ދުނިޔެ

ރޫޅާލި އާއިލާތަކުގެ ހައްގުގައި މުޅި އެމެރިކާ އަޑު އުފުލަނީ

ވޮޝިންގްޓަން (ޖޫން 30) - ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާމެދު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމަލު ކުރަމުންދާ ހަރުކަށި ސިޔާސަތާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި އެވެ.

ވެރިރަށް ވޮޝިންގްޓަނަށް 30،000 މީހުން މިހާތަނަށް އެއްވެފައިވާއިރު، ބާކީ 50 ސްޓޭޓުގައި ވެސް ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް 700 އަށް ވުރެ ގިނަ ހަރަކާތްތައް ވަނީ ރޭވިފަ އެވެ.

ފާޑުކިޔުންތައް އިތުރުވެ ސަރުކާރަށް ޕްރެޝާ ބޮޑުވެގެން ޓްރަމްޕް ވަނީ ހާއްސަ ގަރާރަކުން އާއިލާތައް ވަކި ކުރުން ނިމުމަށް ގެނެސްފަ އެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ގޮތުން، ބޮޑެތި މީހުންނާއެކު ކުޑަކުދިން ހައްޔަރުކޮށްފައި ނުބޭތިއްބޭތީ، އެތަކެއް ކުޑަކުދިންނެއް އެ ކުދިންގެ އާއިލާތަކާއި ވަނީ ވަކިކޮށްފަ އެވެ. ކުޑަ ކުދިންގެ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ބުނާގޮތުގައި، ޑިޕޯޓްކުރެވޭ އެތަކެއް މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ވީގޮތެއް ނޭނގި ގިނަ ތަކުލީފުތަކާއި ކުރިމަތިލާންޖެހެ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހާއި ހަމައަށް 2،300 ކުޑަކުދިން ވަނީ މައިންބަފައިންނާއި ވަކިކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތައް ދާދި ފަހުން ގެނެވުނު ބަދަލާއިއެކު، މިހާރު އާއިލާތަކާއި ވަކިކޮށްފައިވާ ކުދިންނާމެދު އަމަލު ކުރާނެ ގޮތެއް ހިމަނާފައެއް ނުވެއެވެ.

އާއިލާތަކާއި ވަކި ކުރާ ކުޑަކުދިން ބައިތިއްބާ ސެންޓަރެއްގައި، ކުޑަކުދިން ދަނގަޑު ގޮޅި ގޮޅީގައި، މައިންބަފައިންނަށް އެދި ރޮމުންދާ މަންޒަރު ފެންނަ ވީޑިއޯ ލީކުވުމާއި ގުޅިގެން، ޓްރަމްޕްގެ "ލާއިންސާނީ" ސަރުކާރަށް ފަޑުކިޔުންތައްވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އަންގާރަ ދުވަހު އެމެރިކާގެ ފެޑަރަލް ކޯޓަކުން ވަނީ މިހާރު ރޫޅާލެވިފައިވާ އާއިލާތައް އެއް މަސް ދުވަހުގެ ތެރޭގައި އަލުން ގުޅުވުމަށް ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ. ފަސް އަހަރުން ދަށުގެ ކުޑަކުދިން، އެ ކުދިންގެ އާއިލާ އާއި އަނބުރާ ހަވާލުކުރުމަށް ދެ ހަފްތާގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.