އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އާއި މެލޭޝިއާ ލީގުން ހޮވާލެވުނު ޓީމު އިއްޔެ ކުޅުނު މެޗުގައި ކުޅެ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ދިވެހި ކުޅުންތެރިއާގެ ޝަރަފު ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ ވަނީ ހޯދައިފަ އެވެ. މި މެޗުގައި ކުޅުމުގެ ފުރުސަތަކީ ދަގަނޑޭ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ދަގަނޑޭގެ ކާމިޔާބު ކެރިއަރުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ.
"މި ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ދަގަނޑޭ "އަވަސް"އާ ވާހަކަދައްކަމުން ބުންޏެވެ. "މި ފުރުސަތު ތަނަވަސްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ހާއްސަކޮށް މެލޭޝިއާ ގަައުމީ ޓީމުގެ ކޯޗު ޑޯލާ ސާލޭ އާއި އެފްއޭއެމް އަށް ޝުކުރު އަދާކުރަން."
މި މެޗު ޓީވީއެމް އާއި ރާއްޖެ ޓީވީ އާއި ދި ޓީވީ އަދި ސަންގު ޓީވީން ވަނީ ލައިވްކޮށްފަ އެވެ. މި މެޗަށް ރާއްޖޭގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެވެ. ސޯޝަލް މީޑިއާގައި އެކަން އިއްޔެ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.
ދަގަނޑޭ ބުނީ "އަބަދު ވެސް އަޅުގަނޑަށް ސަޕޯޓްދޭ" ދިވެހި ހުރިހަ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި މެޗުން ޓޮޓެންހަމް 2-1 އިން މޮޅުވީ ފުރަަތަމަ ހާފުގައި އިންގްލެންޑްގެ ފޯވަޑް ހެރީ ކޭން ޖެހި ދެ ލަނޑުންނެވެ.
ދަގަނޑޭ ބުނީ މި މެޗުގައި ދެއްކުނު ކުުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"މި މެޗުގައި ޕާފޯމަންސްއާމެދު ހިތްހަމަޖެހޭ. ޓޮޓެންހަމް އަކީ މާ މޮޅު ޓީމެއް. ދެ ޓީމުގެ މެދުގައި އޮތް ތަފާތު ފެނިއްޖެ މި މެޗުން. އެކަމަކު އަހަރެމެން ވަނީ ލަނޑެއް ޖަހައި، ރަނގަޅު ފުރުސަތުތަކެއް ހޯދައިފައި،" ދަގަނޑޭ ބުންޏެވެ.
މި މެޗުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ވަނީ ދަގަނޑޭ އަށް ހާއްސަ މެސެޖެއް ދީފަ އެވެ. ދިވެހިން ބަހުން ޕޮޕޯފް ދިން މެސެޖުގައި ޕޮޕޯފް ވަނީ ކޭންގެ ޖޯޒީ ހޯދުމަށް ދަގަނޑޭ ކައިރީގައި އެދިފަ އެވެ. ދަގަނޑޭ ވަނީ އެ އެދުން ފުރިަހަމަކޮށްފަ އެވެ. ކޭން ވަނީ އޭނާގެ ޖޯޒީ ދަގަނޑޭ އަށް ދީފަ އެވެ.