ދުނިޔެ

ތައިލަންޑު ޓީމު ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ އޮޕަރޭޝަނަކަށް!

Jun 30, 2018

ތައިލެންޑް (ޖޫން 30) - ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ޒުވާން ފުޓުބޯޅަ ޓީމެއް ސަލާމަތް ކުރުމުގެ މަސައްކަތުގައި، އިނގިރޭސި ވިލާތުގެ ޑައިވަރުންނާއި، އެމެރިކާ ސިފައިން ވެސް އެހީތެރިވާން ފަށައިފި އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު ކަމަށް ބެލެވެ އެވެ. މިހާތަނަށް 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ ބާރަ ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޯދަމުންދާތާ ހަތަރު ދުވަސް ވެފައިވީ ނަމަވެސް އެކުދިން ފެނުމުގެ އުއްމީދު ދޫނުކޮށް އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ނަމަވެސް، ހޮހޮޅާގައި ފެންބޮޑުވެފައިވާތީ، އެ ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުންނަށް ވަނީ ބޮޑެތި ހުރަސްތަކާއި ކުރިމަތިވެފަ އެވެ. އަދިވެސް އެ ސަރަހައްދުގައި ބޯކޮށް ވާރޭވެހޭތީ، ބޮޑެތި ޕަމްޕު ބޭނުންކޮށްގެން ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިންދުމުގެ މަސައްކަތަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. މީގެ އިތުރުން، ހޮހޮޅައިގެ އެކި ހިސާބުތައް ތޮރުފައިގެން ފެން ހިންދުމަށް ވެސް ވަނީ ދަތިވެފަ އެވެ.

އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ ޑްރޯން ވެސް ވަނީ ބޭނުންކުރަން ފަށާފަ އެވެ. މީގެ އިތުރުން، ހޮހޮޅައިގެ ތެރޭގައި ފެން ހެދިފައިވާ މިންވަރުގެ މައުލޫމާތު ހޯދުމަށް ޑައިވިންގް ރޮބޮޓެއްގެ އިތުރުން ކުއްތާގެ އެހީ ވެސް ދަނީ ހޯދަމުންނެވެ.

ޓޫރިސްޓުން މެދުގައި މަގުބޫލު އެ ހޮހޮޅައިގެ އެކި ހިސާބުތަކަށް ކާބޯތަކެއްޗާއި، ފެނާއި، މެޕްތަކާއި، މޯބައިލް ފޯނުތައް ވެސް ވަނީ ފޯރުކޮށްދީފަ އެވެ. އެކުދިން ދިރިތިބިކަން ކަށަވަރު ކުރެވިއްޖެނަމަ، އެ ކުދިން ސަލާމަތް ކުރުމަށް އެތަކެއް ހަފްތާއެއް ނަގާނެ ކަމަށް ބެލެވެ އެވެ.