ހޮލީވުޑް

"ޑޮކްޓާ ސްޓްރޭންޖް" ގެ ސީކުއެލްއެއް އަންނަނީ

މާވެލް ސްޓޫޑިއޯސް އިން 2016 ވަނަ އަހަރު ގެނެސްދިން ސުޕަހިޓް ސުޕަހީރޯ ފިލްމު "ޑޮކްޓާ ސްޓްރޭންޖް" ގެ ސީކުއެލް ފިލްމެއް ގެނެސްދޭނެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ. މި ފިލްމު ގެނެސްދޭނެކަން ކަށަވަރު ކޮށްދިނީ އެ ސްޓޫޑިއޯގެ ރައީސް ކެވިން ފިޖް އެވެ.

ސިނެމާ ބްލެންޑަށް ދިން އިންޓަވިއުއެއްގައި، މާވެލް ފިލްމުކުގެ ކެރެކްޓާސްތަކާއި އަދި މާވެލް ސިނެމެޓިކް ޔުނިވާސްގައި ހިމެނޭ ފިލްމުތަކުގެ މުސްތަގުބަލަށް ކުރާ އުއްމީދުތަކާއި ބެހޭގޮތުން ކެވިންއާއި ސުވާލު ކޮށްފައިވެ އެވެ.

"ބައެއް ފަހަރު އަހަރެމެން ދެ ވަނަ ފިލްމެއް ގެނެސްދޭއިރުގައި ގެނެސްދެނީ ފުރަތަމަ ފިލްމު ނިކުތްތާ އަހަރުތަކެއް ފަހުން. ހަމަ އެގޮތަށް 'ޑޮކްޓާ ސްޓްރޭންޖް' ވެސް ގެނެސްދޭނަން. އޭނާއަކީ 'އިންފިނިޓީ ވޯ'ގެވެސް ބޮޑު ބައެއް ކުޅުނު ކެރެކްޓާއެއް." ކެވިން ބުންޏެވެ.

"ޑޮކްޓާ ސްޓްރޭންޖް" އަކީ ސްކޮޓް ޑެރިކްސަން ޑައިރެކްޓުކޮށް ގެނެސްދިން ފިލްމެވެ. އެ ފިލްމާއި މާވެލް ސިނެމަޓިން ޔުނިވާސްގެ ފިލްމުތަކުގައި "ޑޮކްޓާ ސްޓްރޭންޖް" ކެރެކްޓާއިން ފެނިގެންދަނީ ބެނެޑިކްޓް ޗަމްބާބެޗް އެވެ. މުހިންމު ރޯލުންތަކުން މި ފިލްމުގައި ރޭޗަލް މެކްއެޑަމްސް، ޝިވެޓެލް އީޖިއޯފަރް، ބެނެޑިކްޓް ވޮންގް، މޭޑްސް މައިކްކެލެސެން އަދި ޓިލްޑާ ސްވިންޓަން ފެނިގެންދެ އެވެ.