ދުނިޔެ

ރެފިއުޖީންގެ މައްސަލާގައި ނުވަ ގަޑީރުގެ މަޝްވަރާއަށްފަހު އީޔޫ ލީޑަރުން އެއްބަސްވުމަކަށް!

Jun 30, 2018

ބްރަސަލްސް (ޖޫން 29) - ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ގައުމަތަކުން ޔޫރަޕަށް ހިޖުރަކުރާ މީހުންގެ މައްސަލަ ހައްލު ކުރާނެ ގޮތަކާއިމެދު ދެ ދެހަވުގެ ދިގު ބަހުސަކަށްފަހު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލީޑަރުންނަށް ހުކުރު ދުވަހު އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

މާބޮޑު ތަފްސީލެއް އަދި ނެތް ނަމަވަސް، ނުވަ ގަޑީރަށް ދިގުދެމިގެންދިޔަ ބަހުސަށްފަހު، ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމަށް އީޔޫގެ ބައެއް ގައުމުތަކުގައި ސެންޓަރުތަކެއް ގާއިމު ކުރުމަށް ވަނީ އެއްބަސްވެވިފަ އެވެ. މިގޮތުން، ޔޫރަޕުގެ ހިމާޔަތް ހޯދާ ރެޖިއުޖީން ފުރަތަމަ ގެންދާނީ އެ ސެންޓަރުތަކަށެވެ. އެއަށްފަހު ޔޫރަޕުގެ ހިމާޔަތް ހައްގުވާ މީހުން، ޔޫރަޕަށް އެތެރުވުމުގެ ހުއްދަ ދޫކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މިފަދަ "ކޮންޓްރޯލް ސެންޓަރު" ތައް ގާއިމު ކުރާނެ ގައުމުތަކެއް އެއްބަސްވުމުގައި ކަނޑައަޅާފައެއްނުވެ އެވެ.

އަދި ހިމާޔަތްދޭން ނިންމާ ރެފިއުޖީން އެތެރެވާނެ އީޔޫގެ ގައުމެއް ނިންމާނީ އެ ވަކިވަކި ގައުމިތަކުން އަމިއްލައަށް ކަމަށް ވެސް، މަޝްވަރާއަށް ފަހު އާންމު ކުރި ކަރުދާހުގައިވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރެފިއުޖީންގެ ކަންކަމަށް ތުރުކީއަށް އިތުރު ފައިސާ ދިނުމަށް އެއްބަސްވެފައިވާ އިރު، 581 މިލިއަން ޑޮލަރު އުތުރު އެފްރިކާއަށް ކަންޑައެޅުމަށްވެސް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ރެފިއުޖީ ސެންޓަރުތައް އީޔޫ ގައުމަތަކުގައި ގާއިމު ކުރިކަމުގައި ވީނަމަވެސް، ވީއެންމެ އަވަހަކަށް މި ސެންޓަރުތައް އީޔޫގެ ބޭރުގައި ގާއިމުކުރާނެ ގޮތްތަކަށް ހޯދުމަށްވެސް ވަނީ އެއްބަސްވެވިފަ އެވެ. މިފަދަ ސެންޓަރުތަކުގެ ސަބަބުން ކަނޑު ހުރަސްކޮށް ނުރައްކާތެރި ދަތުރެއް ނުކޮށް ޔޫރަޕުން ހިމާޔަތް ހޯދޭނެމަގު ހުޅުވޭނެ ކަމުގައި ވެސް އީޔޫއިން ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން އީޔޫގެ 28 ގައުމުން، އެއް ގައުމުން އަނެއް ގައުމަށް ރެފިއުޖީން އެތެރުވުން ކޮންޓްރޯލް ކުރުމަށް އެ ގައުމަކުން އެތެރޭގެ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެއްބަސްވުމުގައި ވަނީ ގޮވާލާފަ އެވެ. އަދި ޔޫރަޕަށް ހިޖުރަކުރުމުގެ މަގުމަތީގައި، ހާލުގައިޖެހޭ ރެފިއުޖީންގެ ޒިންމާ ހަމަހަމައަށް އީޔޫގެ ހުރިހާ ގައުމަކުން އުފުލަންޖެހޭގޮތަށް ވެސް ވަނީ އެއްބަސްވެވިފަ އެވެ.

މިއަހަރު ނިމޭއިރު ގާތްގަނޑަކަށް 87،000 ރެފިއުޖީން ޔޫރަޕަށް ހިޖުރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، މި އަދަދަކީ 2017 ވަނަ އަހަރު ގެ އަދާދާއި އަޅާބަލާއިރު، ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ނަމަވެސް، އީޔޫގެ އެހެން ގައުމަތުން ވެސް ހަމަހަމަކަމާއެކު ޒިންމާ އުފުލަންޖެހޭ ކަމަށް ބުނެ، ދާދި ފަހުން ކަނޑުމަތިން ސަލާމަތް ކޮށްގެން އެތަކެއް ސަތޭކަ ރެފިއުޖީންތަކެއް ގޮވައިގެން ދިޔަ ދެ ބޯޓެއް ބަނދަރު ކުރުމުގެ ހުއްދަ ދިނުމަށް އިޓަލީން އިންކާރުކޮށްފަ އެވެ.

ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދަން އިސް މަސައްކަތް ކުރައްވާ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވީ މި އެއްބަސްވުމަކީ ފެށުމެއްކަމަށާއި ނަމަވެސް ދާއިމީ ހައްލެއް ހޯދުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގަ އެވެ.