ހޮލީވުޑް

"އިންޑިއާނާ ޖޯންސް 5" ރިލީޒް ކުރުން ފަސްކުރަނީ

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ފިލްމު ސީރީޒް "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ފިލްމު ރިލީޒް ކުރާ ތާރީހު ފަސް ކުރަން ނިންމައިފި އެވެ. މި ފިލްމު ރިލީޒްކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ ޖުލައި 10، 2020 އިގަ އެވެ.

ފިލްމު ރިލީޒް ކުރުން ފަސްކުރީ ކޮން ތާރީހަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ފިލްމެއް ގެނެސްދޭކަން ޑިޒްނީގެ ލޫކަސް ފިލްމުން ހާމަކުރީ 2016 ވަނަ އަހަރުގަ އެވެ.

މި ފިލްމު ރިލީޒް ކުރުން ފަސް ކުރަން ޖެހުނީ ފިލްމުގެ ސްކްރިޕްޓު ރައިޓަރު ބަދަލުވުމާއި ޑައިރެކްޓަރު ސްޓީވެންއަށް ފިލްމުގެ މަސައްކަތައް ވަގުތު ދިނުމަށް ދަތިތަކެއް ހުރުމާއި ގުޅިގެންކަމަށް ބުނެފައިވެ އެވެ.

އިންޑިއާނާ ޖޯންސް ފިލްމު ސީރީޒްގެ ހަތަރު ފިލްމެއް މިހާތަނަށް ގެނެސްދީފައިވާއިރު، އެ ހުރިހާ ފިލްމެއް ވެސް ޑައިރެކްޓުކޮށްފައި ވަނީ ސްޓީވެން އެވެ. މި ފިލްމު ސީރީޒްގެ ދަށުން އެންމެ ފުރަތަމަ ފިލްމެއް ގެނެސްދިނީ 1981 ވަނަ އަހަރު އެވެ. އެންމެފަހުން މި ފިލްމު ސީރީޒްގެ ފިލްމެއް ނިކުތީ 2008 ވަނަ އަހަރު އެވެ.