ކުޅިވަރު

ވޯލްޑް ކަޕްގެ ދެ ރެފްރީންނާއެކު ސަލީމާއި އަމީޒު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވޯލްޑް ކަޕްގެ ދެ ރެފްރީން ކަމަށްވާ، ހަންގޭރީގެ ވިކްޓާ ކަސާއީ އާއި ރާއްޖޭގެ އަހްމަދު ސައީދުއާއެކު ކުރީގެ ދެ ރެފްރީން ކަމަށްވާ އަލީ ސަލީމް އާއި އަހްމަދު އަމީޒު ހަރަކާތްތެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގް 2011 ގެ ފައިނަލުގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި ކަސާއި ވަނީ ރެފްރީކަން ކޮށްފަ އެވެ. އަދި ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕްގައި ސެމީ ފައިނަލުގައި ވެސް ކަސާއީ ރެފްރީކަން ކުރި އެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި އެފްއޭއެމުން ހަމަޖެއްސި ރެފްރީންގެ ތެރެއިން އެކަކީ، ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕްގައި ލައިން ބެލެހެއްޓި އެސިސްޓެންޓް ރެފްރީ ރާއްޖޭގެ އަހްމަދު ސައީދެވެ. އެ މުބާރާތުގައި ސައީދު ވަނީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ރެފްރީ އިޓަލީގެ ޕިއާލުއީޖީ ކޮލީނާގެ އެހީތެރިއެއްގެ ގޮތުގައި އެސިސްޓެންޓް ރެފްރީގެ ދައުރު އަދާ ކޮށްފަ އެވެ.

ކަސާއީ އާއި ސައީދު މިރޭ ގެ މެޗުގައި ހަރަކާތްތެރިވާ ރެފްރީ އަލީ ސަލީމް އާއި އަހްމަދު އަމީޒު ރެފްރީ ކަމަށް ނުކުތީ އެކުއެކީގައި 1991 ގަ އެވެ. ސަލީމް އާއި އަމީޒު ވަނީ ލޯކަލް އާއި އިންޓަނޭޝަނަލް ލެވަލްގައި ގިނަ މެޗުތަކަކަށް އިންސާފު ކޮށްފަ އެވެ. އޭޝިއާގެ އެއް ވަނަ ކުލަބު މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ރެފްރީކަން ކުރި އެވެ.

ސަލީމްގެ އެންމެ ހާއްސަ މެޗަކީ އިންޑިއާގައި 1992 ވަނަ އަހަރު އިންޑިއާ އާއި އިރާގް ކުޅުނު މެޗެވެ. އިންޑިއާގެ ރަން ޖީލް ކަމަށްވާ އިމްވިޖަޔަން އާއި ބައިޗަން ބުޓިއާގެ ރަން ދުވަސްވަރެވެ. އިންޑިއާގެ އެތައް ސަތޭކަ ބަޔަކު ކުޅިބަލަން ވަން މެޗުވީ ޕްރެޝާ ބޮޑުވި މެޗަކަށެވެ. ސަލީމް ވަނީ ފުޓްބޯޅައިގެ ބޮޑު ފޯރިއެއް އޮންނަ އިރާންގެ އަސްފަހާންގައި ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ރެފްރީކަން ކޮށްފަ އެވެ.

އަހްމަދު އަމީޒު ވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގްގެ އިތުރުން ކުރިން ބޭއްވި އޭއެފްސީ ޕްރެޒިޑެންޓް ކަޕްގައިވެސް ރެފްރީކަން ކޮށްފަ އެވެ. އިންޓަނޭޝަނަލް މެޗުތަކުގެ ތެރެއިން އަމިޒު ބައިވެރިވި އެންމެ ހާއްސަ މެަޗަކީ، އޭރު ޔުނައިޓެޑް ނޭޝަން އާއި ބާރު ގަދަ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތި ވެފައޮތްއިރު އިރާގްގެގައި އިންސާފު ކުރަން ޖެހުނު މެޗެވެ. އެ ގައުމުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން މަކާއޯގެ ޓީމާއި ފީފާ އާއި އޭއެފްސީގެ އޮފިޝަލުންގެ ޓީމަށް އެ އިރްާގްގެ ބޯޑަރުގެ ތެރެއަށް ސަލާމަތް ތެރިކަމާއެކު ވަދެވުނެވެ. އިރާގް އޮތީ ހަނގުރާމައެއްގެ ވިލާގަނޑާ ކުރިމަތިލާން ޖެހިފައިވާ ހާލަތެއްގަ އެވެ.

އިރާގް ހަނގުރާމައިގެ ކުރިން 2001 ވަނަ އަހަރު އިރާގާއި މަކާއޯ ބަގްދާދުގައި ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ފަސްޓް އެސިސްޓެންޓް ރެފްރީގެ ދައުރު އަމީޒު ވަނީ އަދާ ކޮށްފަ އެވެ.