ކުޅިވަރު

އީގަލްސް އަތުން މާޒިޔާއަށް ފަހު ވަގުތު ޕޮއިންޓެއް

އިސްމާއީލް އީސާ ފަހު ވަގުތު ކާމިޔާބު ކޮށްދިން ލަނޑުން ކުލަބު އީގަލްސްއާ 2-2 ން އެއްވަރުކޮށް މާޒިޔާއިން ޕޮއިންޓެއް ހޯދައިިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ލީގް ޗެމްޕިއަން މާޒިޔާއިން، މި އަހަރު ލީގްގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ފުރަތަމަ ލީޑް ނެގީވެސް މާޒިޔާއިންނެވެ. އެ ޓީމުން ލީޑް ނެގީ ފުރަތަމަ ހާފުގެ 45 މިނެޓް ހަމަ ވުމަށް ފަހު އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ދެ ވަނަ މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މި މެޗު އެންމެ ހާއްސަވި ކުޅުންތެރިޔަކީ، މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފެވެ. މިއަދުގެ މެޗަކީ ރާއްޖޭގެ އެންމެ ބޮޑު ލީގްގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި ހުސައިންގެ ފަރާތުން ރަނގަޅު ހަތަރު ސޭވެއް ފެނިގެން ދިޔަ އެވެ. ނަމަވެސް ދެ ވަނަ ހާފު އޭނާއަށް ހާސްކަން ކުރިމަތި ވި އެވެ. ޕްރިމިއާ ލީގްގެ ފުރަތަމަ ދުވަހުގައި އުމުރުން 19 އަހަރުގައި އޭނާ ދެއްކި ކުޅުން ރަނގަޅެވެ.

ދެ ވަނަ ހާފުގައި އީގަލްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށް ލީޑްވެސް ނަގާފަ އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ނިމިދިޔަ ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމަށް ގެނައި އޮސްޓްރޭލިއާގެ ވިންގާ ޑިޒޯން ޑެނިއަލް ލުއިސް އެވެ.

އީގަލްސްއަށް ލީޑް ނަގައިދިނީ، މި ސީޒަންގައި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ބްރެޒިލްގެ ލުއިޒް އެޑްއާޑޯ ޕްރިސީނޯ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އިސްމާއިލް ކާމިޔާބު ކުރީ މެޗުގެ 93 ވަނަ މިނެޓްގަ އެވެ.