ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ރާއްޖެއަށް ކެނެޑާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ބައްދަލު ކުރައްވައިފި އެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ގެއަށް މެކިނަން ވަޑައިގެން އޭނާއާ ބައްދަލު ކުރެއްވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކެނެޑާއިން ދެއްވާ ސަޕޯޓަށްވެސް މަހުލޫފް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މަހުލޫފް ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަށް އެބައޮތް ކަމަށެވެ. ނަމަވެސް އެ ހުރަސްތަކާއެކުވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ގޭ ބަންދުގައި ހުންނަވަނިކޮށް މީގެ ކުރިން ވަނީ ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕް ވެސް ބައްދަލު ކުރައްވާފަ އެވެ.
މަހުލޫފް ކޮށްފައިވާ ޓްވީީޓަކާއި ގުޅިގެން އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެގޮތުން އެ މައްސަލައިގެ ދެން އޮތީ އެންމެ ފަހު އަޑުއެހުމެވެ. އޭގެ އިތުރުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.