ދުނިޔެ

ކޮންމެ ރެފިއުޖީއަކަށް 6،000 ޔޫރޯ ދޭން ހުށަހަޅައިފި

Jul 25, 2018

ބްރަސަލްސް (ޖުލައި 25) - ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ގައުމަތަކުން ޔޫރަޕަށް ހިޖުރަކުރާ މީހުންނަށް ހިމާޔަތްދޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމަތަކަށް، ކޮންމެ ރެފިއުޖީއަކަށް 6،000 ޔޫރޯ ދޭން ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން އަންގާރަ ދުވަހު އާންމުކުރި ޕްރޮޕޯސަލްއެއްގައި ބުނެފައިވަނީ، މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ބޯޓުތަކުގައި ޔޫރަޕަށް ހިޖުރާ ކުރާ މީހުން އެތެރެވާން ހުއްދަދޭ އީޔޫގެ ގައުމުތަކަށް ކޮންމެ ރެފިއުޖީއަކަށް 6،000 ޔޫރާ (7،010 ޑޮލަރު) ދިނުމުގެ އިތުރުން، އެމީހުން ޕްރޮސެސް ކުރުމަށް ދާ އިދާރީ ހަރަދުތައް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ނަމަވެސް، ރެފިއުޖީ މައްސަލާގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔަމުންދާ އިޓަލީން ވަނީ މި އަދަދު މާ މަދު ކަމަށް ބުނެ އެ ހުށަހެޅުން ގަބޫލުނުކުރާނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެން ހައިރާތެއް ބޭނުމެއް ނޫން. މިހާރު ކޮންމެ ރެފިއުޖީއަކަށް އިޓަލީގެ ރައްޔިތުންގެ ޖީބުން 40،000 އާއި 50،000 ޔޫރޯ އާދެމެދު އެބަ ހަރަދުވޭ. އަހަރެމެން ބޭނުންވަނީ ފައިސާ އެއް ނޫން. އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ގަދަރުވެރިކަން ހިމާޔަތްކުރަން،" އިޓަލީގެ އިންޓީރިއާ މިނިސްޓަރު މެޓެއޯ ސަލްވީނީ ރިޕޯޓަރުންނަށް ވިދާޅުވެފައިވެ އެވެ.

ކޮމިޝަނުގެ މި ހުށަހެޅުން އައިސްފައިވަނީ، ޔޫރަޕަށް ހިޖުރަކުރާ މީހުންގެ މައްސަލަ ހައްލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އުތުރު އެފްރިކާގައި މައިގްރޭޝަން ސެންޓަރުތަކެއް އެޅުމުގެ ޕްލޭނެއް އެކުލަވާލެވިފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ޖޫން މަހު އީޔޫގެ ލީޑަރުން ބޭއްވި ކުއްލި ސަމިޓުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ޔޫރަޕުން ހިމާޔަތް ހޯދަން ބޭނުންވާ މީހުން ފުރަތަމަ ދާންޖެހޭނީ އެފްރިކާގައި ގާއިމުކުރެވޭ ސެންޓަރުތަކަށެވެ. އެ ސެންޓަރުތަކުން ހިމާޔަތް ހޯދުމަށް އެދި ހުށަހަޅާ މީހުން ބެލުމަށްފަހު، ހިމާޔަތް ހައްގުވާ މީހުން ޔޫރަޕަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އެ ޕްލޭނުގައިވެ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މި ސެންޓަރުތަކުގެ ބޭނުމަކީ، ނުރައްކާތެރި ކަނޑު ދަތުރެއްނުކޮށް ޔޫރަޕުން ހިމާޔަތް ހޯދޭނެމަގު ހުޅުވުމެވެ.

އަދި މި ސެންޓަރުތަކުގެ ސަބަބުން ޔޫރަޕަށް އެތެރެވާ ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވަސް، ނުވަ ގަޑީރަށް ދިގުދެމިގެންދިޔަ ބަހުސަށްފަހު، ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމަށް އީޔޫގެ ބައެއް ގައުމުތަކުގައި ސެންޓަރުތަކެއް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެވިފަ އެވެ.

މިގޮތުން، ޔޫރަޕުގެ ހިމާޔަތް ހޯދާ ރެޖިއުޖީން ފުރަތަމަ ގެންދާނީ އެ ސެންޓަރުތަކަށެވެ. އެއަށްފަހު ޔޫރަޕުގެ ހިމާޔަތް ހައްގުވާ މީހުން، ޔޫރަޕަށް އެތެރުވުމުގެ ހުއްދަ ދޫކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މިފަދަ "ކޮންޓްރޯލް ސެންޓަރު" ތައް ގާއިމު ކުރާނެ ގައުމުތަކެއް އެއްބަސްވުމުގައި ކަނޑައަޅާފައެއްނުވެ އެވެ.

މިއަހަރު ނިމޭއިރު ގާތްގަނޑަކަށް 87،000 ރެފިއުޖީން ޔޫރަޕަށް ހިޖުރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، މި އަދަދަކީ 2017 ވަނަ އަހަރު ގެ އަދާދާއި އަޅާބަލާއިރު، ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ނަމަވެސް، އީޔޫގެ އެހެން ގައުމަތުން ވެސް ހަމަހަމަކަމާއެކު ޒިންމާ އުފުލަންޖެހޭ ކަމަށް ބުނެ، ދާދި ފަހުން ކަނޑުމަތިން ސަލާމަތް ކޮށްގެން އެތަކެއް ސަތޭކަ ރެފިއުޖީންތަކެއް ގޮވައިގެން ދިޔަ ދެ ބޯޓެއް ބަނދަރު ކުރުމުގެ ހުއްދަ ދިނުމަށް އިޓަލީން އިންކާރުކޮށްފަ އެވެ.