އީގަލްސް

މާޒިޔާ ބަލިކޮށް އީގަލްސް ޗެރީޓީ ޝީލްޑް އުފުލާލައިފި

ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ކުލަބު އީގަލްސްއިން ފަހަތުން އަރައި ކާމިޔާބު ކުރި ތިން ލަނޑުން 3-2 މޮޅުވެ، ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އީގަލްސް ކާމިޔާބު ކޮށްފި އެވެ.

ޗެރިޓީ ޝީލްޑް ރެކޯޑް އަދަދަކަށް ހޯދަން ނުކުތް، މާޒިޔާއިން ފުރަތަމަ ހާފުގައި ދެ ލަނޑު ޖެހުމުން އެ ޓީމަށް މެޗު ލިބުނީ ކަމަށް އުންމީދު ކުރެވުނެވެ. މާޒިޔާއިން ވަނީ މެޗު ފަށައިގެން ދެ ވަނަ މިނެޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) ބޮލުން ކާމިޔާބު ކުރި ބޯޅައިންނެވެ.

އީގަލްސްގެ ހާފުގެ ތެރެއިން އިރުމަތީ ފަރާތު ލައިނާ ކައިރިން މާޒިޔާއަށް ލިބުނު ހިލޭ ޖެހުން ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރެއަށް ނަގައިދިނުމުން އެ ބޯޅައިގައި ބޮޅުން ޖެހީ މާޒިޔާގެ ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލަނިޗް އެވެ. އޭނާ ބޮޅުން ޖެހުމުން ގޯލް ކުރިމައްޗަށް ހުރަސްވެގެން ދިޔަ ބޯޅަ ސަމުއްޓޭ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

މާޒިޔާގެ ދެ ވަނަ ލަނޑަކީ، ލިބުނު ޕެނަލްޓީ އަކުން އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކާމިޔާބު ކުރި ލަނޑެކެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް މާޒިޔާއިން ނަގައިދިން ބޯޅަ ހޯދަން ހަމްޕް އެރުމުން، މާޒިޔާގެ ކީޕަރު މުހައްމަދު ސިނާހް ވަނީ ހަމްޕްއަށް ފައުލު ކޮށްފަ އެވެ. ލިބުނު ޕެނަލްޓީން އިއްބެ ލަނޑު ކާމިޔާބު ކުރި އެވެ.

އޭގެ ފަހުން އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އަށް ވަނީ ނަތީޖާ ފަރަގު ކުޑަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިއާގެ ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި އީގަލްސްގެ ކުޅުން ރަނގަޅު ކުރި އެވެ. މާޒިޔާއަށްވުރެ ގިނަ ފުރުސަތުތައްވެސް ތަނަވަސް ކުރީ އީގަލްސްއިންނެވެ. އެ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބު ކުރީ ޒުވާން ފޯވަޑް ޒައިން ޒަފަރު އެވެ. އީގަލްސްގެ އިމްރާން ނަޝީދު އުފެއްދި ބިލްޑް އަޕްގައި އިންޖަރީއަށް ފަހު އެނބުރި އައި މުހައްމަދު ނާއިމް ހިއްސާވެ އޭނާ ބޯޅަ ދިނީ ރިޒޭ އަށެވެ. ރީޒޭ އޭރިއާ ހަމައަށް ގޮސް ބޯޅަ ދިނީ އޭނާ އާ ދެބެން ދެދަރި ޒައިން ޒަފަރު އަށެވެ. ޒައިން ވަނީ މާޒިޔާގެ ކީޕަރު ނިކޮލާއަށް އެއްވެސް ފުރުސަތެއް ނުދީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

އޭގެ ފަހުންވެސް ޒައިން އާއި ރިޒޭގެ އެޓޭކިން ކޮމްބިޭޝަނެއް ފެނިގެން ދިޔަ އެވެ. ރިޒެ ނަގައިން ބޯޅަ ޒައިން ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަ ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗަށް އިންސާފު ކުރި ޗެމްޕިއަންސް ލީގް 2011ގެ ފައިނަލުގައި އެފްސީ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ރެފްރީ ހަންގޭރީގެ ވީކްޓާ ކަސާއީއަށް ޖީބުން ކާޑު ނަގަން ޖެހުނީ އެންމެ ފަހަރަކު އެވެ. އެއީ މާޒިޔާގެ ކީޕަރު ނިކޮލާއަށް ކާޑު ދައްކަން ޖެހުމުންނެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ ރިޒޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ނާއިމް ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ލިބުނު ޕެނަލްޓީ އަކުން ރިޒޭ އީގަލްސްއަށް ލީޑް ނަގައިދިނެވެ. އެ ޕެނަލްޓީ އަކީ ޒައިންއަށް މާޒިޔާގެ ކީޕަރު ނިކޮލާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އެ ފައުލާ ގުޅިގެން ނިކޮލާއަށް ކާޑު ދެއްކި އެވެ.

ޗެރިޓީ ޝީލްޑް މެޗަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ތެރެއިން 99،000 ރުފިޔާ އެފްއޭއެމުން ވަނީ އިންސާނީ ހިދުމަތުގައި ހަރަކާތްތެރިވާ ތިން ޖަމްއިއްޔާ އަކަށް ހަދިޔާ ކުރަން ނިންމާފަ އެވެ. ކުޑަ ކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އާކް، ބުލަޑް ޑޯނާސް އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ހިމޭނެ ގޮތަށް ކޮންމެ ޖަމައްިޔާއަކަށް 33،000 ރުފިޔާ ދޭ ގޮތަށް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ. މެޗަށް ފަހު ވަނީ އެ ތިން ޖަމްއިއްޔާއަށް ރަމްޒީ ޗެކް ހަވާލު ކޮށްފަ އެވެ.