ދުނިޔެ

އެފްރިކާގައި ރެފިއުޖީ ސެންޓަރުތައް އެޅުމުގެ އީޔޫގެ ޕްލޭނާމެދު ސުވާލު އުފައްދައިފި

ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ގައުމަތަކުން ޔޫރަޕަށް ހިޖުރަކުރާ މީހުންގެ މައްސަލަ ހައްލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އުތުރު އެފްރިކާގައި މައިގްރޭޝަން ސެންޓަރުތަކެއް އެޅުމުގެ ޕްލޭނާއި މެދު ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ސުވާލު އުފައްދަވައިފި އެވެ.

މިދިޔަ ޖޫން މަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ލީޑަރުން ބޭއްވި ކުއްލި ސަމިޓުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ޔޫރަޕުން ހިމާޔަތް ހޯދަން ބޭނުންވާ މީހުން ފުރަތަމަ ދާންޖެހޭނީ އެފްރިކާގައި ގާއިމުކުރެވޭ ސެންޓަރުތަކަށެވެ. އެ ސެންޓަރުތަކުން ހިމާޔަތް ހޯދުމަށް އެދި ހުށަހަޅާ މީހުން ބެލުމަށްފަހު، ހިމާޔަތް ހައްގުވާ މީހުން ޔޫރަޕަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އެ ޕްލޭނުގައިވެ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މި ސެންޓަރުތަކުގެ ބޭނުމަކީ، ނުރައްކާތެރި ކަނޑު ދަތުރެއްނުކޮށް ޔޫރަޕުން ހިމާޔަތް ހޯދޭނެމަގު ހުޅުވުމެވެ.

އަދި މި ސެންޓަރުތަކުގެ ސަބަބުން ޔޫރަޕަށް އެތެރެވާ ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް، ނައިޖީރިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، މެކްރޯން ވަނީ މި ސެންޓަރުތަކާއި ގުޅިގެން އެފްރިކާގެ ގައުމުތަކުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފަ އެވެ. މިގޮތުން، އެފަދަ ނިންމުމެއް އީޔޫ އިން ނުނިންމޭނެކަމަށާއި، އެކަން ވާންޖެހޭނީ އެފްރިކާ ގައުމުތަކުގެ އަމިއްލަ ނިންމުމެއްކަމަށް ވެސް މެކްރަން ވަނީ ވިދާޅުވެފަ އެވެ.

މެކްރޯން އިތުރަށް ވިދާޅުވީ މިހާތަނަށް އެފަދަ ސެންޓަރުތަކެއް އެޅުމަށް އެއްވެސް އެފްރިކާގެ ގައުމަކުން އެއްބަސްވެފައިނުވާއިރު، އެ ސެންޓަރުތައް ގާއިމުކޮށްފިނަމަ، އެފްރިކާ ގައުމުތަކަށް ހީވެސް ނުކުރެވޭހާ ގިނަ ރެފިއުޖީން މިސްރާބު ޖެހުން އެކަށީގެންވާ ކަމަށެވެ.

މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވަސް، ނުވަ ގަޑީރަށް ދިގުދެމިގެންދިޔަ ބަހުސަށްފަހު، ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމަށް އީޔޫގެ ބައެއް ގައުމުތަކުގައި ސެންޓަރުތަކެއް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެވިފަ އެވެ.

މިގޮތުން، ޔޫރަޕުގެ ހިމާޔަތް ހޯދާ ރެޖިއުޖީން ފުރަތަމަ ގެންދާނީ އެ ސެންޓަރުތަކަށެވެ. އެއަށްފަހު ޔޫރަޕުގެ ހިމާޔަތް ހައްގުވާ މީހުން، ޔޫރަޕަށް އެތެރުވުމުގެ ހުއްދަ ދޫކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މިފަދަ "ކޮންޓްރޯލް ސެންޓަރު" ތައް ގާއިމު ކުރާނެ ގައުމުތަކެއް އެއްބަސްވުމުގައި ކަނޑައަޅާފައެއްނުވެ އެވެ.

މިއަހަރު ނިމޭއިރު ގާތްގަނޑަކަށް 87،000 ރެފިއުޖީން ޔޫރަޕަށް ހިޖުރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، މި އަދަދަކީ 2017 ވަނަ އަހަރު ގެ އަދާދާއި އަޅާބަލާއިރު، ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ނަމަވެސް، އީޔޫގެ އެހެން ގައުމަތުން ވެސް ހަމަހަމަކަމާއެކު ޒިންމާ އުފުލަންޖެހޭ ކަމަށް ބުނެ، ދާދި ފަހުން ކަނޑުމަތިން ސަލާމަތް ކޮށްގެން އެތަކެއް ސަތޭކަ ރެފިއުޖީންތަކެއް ގޮވައިގެން ދިޔަ ދެ ބޯޓެއް ބަނދަރު ކުރުމުގެ ހުއްދަ ދިނުމަށް އިޓަލީން އިންކާރުކޮށްފަ އެވެ.