ރެފިއުޖީން

ރެފިއުޖީން ބޭރު ކުރުމުގެ މަސައްކަތް މާދަމާ ފަށާނަން: ޓްރަމްޕް

ދެކުނު އެމެރިކާގެ ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުތައް ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް އެތެރެވެފައިވާ މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕާއި ހަވާލަދީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓުގެ އެކްޓިން ހެޑް މެތިއު އެލްބެންސް ވިދާޅުވީ، ހިޖުރަވެރިން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ގައުމީ ފެންވަރުގައި މާދަމާ ފަށާ ކެމްޕޭންގެ ދަށުން ގިނަ އަދަދެއްގެ ރެފިއުޖީން އަނބުރާ ފޮނުވާލާނެ ކަމަށެވެ.

މެތިއު އެލްބެންސް ވަނީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތާބެހޭ ގޮތުގެ މައުލޫމާތު ވެސް ދެއްވާފަ އެވެ. އެގޮތުން އޮޕަރޭޝަންގެ ދަށުން ޑިޕޯޓް ކޮށްލާ ފަރާތުގެ އާއިލާ މީހަކު އެމެރިކާގައި ގަވާއިދާ އެއްގޮތަށް އުޅެމުންދާނަމަ، އެފަރާތްތަކަށް ގާނޫނީ ކަންކަން ފުރިހަމަ ކުރަން އެކަށީގެންވާ މުއްދަތު ދޭނެ ކަމަށް ވިދާޅުވި އެވެ. އަދި އަނބުރާ ގައުމަށް ފޮނުވާލުމުން ވެސް، ވަގަށް އެތެރެވެފައިވާ މީހުން ދިރިއުޅޭ 10 ސްޓޭޓެއް ވަކި ހާއްސަ އުސޫލެއްގެ ދަށުން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ރެފިއުޖީން ކުށްތަކަށް އަރައިގަންނަކަން ފާހަގަކޮށް، މެތިއު އެލްބެންސް ވިދާޅުވީ، އެފަދަ ކުށްވެރިން ޖަލަށް ލިޔަސް ޖަލުގެ ތެރޭގައި ވެސް ކުށްކުރާ ކަމަށެވެ. އޭގެ ސަބަބުން ޖަލުގެ އަމާންކަން ގެއްލި ބަންދުގައި ތިބޭ އެމެރިކާގެ މީހުން ބިރުވެރިކަމާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެމެރިކާއިން ރެފިއުޖީން ޑީޕޯޓް ކުރަން ނިންމީ، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރަށް ދެކުނު އެމެރިކާގެ ގައުމުތަކުން ރެފިއުޖީންގެ ގޮތު މީހުން އަންނަ ކަމަށް ބުނެ އެވެ. އަދި އޭގެ ސަބަބުން އިގްތިސޯދަށް ނުރަނގަޅު އަސަރުކުރަމުންދާ ކަމަށްވެސް ބުނެ އެވެ.

ތަފާސްހިސާބުތަށް ދައްކާގޮތުން މިހާރުވެސް އެމެރިކާގައި 244 މިލިއަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރި އުޅެ އެވެ. މީގެ ތެރޭގައި ގިނައީ ވަގަށް އެމެރިކާގެ ބޯޑަރު ހުރަސްކޮށްގެން ވެދެފައިވާ ދެކުނު އެމެރިކާ ގައުމުތަކުގެ މީހުންނެވެ.