ބޮލީވުޑް

ސިނަމާތައް ބާރުބޮޑު، "ސަންޖޫ" ލީކުވީ؟

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންއައި ބޮލީވުޑްގެ ފިލްމު "ސަންޖޫ" ރިލީޒްކުރި ދުވަހު، މި ފިލްމުގެ ފުލް އެޗްޑީ ކޮޕީ އޮންލައިނުކޮށް ލީކުކޮށްލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

މި ފިލްމު ރިލީޒްކުރީ އިއްޔެ އެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަން މިހާރުވެސް ގިނަ ޝޯތަކެއް ހައުސްފުލްވެފައި ހުރިއިރު ފުރަތަމަ ދުވަހު އެކަނިވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަފްތާ ބަންދު ނިމޭއިރު ބޮކްސް އޮފީހުގައި މި ފިލްމަށް 30 ކްރޯޑު ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކުރި ގޮތުގައި ފިލްމު ލީކުކޮށްލި ކަމަށް ބުނާ ވާހަކަތަކެއް ޓުވިޓާގައިވެސް ވަރަށް ގަދައަށް ދަނީ ދެކެވެމުންނެވެ. އަދި ޓޮރެންޓު ޑައުންލޯޑް ސައިޓުތަކުން މި ފިލްމުގެ އެޗްޑީ ކޮޕީ މިހާރު ޑައުންލޯޑުކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ފިލްމު ލީކޮށްލިކަމަށް ބުނެ އަޑު ފެތުރުމާއި ގުޅިގެން ޓުވިޓާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ރަންބީރް ކަޕޫރްގެ ފޭނުން އަންނަނީ ފިލްމު ބަލަން އެންމެވެސް ސިނަމާއަށް ދިއުމަށް އެދެމުންނެވެ. އަދި މި ވާހަކަތަކަކީ ސަލްމާން ޚާންގެ ފޭނުން ޓުވިޓާގައި ފަތުރަމުން އަންނަ ދޮގު ވާހަކަތަކެއް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

"ސަންޖޫ" ގެ ލަވަ "ކަރް ހަރް މައިދާން ފަތޭ".

މަޝްހޫރު އެކްޓަރު ސަންޖޭ ދަތްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދިން މި ފިލްމު ޑައިރެކްޓުކުރީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ އެވެ. މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ރަންބީރް ކަޕޫރް އެވެ.

ފުރަތަމަ ދުވަހުގެ ފިލްމު ރިވިއުތަކަށް ބަލާއިރު ރަންބީރްއަށް ގިނަ ބައެއް ތައުރީފު ވަނީ އޮހިފަ އެވެ. މި ފިލްމަށް ފިލްމުފެއާއިން ވަނީ ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއްވެސް ދީފަ އެވެ.