ޓެކްނޯލޮޖީ

ސްނެޕްޗެޓަށްވުރެ އިންސްޓަސްޓޯރީ ކުރީގައި

ސްނެޕްޗެޓަށް ގޮންޖަހާލުމަށްފަހު އިންސްޓަގްރާމުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ތައާރަފުކުރި އިންސްޓަސްޓޯރީއަށް އޮންނަ ތަރުހީބު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކުން ހިންގަމުން އަންނަ އިންސްޓަގުރާމްގެ ސްޓޯރީ ކޮންމެ ދުވަހަކު ބޭނުންކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 400 މިލިއަނަށްވުރެ މަތީގަ އެވެ. މީގެ އަހަރެއް ކުރިން މި ފީޗާ ކޮންމެ ދުވަހަކު ބޭނުންކުރި މީހުންގެ އަދަދު އުޅުނީ 250 މިލިއަނަށްވުރެ މަތީގަ އެވެ.

މިއާއެކު ސްނެޕްޗެޓަށްވުރެ އިންސްޓަސްޓޯރީ ބޭނުންކުރާ މީހުންގެ އަދަދު ދެ ގުނައަށް މި ވަނީ އިތުރުވެފަ އެވެ. ސްނެޕްޗެޓްގެ އެންމެފަހުގެ ކުއާޓާ ރިޕޯޓުން ހާމަވިގޮތުގައި ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އެކްޓީވް މީހުންގެ އަދަދަކީ 191 މިލިއަން މީހުންނެވެ.

އިންސްޓަގުރާމުން ސްނެޕްޗެޓާއި އެއްގޮތް މި ފީޗާ 2016 ވަނަ ފުރަތަމަ ތައާރަފުކުރިއިރު، މިއީ އިންސްޓަގުރާމުން ސްނެޕްޗެޓް ކޮޕީކޮށްގެން ކުރި ކަމެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ސްނެޕްޗެޓާއި އެއްގޮތަށް އިންސްޓަސްޓޯރީއަށްވެސް ލާ ފޮޓޯއާއި ވީޑިއޯތައް 24 ގަޑިއިރުވީމަ އަމިއްލަ ފޮހެވެ އެވެ.

ސްނެޕްޗެޓެކޭ އެއްގޮތަށް އިންސްޓަސްޓޯރީގައިވެސް ފިލްޓާސް ބޭނުންކޮށްގެން ސެލްފީއާއި ފޮޓޯ ނެގޭނެ ގޮތް ހެދުން ވެގެންދިޔައީ އިންސްޓަސްޓޯރީއަށް އޮތް ތަރުހީބު އިތުރަށް ބޮޑުވެގެންދިޔަ ކަމަކަށެވެ. އިންސްޓަސްޓޯރީ ވަނީ އެންމެ އަށް މަސް ތެރޭގައި ސްނެޕްޗެޓް ފަހަތަށް ޖައްސާލާފަ އެވެ.

އެންމެފަހުން އިންސްޓަސްޓޯރީއަށް ގެނައި އާ ފިޗާތަކުގެ ތެރޭގައި ގިފްސް އާއި މެންޝަން ފްރެންޑްސް ހިމެނެ އެވެ. މި ފީޗާތައް އިންސްޓަސްޓޯރީން ތައާރަފުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ސްނެޕްޗެޓުންވެސް ވަނީ މި ފީޗާ ތައާރަފުކޮށްފަ އެވެ.