަށެވެ.