(28 ޖޫން 2018 އާ ގުޅޭ)
"އަހަރެންގެ ގާތުން ސަލާމަތްވެވޭނެތީ އުފާވާނެކަން އެނގޭ" އަރްސަލް ހީނލާފައި އޭނާގެ ބޮލުން ނިމްރާގެ ބޮލުގައި ޖަހާލިއެވެ. ދެން ވެސް ނިމްރާއިނީ ހިމޭންވެފައެވެ.
"އޭތް! ކީއްވެ އެއްޗެއް ނުބުނީ؟" ނިމްރާ ވާހަކަ ނުދެއްކުމުން އަރްސަލް ވާހަކަދެއްކީ ނިމްރާގެ މޫނަށް ބަލާލަމުންނެވެ. އަރްސަލްގެ އެ ހަރަކާތާއެކު ނިމްރާގެ ތުންފަތް ހިނިތުންވުމަކަށް ދެމިލިއެވެ. ނަމަވެސް އެ ހިނިތުންވުން ނިމްރާގެ ހިތުގެ ހަޤީޤަތް އަރްސަލްއަށް ފަރުދާކުރިއެވެ. އެހެންވެ އެ މޫނުމަތިން އެއްވެސް އަސަރެއް ދެނެގަންނަން އަރްސަލްއަށް ފަސޭހައެއްނުވިއެވެ.
"އަހަރެން ކީކޭ ބުނަންވީ؟" އަރްސަލްއަށް ބަލަން އިނދެ ނިމްރާ ބުންޏެވެ.
"ސަމްތިންގް... އެނީތިންގް... ސްކާލެޓް ބޭނުން އެއްޗެއް" ހިނިއައިސްފައި އިން އަރްސަލް ބުނެލިއެވެ. އެހެންޏާ ނުފެންނަ އުފާވެރިކަމެއް އަރްސަލްގެ ފަރާތުން ފެންނަމުން ދިޔައިރު އެ އުފާވެރިކަމަކީ ނިމްރާއާ ދުރަށްދާން ނިންމި ނިންމުމުން އަރްސަލްއަށް ލިބިގެން އުޅޭ އުފާވެރިކަމަކާ މެދު ނިމްރާގެ ހިތުގައި ސުވާލު އުފެދުނެވެ.
"އަހަރެން އައީ ވަޒީފާއެއް އަދާކުރަން... ވެރި ފަރާތުން ނިންމާ ކޮންމެ ނިންމުމެއް އަހަރެން ޤަބޫލުކުރަން ޖެހޭނެ ދޯ" އިރުކޮޅަކު އިނދެފައި ނިމްރާ ބުނެލިއެވެ.
"ތިބުނީ ރަނގަޅަށް... އަހަރެން ބުނާ ގޮތެއް ސްކާލެޓް ހަދަން ޖެހޭނީ" އަރްސަލް މިހެން ބުނެލިއިރު އޭނާގެ ހިތާއި ސިކުނޑީގައިވަނީ އެ ބުނި އެއްޗެއްގެ މާނަ އޮތީ ފޮރުވިފައެވެ.
"ކޮންއިރަކުން އަހަރެން މިގެއިން ނުކުންނަންވީ؟" ނިމްރާ ސުވާލުކުރިއެވެ.
"މާދަމާ ރޭ" އަރްސަލް ވަގުތުން ބުނެލިއެވެ.
"އެކަމަކު... އެހާ އަވަހާ... އަހަރެން... ހުންނާނޭ ތަނެއް ހޯދަން ވަގުތު ބޭނުންވާނެ" ނިމްރާގެ އަޑުގައި ހުރި ސީރިއަސްކަން އަރްސަލްއަށް ވެސް ފާހަގަވިއެވެ. ދެކެވެމުންދިޔަ ވާހަކައާ މެދު ނިމްރާ އެ އިނީ ހާސްވެފައިކަން އަރްސަލްއަށް ނަގައިގަނެވުނެވެ.
"ހުންނާނޭ ތަނެއް ދޯ... އެކަމާ ސްކާލެޓް ނުވިސްނާ... މާދަމާ ރޭ އެގާރަ ޖަހަންވާއިރަށް ރެޑީ ވެގެން ހުރޭ" އަރްސަލް ވިސްނާކަމުގެ ފާޑު މޫނުމައްޗަށް ގެންނަމުން ތުނިތުނިކޮށް ހުރި ތުނބުޅީގައި އިނގިލިތައް ހާކާލާފައި ބުންޏެވެ.
"އޯކޭ... އައި ވިލް ބީ ރެޑީ... ތޭންކްސް ފޯ އެވްރިތިންގް... އަހަރެން މި ގޭގެ ހުރިހާ ކަމެއް ކުރީ ވަރަށް ކުރާ ހިތުން، އަހަރެންގެ ހަޔާތުގައި ވެސް ވަޒީފާއެއްގެ ގޮތުން އާދާކުރި ފުރަތަމަ ވާޒީފާ މީ... މައިޑެއްގެ ވަޒީފާ ވިޔަސް އައި ރިއަލީ ލަވް މައި ޖޮބް" ހިތަށް ކުރެވެމުންދިޔަ އުނދަގޫތަކާއެކު ފިނި ނޭވާއެއް ނިމްރާ ދޫކޮށްލިއެވެ. އަދި ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"ނޮޓް ޔެޓް ސްކާލެޓް... އަދި ތޭންކްސް ބުނާ ވަރެއްނުވޭ... ވެލް! ދެޓްސް އޯލް... އެއީ އަހަރެން ބުނަން ބޭނުންވެގެން އުޅުނު ވާހަކައަކީ" ނިމްރާގެ ވައަތްތިލައިގެ އިނގިލިތަކާއި އަރްސަލްގެ އަތުގެ އިނގިލިތަކާއި މަހާލިއެވެ.
"އެހެންވީރު އަހަރެން ދެން ނިދަން ދަނީ" ނިމްރާ ބޭނުންވީ އަރްސަލް ދިން ޚަބަރުގެ ސަބަބުން އެކަނިވެލާށެވެ.
"އިހަށް މަޑުކޮށްލަންވީނު ރާދު އަންނަންދެން... ޕްލީޒް" މަހާލެވިފައިވާ އިނގިލިތަކާއެކު ނިމްރާގެ އަތް ގަޔާ ކައިރިކޮށްލަމުން އަރްސަލް ބުނެލިއެވެ.
* * * * *
"ބައްޕަ ސުވާލުކުރާނޭކަން ޔަގީން" ރާދިންގެ ކާރު ކައިރީ އޭނާއާއެކު މަޑުކޮށްލައިގެން ހުރި ޝިހާނާ ބުނެލިއެވެ.
"އާނާ ބުނަން ބޭނުންވަންޏާ ބުނޭ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް... މުއްތުބެ އެކަންޏެއްނޫން މިރޭ އަހަރެމެންނަށް ބެލީ، ބައްޕަ ވެސް މިހާރު ހުންނާނީ ހުރިހާ ކަމެއް އެނގެން ކެތްތެރިކަން ކުޑަވެފައިކަން ޔަގީން" ހީނލަމުން ރާދިން ބުނެލިއެވެ.
"ވަރަށް ލަސްވެއްޖެ... ދެން ދަނީ، މާދަން ޑިއުޓީ ވެސް އެބައޮތް" ރާދިންގެ އަތުގައި ހިފާލައިގެން ހުރެ ޝިހާނާ ބުންޏެވެ. އޭނާ ދެ ކޮޅަށް ކުޑަކޮށް އެނބުރިލިގޮތުން ހީވީ ރާދިންއާ ދުރަށްދާން ބޭނުންނުވަނީ ހެންނެވެ. އެކަން އެނގި ޝިހާނާގެ އުނަގަނޑުގައި ހިފާ ރާދިން ގާތްކޮށްލިއެވެ. އަދި ލޯތްބާއެކު ޝިހާނާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"އައި ލަވް ޔޫ... ގުޑް ނައިޓް، މާދަން އިރާދަކުރެއްވިއްޔާ ގުޅާނަން" ޝިހާނާގެ ކޯތާފަތުގައި ބޮސްދީފައި ރާދިން ބުނެލިއެވެ.
"އައި ލަވް ޔޫ ޓޫ" ރާދިންގެ މޭގައި ލައްވެލައިގެން އިރުކޮޅަކު ހުރުމަށްފަހު ޝިހާނާ ދުރަށް ޖެހިލިއެވެ. އަދި ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ގޭތެރެއަށް ވަންނަން ޝިހާނާ ހިނގައިގަތެވެ. ދޮރޯށިން ޝިހާނާ ވަދެ ދޮރު ލައްޕާލުމުގެ ކުރީން ފަހަތަށް އެނބުރި ރާދިންއާ ވަކިވުމުގެ ސަލާމެއްގެ ގޮތުން އަތް އުފުލާލާ ހަރާތްކޮށްލިއެވެ. ދެ ޖީބަށް އަތްތިލަ ކޮށްޕައިލައިގެން ހުރި ރާދިން ހިނިތުންވެލަމުން ބޮލުން އިޝާރާތްކޮށްލީ އެތެރެއަށް ވަންނާނޭ ބުނުމުގެ ގޮތުންނެވެ. ޝިހާނާ ދޮރޯށި ލައްޕާލުމާއެކު ރާދިން އެނބުރި ކާރަށް އަރާ ދުއްވާލައިފިއެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލިކަން އެނގި އަރްސަލްގެ އަތުން ނިމްރާގެ އަތް ދުރަށްލިއެވެ. އަދި މަޑުމަޑުން އަރްސަލްއާ ދުރަށް ޖެހިލިއެވެ. ނިމްރާއާއި އަރްސަލް އެކުގައި ތިބިތަން ފެނުމުން މިފަހަރު ރާދިންގެ ހިތުގައި ސުވާލުތަކެއް ނުއުފެދެއެވެ.
"އާނާ ގޮވައިގެން ދުއްވަން ގޮސްފައި ދޯ ތި އައީ" ސޯފާތައް ކައިރިއަށް ރާދިން އައިސް ހުއްޓިލުމާއެކު އަރްސަލް ބުނެލިއެވެ.
"ކުޑަކޮށް ދުއްވާލީ" ބޯ ކަހާލަމުން ރަކި ހީނލުމަކާއެކު ރާދިން ބުނެލިއެވެ.
"ޑާލިންގް ދަނީތަ؟" ނިމްރާ ތެދުވުމާއެކު ރާދިން އަހާލިއެވެ.
"ރާދު އަންނަންދެނޭ މި އިންނަނީ... އެހާ ލަހުން ނިދައިފިއްޔާ ހެނދުނު ނުހޭލެވިދާނެ، މާދަމާ މީ މި އެޕާޓްމެންޓުގައި އަހަރެން މަސައްކަތްކުރާނެ އެންމެފަހު ދުވަސް... ސޯ ލާސްޓް ޑޭގަ ވެސް ދާންވާނީ އެންމެ ރަނގަޅަށް ހުރިހާ ކަމެއްކޮށްފައެއްނު" ބޯއަރިކޮށް ރާދިންއަށް ނިމްރާ ހީނލިއެވެ. ރާދިން ހައިރާންވެފައި ބަލާލީ އަރްސަލްއަށެވެ. އެހިނދު އަރްސަލް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. ރާދިންއަށް އަރްސަލްގެ އެ ހަރަކާތުން ހުރިހާ އެއްޗެއް ވިސްނުނެވެ.
"ލެޓްސް މޭކް ސަމްތިންގް ސްޕެޝަލް މާދަން... އަހަރެންގެ ޑާލިން މެއިޑެއްގެ ގޮތުގައި ފެންނާނޭ އެންމެ ލާސްޓް ޑޭގަ ވާނެއެއްނު ޚާއްޞަކަމެއް ކުރަން" ރާދިން ހެވިފައި ބުނެލިއެވެ. ނިމްރާ ބޯޖަހާލަމުން އެތެރެއަށް ވަދެގެން ދިޔައީއެވެ.
ރާދިންގެ އަތުގައި އޮތް ޖެކެޓު އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާ ގޮނޑީގައި އަޅުވާލުމަށްފަހު ލައިގެން ހުރި ވެސްޓު ވެސް ބާލައި ގޮނޑީގައި އަޅުވާލިއެވެ. އަދި ގަމީހުގެ ކަރުގޮށުން ފެށިގެން ތިރިއަށް އިތުރު ދެގޮށް ނައްޓާލަމުން އައިސް އަރްސަލް އިން ސޯފާގައި އިށީނެވެ. އެ ދެމެދުގައި ދެން ދެކެވެން ފެށި ވާހަކަ ދައްކަމުންދިޔައީ ސިއްރުންނެވެ. އެހެން މީހަކަށް އަޑުއިވިދާނޭތީ ސަމާލުވެ ތިބެއެވެ.
* * * * *
ފަތިސް ނަމާދަށް ރާދިން ގޮސްފައި އެނބުރި އައިއިރު ނިމްރާ އުޅޭތަން ފެނުނެވެ. ރާދިންއަށް އެވަގުތު ބޭނުންވާނީ ކޮފީކަން އެނގޭތީވެ ނިމްރާ އަވަހަށް ކޮފީ މެޝިނުން ކޮފީތަށްޓެއް ތައްޔާރުކުރިއެވެ.
"މޯނިންގް ޑާލިންގް... މިއަދު ބްރެކްފަސްޓް ތައްޔާރުކުރާނީ އަހަރެން އިނގޭ، ނިމްއަށް މީރު އެއްޗެއް ބުނެބަލަ" ނިމްރާ ގެނެސްދިން ކޮފީތަށީގައި ހިފަމުން ރާދިން ބުނެލިއެވެ.
"އަހަރެން ހުރިހާ އެއްޗެއް ވެސް ކަން... ޚާއްޞަ އެއްޗެއް ނެތް" ނިމްރާ ފެންނަނީ ނިކަން ސީރިއަސްކޮށެވެ.
"ދެން ބުނެބަލަ... އަހަންނަށް ތައްޔާރުކުރަން ނޭނގިދާނޭތީ ނުބުނަންތަ ތިއުޅެނީ، މިހާރު ދެން ނިމްއަށް އެނގޭނެ އަހަންނަށް ކައްކަން އެނގޭކަން" ރާދިން ބުންޏެވެ.
"ފޮނި އެއްޗެއް ހަދަމާ... ޗޮކުލެޓް ކޭކެއް އަޅަމާ މިއަދު" އިރުކޮޅަކު ކާމޭޒު ދޮށުގައި ހިމޭންވެފައި އިން ނިމްރާ މަޑުމަޑުން ބުނެލިއެވެ. ކައުންޓަރު ދޮށުގައި ސްޓޫލެއްގައި އިން ރާދިން އިނީ ނިމްރާގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ. ނިމްރާ އެހާ ގަޔާނުވާހެން ރާދިންއަށް ހީވަނީއެވެ.
"އައި ވިލް މިސް ޔޫ... މޯނިންގް ގަޑީގައި ދެން ނުވެސް ފެންނާނެ... ގެއަށް އައިސް ވަދެލާ ފަހަރަކު ވެސް ނުފެންނާނެ" މަޑުމަޑުން ކޮފީތަށިން އެތި ފޮދު ބޯން އިނދެފައި ރާދިން ބުނެލިއެވެ.
"ދުވަސްކޮޅަކުން ރާދު އަހަރެންގެ މަތިން ހަނދާންނެތިދާނެ، އަހަރެން މި ކުރާ ހުރިހާ ކަމެއް ކުރަން އެހެންމީހަކު އައީމަ އަހަރެން ނެތްކަމުގެ އިޙްސާސެއްނުވާނެއެއްނު" އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުން ނިމްރާ ވާހަކަދެއްކިއެވެ. އޭނާއަށް އިވުނީ ރާދިން ލުއި ގޮތަކަށް ހީނލީއަޑެވެ.
"ދެޓްސް ނޮޓް ޕޮސިބަލް، ޔޫ ވިލް އޯލްވޭޒް ބީ މައި ޑާލިންގް... މައި ލިޓްލް ސިސްޓާ... ނިމް! މީ އާ ފެށުމެއް ކަމުގައި ހީކުރޭ... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް މަޑުމަޑުން ދެންވާނީ ރަނގަޅު، ކުދިކުދި ކަންތައްތަކާ ނިމް މާ ބޮޑަށް ފިކުރުކުރަނީ ހެން ހީވަނީ، އައި ވިލް އޯލްވޭޒް ބީ ހިއާ ފޯ ޔޫ، ނިމް ކަމެއް ބޭނުންވެއްޖެ ހިނދެއްގައި އަހަރެން ފެންނަންނެތްނަމަ ހުންނާނީ ފޯނުކޯލެއްގެ ދުރުމިނުގައިކަން ޔަގީންކުރޭ... ނިމް މިހާރު އެކަންޏެއްނޫން، އައި ކެއާ ފޯ ޔޫ... އާނާ އިޒް ދެއާ ފޯ ޔޫ، ދެން ހަލަފް... އޭނާ މާ ކުރީން ވެސް ވަނީ އޭނާގެ ރެޑްއާމެދު ކެއާކުރާކަން އިޢުލާންކޮށްފައި... ސޯ ޔޫ އާ ނޮޓް އެލޯން އެނީމޯ... ލާން ޓު ލިވް... ބީ ހެޕީ... އެކްސެޕްޓް ލަވް... އަހަރެމެން އެންމެންނަށް ވެސް ނިމް ޚާއްޞަ" ރާދިންގެ ވާހަކަތަކުން ނިމްރާގެ ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް ހަޤީޤީ އުފާވެރިކަމެއް އިޙްސާސެއްނުވިއެވެ.
"އެވްރިވަން ބަޓް އަރްސަލް... އޭނާ އަހަރެން އެކްސެޕްޓެއް ނުކުރާނެ، އަހަރެން ފޮނުވާލަން ނިންމީ އޭނާ... އަހަންނަށް މަޢާފުކުރީމޭ އަރްސަލް އެއްފަހަރު ވެސް ނުބުނޭ، ވެދިޔަކަމެއް ހިނގައިދިޔައީ އަހަރެންގެ އިހުމާލުން ނޫންކަން އަރްސަލް ޤަބޫލެއްނުކުރޭ... ދުވަހަކުވެސް އަހަންނާމެދު އޭނާ ހިތުގެ އަޑިން ރުހޭނެހެން ހީނުވަނީ... އެކަމަކު އަހަރެމެން ދެ މީހުންގެ ދެމެދުގައި ހިނގައިފާ ހުރި ގާތްކަން" ނިމްރާއަށް އިތުރަށް ވިސްނުން ހިންގާނެ ހިތްވަރެއް ނުލިބުނެވެ.
ނާސްތާ ތައްޔާރު ކުރީ ރާދިންނެވެ. މޭޒު މަތީ ތަށިތައް އެތުރީ ނިމްރާއެވެ. އެ ދެ މީހުން ބަދިގެ ފަރާތުގައި ހަރަކާތްތެރިވަނިކޮށް އަރްސަލް ނުކުތެވެ. އޭނާ ހުރީ އެހެންޏާ އެ ގަޑީގައި ފެންނަ ރަސްމީ ހެދުމުގައެއް ނޫނެވެ. މަޑު ނޫކުލައިއެއްގެ އަތްދިގު ގަމީހުގެ އަތްކުރި އޮތީ މުލައްދަނޑި ހާމަވާވަރަށް މައްޗަށް އޮޅާލާފައެވެ. ހެނދުނުގެ ސަލާމް ރާދިންއާއި ނިމްރާއަށް އެކުއެކީ ކޮށްލުމާއެކު އައިލެންޑް ދޮށުން ސްޓޫލެއްގައި އަރްސަލް އިށީނެވެ. އޭނާގެ ސަމާލުކަން ވަނީ އަތުގައި އޮތް ޓެބްލެޓަށް ދެވިފައެވެ. ރާދިން ޖޫސްތަށި ހުސްކޮށްލުމަށްފަހު ތެދުވިއެވެ. އަރްސަލްއަށް ތަށިތައް ތައްޔާރުކުރުމުގައި ނިމްރާ އުޅުނެވެ.
"މެންދުރު މިކޮޅަކަށް ނާންނާނަން އިނގޭ، މިދަނީ ހޮޓެލަށް... އެކޮޅަށް ހުރިހާކަމެއް ޗޭންޖުކޮށްގެން މިއުޅެނީ" ސައިބޯން އިނދެ އަރްސަލް ބުނެލީ ނިމްރާއާ އަވަސް ނަޒަރެއް ބަދަލުކޮށްލަމުންނެވެ. ނިމްރާ ހަމައެކަނި ބޯޖަހާލީއެވެ.
ރާދިންއާއި އަރްސަލް އެކުގައި އެޕާޓްމެންޓުން ނުކުމެގެން ދިއުމުން އެހެން ދުވަސް ދުވަހާ ޚިލާފަށް ތަށިތައް ނެގުމުގެ ބަދަލުގައި ކާމޭޒުދޮށުގައި ނިމްރާއަށް އިނދެވުނީއެވެ. ފިކުރުކުރުމުގައެވެ. އުޅޭނޭ ތަނެއް ހޯދުމާއި ފައިސާ ލިބޭނޭ މަގެއް ހޯދުމުގެ ޚިޔާލު އޭނާގެ ސިކުނޑީގައި ދައުރުވާންފެށީއެވެ.
"އަހަރެން ދެން މުޅި އުމުރު ވެސް މިހެން ކަންނޭނގެ އުޅެން ޖެހޭނީ، ވަންނާނޭ ގެދޮރެއްނެތި އެއްތަނުން އަނެއްތަނުން، އަބަދުވެސް ވަޒީފާއަށް ބަރޯސާވެގެން... މިފަދަ ހާލެއް ޖެހިދާނޭ އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން، ނޭނގިހުއްޓައި އަހަރެންގެ އެއްވެސް ކުށެއްނެތި މީހަކު އަހަންނަށް ދިން ބޮޑު ލަނޑެއްމީ... އެކަމާ ޝަކުވާކޮށް ރޮއެ ހަދާކަށް މިހާރު ބޭނުމެއް ވެސް ނޫން، ޝުކުރުވެރިވަން އޭނާގެ ގާތުން ސަލާމަތްވެވުނީތީ... ލަހުން ވިޔަސް އޭނާގެ ހަޤީޤަތް އެނގުނީތީ، އެކަމަކު... އަރްސަލްގެ މަތިން އަހަރެން ހަނދާނެއްނުނެތޭނެ، ހަނދާންނައްތާލާކަށް ވެސް އަހަރެން ބޭނުމެއްނޫން... ރަނގަޅު މީހުންނާ އަހަންނާ ދިމާވެއްޖެ، ރަޙުމަތްތެރިކަމާއި އެހީތެރިވެދޭނޭ ބަޔަކު މިހާރު އެބަތިބި، ދެން އޮތީ އަހަރެންގެ އަމިއްލަ ހިތްވަރުން ކޮޅަށް ތެދުވުން، އަހަރެންގެ ހިތް އެދޭގޮތަކީ އަރްސަލް ބޭނުންވާ ގޮތްކަމުގައި ނުވެއްޖެއްޔާ އެކަން އަހަންނަށް ޖެހޭނީ ޤަބޫލުކުރަން، އެގޮތް ވެސް އޯކޭ... އޭނާ އެދޭ ގޮތެއް އަހަރެން ހަދާނަން" ނިމްރާ އަމިއްލައަށް ހިތްވަރު ހޯދިއެވެ.
އިރުއޮއްސެން އުޅެނިކޮށް އަރްސަލްއާއި ރާދިން އެނބުރި ގެއަށް އައެވެ. އެޕާޓްމެންޓަށް ވަދެވުނު ގޮތަށް ދެ މީހުން ވެސް އަވަސްވެގަތީ ހޮޓެލްއާ ބެހޭ ގޮތުން ނޫސްތަކުގައި ޖަހާފައި އޮތް އެއްޗެއް ނިމްރާއަށް ދައްކާށެވެ. އެއް ނޫހުގައި ފަލަ ސުރުޚީގެ ދަށުން ބޮޑުކޮށް ޖަހާފައި އޮތީ ކީފާގެ ފޮޓޯއެކެވެ. ޚަބަރުގެ މެދުތެރެއިން އަރްސަލްއާއެކު ކިފާ ހުއްޓާ ނަގާފައި ހުރި ފޮޓޯއެވެ. އެ ނޫހުން އިސްކަން ދީފައި އޮތީ އަރްސަލްއާއި ކީފާގެ ދެމެދުގައި އޮތް ގުޅުމާ މެދުއެވެ. އަދި ސުވާލު އުފައްދާފައި އޮތީ ސްކާލެޓް ގޮމަ ޚާއްޞަކުރެވިފައިވާ ސްކާލެޓްއަކީ މުޅި ޙަފުލާގައި ހަމައެކަނި ރަތް ހެދުމުގައި ހުރި ކީފާ ކަމާ މެދުގައެވެ. ހަމަ އޭގެ އިދިކޮޅަށް އެހެން ނޫހަކުން ވާހަކަދައްކާފައި އޮތެވެ. އޭގައި އިޝާރާތްކޮށްފައިވަނީ އެ ނޫހުން ފޮޓޯއެއް ނަގަން އެދުމުން އަރްސަލްގެ ސޫޓާ ގުޅޭ ގޮތަށް ނޫކުލައިގެ ހެދުން ލައިގެން ހުރި އަންހެންކުއްޖާ ގާތްކޮށްލާ ފޮޓޯއަށް ހުއްޓުނު ގޮތުގެ ވާހަކައެވެ. އަދި އެ އަންހެންކުއްޖާގެ ޒަމާނީ ގޮތަށް ކޮށާފައިވާ އިސްތަށިގަނޑުގައި ހުރި ރަތްކުލައަށް އިޝާރާތްކޮށް ވާހަކަދައްކާފައެވެ. ރަތް މާވަހަރުގެ ނަންދެވިފައިވާ އަގުބޮޑު ހޮޓެލްގެ ގޮމާއަކީ ނޫހެދުމުގައި ހުރި ޖިންސުއްލަޠީފުކަން އެ ނޫހުން ޔަގީންކޮށްފައި އޮތެވެ. ރާދިންއާއި ޝިހާނާގެ ޖޯޑަށްވުރެ ނޫސްތަކުން ސަމާލުކަން ދީފައި އޮތީ އަރްސަލްއަށެވެ. އަދި ގިނަބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ އިމާރާތަކަށް އެ ހޮޓެލްވެއްޖެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ރާދިންއާއި އަރްސަލް އަނެއްކާ ވެސް ނުކުމެގެން ދިޔައީ މުހިންމު ކަމެއް ކުރަން ޖެހިފައި އޮތީމައޭ ކިޔާފައެވެ. އެހެންނަމަވެސް ނިމްރާއަށް ތައްޔާރުވެގެން ހުރުމަށް އަރްސަލް ހަނދާންކޮށްދިނެވެ. ނިމްރާ ބޭނުންކުރާ ހުރިހާ އެއްޗެއް އޭނާ ގެންގުޅޭ ފޮށްޓަށް އަޅައި ތައްޔާރުކުރިއެވެ. އޭނާ ގެންދަން ތަނެއް ހަމަޖެހިފައި ހުރި ވާހަކަ އަރްސަލް ބުނުމުން ނިމްރާ ނިންމީ އަރްސަލް އެދޭ ގޮތެއް ޚިޔާރުކުރާށެވެ. ކުރިން އޭނާ ގަސްދުކޮށްގެން ހުރީ ވަގުތީ ގޮތުން ގެސްޓް ހައުސްއެއްގައި ހުންނާށެވެ. ބޮޑު ޚަރަދެއް ކުރަން ނުޖެހޭތީ މުސާރައިގެ ގޮތުގައި އަރްސަލް ޖަމާކޮށްދެމުން އައި ފައިސާ އެއްވެ ބޮޑު އަދަދެއް ނިމްރާގެ އެކައުންޓުގައި ހުރީތީ ވަޒީފާއެއް ލިބެންދެން އުޅެވޭނެކަމުގެ ޔަގީންކަން ނިމްރާއަށް އޮތެވެ.
އަރްސަލް ބުނި ފަދައިން އެގާރަޖެހި ތަނާހެން އޭނާ ގުޅިއެވެ. ފަސްވަރަކަށް މިނެޓް ތެރޭ އެޕާޓްމެންޓަށް އޭނާ ވަންއިރު ނިމްރާ ހުރީ ފޮށި ހިފައިގެން ސިޓިންރޫމުގައެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ނިމްރާގެ ފޮށީގެ އަތްގަނޑުގައި ހިފާ ދަމާލަމުން އަރްސަލް ހިނގައިގަތީ އެޕާޓްމެންޓުން ނުކުންނާށެވެ. އޭނާގެ ފަހަތުން ނިމްރާ އައެވެ. އެޕާޓްމެންޓުން ނުކުމެ ލިފްޓަށް އެރުމުން ނިމްރާގެ ހިތުގެ ތެޅުން ބާރުވިއެވެ. އިރުއިރުކޮޅާ އަރްސަލްއަށް ބަލާލައެވެ. އޭނާ އެއްޗެއް ބުނަން ނިމްރާ ބޭނުންވާ ކަހަލައެވެ. ނޫނީ ނިމްރާއަށް ހިތުގައި އޮތް އެއްޗެއް ނުބުނެވިގެން އުޅޭ ކަހަލައެވެ. ވާގޮތެއް ނޭނގި ހާސްކަމުގެ ތެރޭ ނިމްރާއަށް ތިރީ ތުންފަތުގެ އެއްކޮޅު ހަފާލަހަފާލައި ހުރެވުނެވެ.
ކާރާ ހަމައަށް އާދެވުމާއެކު ޑިކީއަށް ނިމްރާގެ ފޮށި ލާފައި އައިސް ކުރީ ދޮރުފަތް އަރްސަލް ހުޅުވާލިއެވެ. ނިމްރާ ކާރަށް އެރުމާއެކު އަވަސްއަވަހަށް ދޮރުފަތް ލައްޕާލާފައި ކާރުގެ ކުރިމަތިން އަރްސަލް ވަށާލާފައި އައިސް ކާރުގެ ޑްރައިވަރު ސީޓުގައި އިށީނެވެ.
"ވިލް ޔޫ ބީ އޯކޭ" ކާރު ދުއްވާލުމުގެ ކުރީން އަރްސަލް އަހާލިއެވެ. ނިމްރާ ބޯޖަހާލިއެވެ. އޭނާއަށް ކުރެވެމުންދިޔަ އިޙްސާސްތަކާއެކު ބިރުގެ މަތިން ވެސް ހަނދާންނެތިފައި އިން ކަހަލައެވެ.
"ސްކާލެޓް! ކީއްވެ ދާހިތްލަނީ... ފިނިގަދަކޮށްލަންވީތަ؟" އިސްޖަހައިގެން އިން ނިމްރާގެ ނިތްކުރީން ދާތިކީގެ އަސަރު ފާޅުވާތަން ފެނި އަރްސަލް ބުނެލިއެވެ. ނިމްރާ ދެން ވެސް މަޑުމަޑުން ބޯޖަހާލީއެވެ. އަރްސަލް ކާރުގެ ފޭން ނިމްރާއާ ދިމާއަށް އެޖަސްޓުކޮށްލުމަށްފަހު އުނގުގައި ބާއްވާލެވިފައި އޮތް ނިމްރާގެ އަތުގައި ހިފާލިއެވެ. ކާރުގެ ދުވެލި މަޑުވުމުން ނިމްރާ ހައިރާންވިއެވެ. ހީވީ ގެއިން ނުކުތްތާ މިނެޓެއް ވެސް އަދި ނުވާހެނެވެ.
"ހޮޓެލްއަށްތަ؟" ހޮޓެލްގެ ޕާކުކުރާ ސަރަޙައްދަށް ކާރު ވައްދާލުމުން ނިމްރާއަށް އަހާލެވުނެވެ. އަރްސަލް ވަކި ޖަވާބެއް ނުދިނެވެ. ނިމްރާ ގޮވައިގެން އަރްސަލް ވަނީ ހޮޓެލްއަށެވެ. ލޮބީގައި މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. އެއްވެސް ކަމަކަށް ސަމާލުކަމެއް ދިނުމެއްނެތި އަރްސަލް އައިސް ހުއްޓިލީ ޕްރައިވެޓް އެލެވޭޓާ ކައިރިއަށެވެ. އެ ހުޅުވުމުން ނިމްރާއަށް ކުރިން ވަނުމަށް އިޝާރާތްކޮށްލިއެވެ. އޭނާގެ ފަހަތުން އަރްސަލް ވަން ގޮތަށް އޭނާގެ ފިންގާ ޕްރިންޓް ޖަހާލިއެވެ. އެއަށްފަހު އިނގިރޭސި ޕީ އަކުރު ޖަހާފައިވާ ފިތައް އަރްސަލް އޮބާލިއެވެ.
"ކޮންތާކަށް މިދަނީ؟ ހުންނާނޭ ތަނެކޭ ބުނީ މިތަނުން ރޫމެއް އަރްސަލް ހަމަޖެއްސީމަ ދޯ... އެކަމަކު ކީއްކުރަން؟" ނިމްރާ ވާހަކަދެއްކިއެވެ. ނަމަވެސް އަރްސަލް އެކަމާ އެއްވެސް އެއްޗެއް ނުބުންޏެވެ. ދެން ވެސް ނިމްރާ ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ. އަރްސަލް އެގޮތަށް ކަންތައް ކުރުމުން މީހުން ފާޑުފާޑުގެ ވާހަކަދައްކާނޭކަމެވެ.
"ސްކާލެޓް! ވިލް ޔޫ ކާމް ޑައުން އެންޑް ޝަޓް ޔޯ މައުތް" ކުއްލިއަކަށް ނިމްރާގެ އުނަގަނޑުގައި ހިފައި ގެނެސް އަރްސަލްއާ ގާތްކޮށްލަމުން އޭނާ ބުންޏެވެ. އެއާއެކު ވަގުތުން ނިމްރާގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. އެލެވެޓާ ހުޅުވުމާއެކު މިފަހަރު ވެސް އަރްސަލް އެދުނީ ނިމްރާ ކުރިއަށް ނުކުތުމަށެވެ.
ކުޑަކުޑަ ކޮރިޑޯގައި ފެންނަން ހުރީ އެންމެ ދޮރެކެވެ. ދެން ކަންތައްކުރަންވީ ގޮތެއް ނޭނގިފައި ހުއްޓާ ނިމްރާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން އޭނާ ގޮވައިގެން އަރްސަލް އައިސް ރަންއަތްގަނޑުލީ ދޮރުކައިރީ މަޑުކޮށްލައިފިއެވެ. އަދި ތަޅުގެ މަތިގައިވާ ފިތްތަކަށް އޮބާލަމުން ލޮކްކޯޑު ޖަހާލިއެވެ. އެއާއެކު ތަޅު ހުޅުވުނު އަޑު އިވިގެންދިޔައެވެ. އަރްސަލް ދޮރު ހުޅުވާލާފައި ނިމްރާ ވެއްދިއެވެ. އަނދިރިކޮށް އޮތް މާޙައުލު ކުއްލިއަކަށް އަލިވެ ބައެއްގެ ހަޅޭކުގެ އަޑު އިވިގެންދިޔައެވެ. ގަދަ އަލީގެ ތެރެއިން ނިމްރާއަށް ފެނުނީ ރާދިންއާއި ޝިހާނާގެ އިތުރުން ހަލަފް ހުއްޓައެވެ. ބަލަބަލާ ހުއްޓާ ތަޅުމުން ފެށިގެން މަތީ ސީލިންގާއި ހަމައަށް ހުރި ބޮޑެތި ކުޑަދޮރުތަކުގެ ފަރުދާތައް މައްޗަށް އަރަމުން ހޮޓެލްގެ ވަށައިގެންވި މާޙައުލު ހާމަވަމުންދިޔައެވެ. ބޮޑެތި ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި މޭޒުގެ މަތީ ޗޮކުލެޓު ކޭކެއް ހުއްޓެވެ.
"ސްޕްރައިޒް ރެޑް" ހަލަފް އައިގޮތަށް ނިމްރާގެ ގައިގާ ބައްދާލަން އުޅުނު ހިނދު ނިމްރާގެ އަތަށް އަރްސަލް ދަމާލިއެވެ. އެއާއެކު ނިމްރާ އައިސް ޖެހުނީ އަރްސަލްގެ މޭގައެވެ.
"ސްޓޭ އަވޭ ފްރޮމް ހާ" އަރްސަލް ކަޅި އަޅާލިއެވެ. ނިމްރާ ހުރީ ވާނުވާ ނޭނގިފައެވެ. އޭނާގެ ނަޒަރު ވަށައިގެން ފެންނަމުންދިޔަ އެއްޗިއްސަށް ހުއްޓިފައިވިއެވެ.
"އިޓްސް ސަމްތިންގް ސްވީޓް ޑާލިންގް... އާދޭ އަވަހަށް ފަޅަން، މިރޭ މީ ޚާއްޞަ ރެއެއްނު" ރާދިން ބުނެލިއެވެ. ޝިހާނާ އުފަލުން އަތްތިލަބަޑި ޖަހާލިއެވެ.
"ވަޓްސް ގޮއިން އޮން" ހުރި ފިޔަވަޅުމަތިން ގުޑިލުމުގެ ކުރީން ނިމްރާ ބަލާލީ އަރްސަލްއަށެވެ. އޭނާ ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ.
"ދިސް އިޒް އޯލް ޔޯސް... ހޯލް ޕެންޓް ހައުސް... އިޓްސް ޔޯސް" ހިނިއައިސްފައި ހުރެ އަރްސަލް ދެއަތް ފުޅާކޮށްލަމުން ބުނެލިއެވެ. ނިމްރާއަށް ޤަބޫލުކުރަން ދަތިވިއެވެ. ބުނާނޭ އެއްޗެއް ވެސް އޭނާގެ ދުލަކަށް ނައެވެ. ވަށައިގެން ބަލާލާފައި އަނެއްކާ ވެސް ނަޒަރު ހުއްޓާލެވުނީ އަރްސަލައަށެވެ.
"އަހަރެން ބުނީމަ ޤަބޫލުނުކުރެވުނީތަ؟ ރާދު! ޓެލް ހާ... ޓެލް ހާ އެވްރިތިންގް" އަރްސަލް ބުނެލިއެވެ. އެއާއެކު ޝީހާނާ އައިސް ނިމްރާ ގޮވައިގެން ކޮފީމޭޒު ދޮށަށް ކައިރިވެލައިފިއެވެ.
"މީ ނިމްއަށް އަރްސަލް ދޭން ބޭނުންވި ގިފްޓެއް" ނިމްރާގެ ކޮނޑުގައި ފިރުމާލަމުން ޝިހާނާ ބުނެލިއެވެ. އެއާއެކު އަނެއްފަރާތުން ރާދިން އައިސް ނިމްރާގެ ގާތުގައި ހުއްޓިލިއެވެ.
"ލިވް ޔޯ ލައިފް ޑާލިންގް، އެކްސެޕްޓް އިޓް... މިތަނުން ދުވަހަކުވެސް ނުކުންނާކަށް ނުޖެހޭނެ، މިތާ ހޮޓެއްއެއް ހުއްޓެއްކަމަކު މީ ނިމްގެ އަމިއްލަ ގެއެއްނު، އުޅެބޮޑުވި ތަނެއްނު... މި ޕެންޓް ހައުސް އިމާރާތްކުރުމަށް އަރްސަލް ބޭނުންވީ ނިމް އުޅޭނޭ ތަނެއް ދިނުމަށް... އަހަރެމެންނާ ނިމް ވަކިކޮށްލީކީނޫން، އަރްސަލް ހުރިހާ ވާހަކައެއް ނުބުނީ ގަސްދުގައި، މިރެއިން ފެށިގެން މީ ނިމްގެ ތަނެއް، ދެން އޮތީ ވަޒީފާ... ފައިނޭންޝިއަލް ކަންތައްތަކުގައި ނިމްގެ އެހީ ވަރަށް ބޮޑަށް ލިބުނު، އަހަންނާއި އަރްސަލް އެއްބަސްވެގެން ނިންމި ނިމުމެއް އެއީ ނިމް އަހަރެމެންނާއެކު މަސައްކަތްކުރުން... ތީ މިހާރު މި ހޮޓެލްގެ ސީއެފްއޯ... މިހާރު ސެލެބްރޭޓް ކުރަން އޯކޭއެއްނު ދޯ" ރާދިން ބުނެލިއެވެ. އެންމެން ސިހުނީ ރާދިންގެ ގައިގާ ނިމްރާ ބައްދާލުމާއެކު ރޯންފެށުމުންނެވެ.
"ޑާލިންގް... ހޭ!... ވައި އާ ޔޫ ކްރައިން" ނިމްރާގެ ބުރަކަށީގައި ފިރުމާލަމުން ރާދިން ވާހަކަދެއްކީ އޯގާތެރިކަމާއެކުއެވެ. ޝިހާނާ ވެސް ނިމްރާގެ ބޮލުގައި ފިރުމާލާފައި ނުރޮއެ ހުއްޓާލުމަށް އެދުނެވެ.
"ވައި... ތި ހުރިހާ ކަމެއް ކީއްވެ ތި ކޮށްދެނީ" ހުއްޓާލަން މަސައްކަތްކުރަމުން ނިމްރާ ސުވާލުކުރިއެވެ.
"ޔޫ ޑިޒާވް އިޓް" ރާދިން ހިނިތުންވެލަމުން ނިމްރާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ހަލަފް ވަގުތުން ރާދިން ބުނި އެއްޗަކަށް އެއްބަސްވިއެވެ.
"އިޓްސް ޖަސްޓް އަ ޖޮބް... ސޯ ވޯކް ހާޑް... ކޭން ޔޫ ޑޫ ދެޓް" އަރްސަލް ބުނެލީ ހަރުކަށި ގޮތަކަށެވެ. ދެ ލޯ ފުހެލަމުން ނިމްރާ ހިނިތުންވެލައި އަވަސްއަވަހަށް ބޯޖާހާލީ އެއްބަސްވަމުންނެވެ.
ނިމްރާ ކޭކު ފެޅީ ދެނެވެ. ދެ ފަންގިފިލާއަށް ވާގޮތަށް ހަދާފައި ހުރި ޕެންޓް ހައުސްގެ ހުރިހާ ތަނެއް އެންމެން އެކުގައި ބެލިއެވެ. ނިމްރާ ހުވަފެނުން ވެސް ނުދެކޭހާ އެޕާޓްމެންޓް ފުރިހަމައެވެ. މާސްޓާ ބެޑްރޫމު ހުރީ މަތީގައެވެ. އެތަނާއި ގުޅުވާފައި އައުޑްޑޯ އޭރިއާއެއް އޮތެވެ. މަތީގައި ހުންނައިރު ޕެންޓް ހައުސްގެ ތިރީގައި އޮތް އައުޑްޑޯ އޭރިއާ ފެންނަ ގޮތަށެވެ. އިތުރު ދެ ނިދާކޮޓަރިއާއި ޕާސަނަލް ޖިމްއެއް ހުއްޓެވެ. ޝެފް ފެންވަރުގެ ފުރިހަމަ ބަދިގެ ސެޓަކާއި ދިހަ މީހުންނަށް އިށީނދެވޭނޭ ބިއްލޫރި ދިގުމޭޒެވެ. ވަށައިގެންވާ ބޮޑެތި ދޮރުތަކުގެ ފަރުދާތައްވަނީ އޮޓޮމެޓިކް ކުރެވިފައެވެ. ތަން ފަރުމާކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ވެސް މީހަކު އަޖައިބުވާހާ ވެއެވެ. މީގެ ކުރީން ނިމްރާއަށް ފެނިފައިނުވާ އެއްޗެހި ވެސް ހުއްޓެވެ. އެތަކެތި ބޭނުންކުރާނޭ ގޮތް އޮޅުން ފިލުވަން ވެސް ޖެހުނެވެ.
"މާދަމާ ނިމްއަށް ޗުއްޓީ... އޭގެ އަނެއް ދުވަހު ނުކުންނާނީ އޮފީހަށް... މާދަމާ އެކަންކަން ޑިސްކަސްކުރާނީ" ރާދިން ބުނެލިއެވެ.
"އެކަމަކު އަހަންނާ ހަވާލުވެފައި އޮތް ޓާސްކު ކުޑައެއްނޫން، މާދަން ހެނދުނުން އަންނާނަން، ނިމްގެ ވޯޑްރޮބް ބަދަލުކުރަން މީހަކު ބުނެފަ އޮތީ... އައި ހޭވް ޓު މޭކް ޔޫ ރެޑީ" ޝިހާނާ ބުނެލިއެވެ. ނިމްރާއަށް އެބުނި އެއްޗެއް ނޭނގުނެވެ. އެހެންނަމަވެސް އިތުރަށް އޮޅުން ފިލުވާކަށް ނޫޅުނެވެ.
ގެއަށްދާން އެންމެން ނުކުތުމުން ތަނުގެ ބޮޑުކަމާއި އެކަނިވެރިކަން ނިމްރާއަށް އިޙްސާސްކުރެވުނެވެ. މީގެ ކުރީން އެކަނިމާއެކަނި އެހާ ބޮޑު ތަނެއްގައި ނިމްރާ ދިރިނޫޅޭތީ އެކަނި ހުންނަންވުމުން ޖެހިލުންވާގޮތްވިއެވެ. އެންމެން ނުކުތްތާ ގިނައިރެއްނުވެ މައިދޮރު ހުޅުވުނު އަޑަށް ނިމްރާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެ މޫނުން ހިނިތުންވުން ފާޅުވެގެން ދިޔައީ ދޮރުލައްޕާލާފައި ދޮރުފަތުގައި ލެނގިލި އަރްސަލް ފެނުމުންނެވެ. ދުވެފައި އައި ގޮތަށް އަރްސަލްގެ ކަރުގައި ދެއަތް އަޅުވާލުމާއެކު އޭނާގެ ގައިގާ ނިމްރާ އޮޅުލައިގަތެވެ.
"ތެންކިއު..." ނިމްރާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަރްސަލް އޭނާގެ އުނަގަނޑުގައި ދެއަތް ވަށާލާ އުފުލާލައިފިއެވެ. (ނުނިމޭ)